ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވަނީ އަންހެނަކާއި ފިރިހެނެއްގެ ކިބައިންނެވެ. އެދެމީހުންނަށް އަހަރެމެން މުހާތަބުކޮށް އުޅޭ މައިންބަފައިން ނުވަތަ މަންމަ އާއި ބައްޕަ ކިޔަމުންނެވެ. މިދެމީހުންނަކީ އެމީހުންނަށްޓަކައި އަހަރެމެން ދަރާފައިވާ ދަރަނި އެހާމެ ބޮޑު ދެމީހުންނެވެ. އެދެމީހުންގެ ހައްޤުތައް އެހާމެ ގިނަ ބައެކެވެ. މައިންބަފައިންނަކީ އެމީހުންނަށްޓަކައި އަހަރެމެން ޝުކުރުވެރިވުން ހައްޤު ބައެކެވެ.
ލުޤުމާން ސޫރަތުގެ 14ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. "وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ" (لقمان 14)
މާނައީ: "އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއައިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަމާއި އުނދަގޫ އުފުލާ ޙާލުގައެވެ. އަދި(މަންމަގެ ގާތުން)ކިރުބުއިން ހުއްޓާލުން ވަނީ ދެއަހަރުގެ ތެރޭގައެވެ. ތިމަން އިލާހަށް ޝުކުރު އަދާކުރާހުށިކަމެވެ. އަދި ތިބާގެ މައިންބަފައިންނަށްވެސް މެއެވެ. އަދި ތިޔަބައިމީހުން އެނބުރި އައުންވަނީ ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ."
މި އާތަޔުގެ މާނައިން އަހަރެމެންނަށް އެނގޭ ކަމަކީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲ އަހަރެމެންނަށް ކޮށްފައިވާ ވަސިއްޔަތެއް ކަމެވެ. އެހެންކަމުން އެއީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ. އަދި މައިންބަފައިންނަށް އޯގާތެރިވުމަށާއި އިޙްތިރާމް ކުރުމަށް އަމުރުފުޅު އައިސްފައިވާއިރު، މަންމައަށް ޚާއްޞަކޮށް އޯގާތެރިވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރުކުރައްވާކަން މި އާޔަތުން ދޭހަވެއެވެ. އެހެނީ ބަލިކަށިކަމެއްގެ މައްޗަށް ބަލިކަށިކަމަކާއި އުނދަގުލެއް އުފުލާހާލު ބަލިވެ އިންނަވާހައަކާއި މައިމީހާގެ ގާތުން ކިރު ބޯ ވާހަކަ އައިސްފައި ވުމުންނެވެ.
މިކަމަށް ބާރުދޭ އަނެއް ކަމަކީ މާތް ރަސޫލާގެ އަރިހުން، އެންމެ ބޮޑަށް އަޅާލަންވީ ކާކަށްތޯ ސުވާލު ކުރެވުނު ހިނދު، ތިންފަހަރުވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވީ "ތިބާގެ މަންމައެވެ". އޭގެފަހުން ހަތަރުވަނަ ފަހަރު "ތިބާގެ ބައްޕައެވެ". ހަމަ އެއާއި އެކު އިސްލާމީ ތާރީޚުން އެނގޭ ގޮތުގައި، މަންމަގެ ރުހުން ނުލިބުމާއި އެކު ސުވަރުގެ މަނާވި ޒުވާނެއްގެ ވާހަކަވެސް އައިސްފައި ވެއެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގެ ސޫރަތުލް އިސްރާގެ 23ވަނަ އާޔަތާއި 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ: "۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا (23).
މާނައީ: އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!
وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (24).
މާނައީ: އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!"
މިއާޔަތްތަކުގެ މާނައަށް އިންސާނަ ވިސްނާށެވެ. ފަހުމްނުވުމެއް، ދެނެގަތުމަށް ދަތިކަމެއް ނެތެވެ. މައިންބަފައިންނާއި ދޭތެރޭ ކަންތައް ކުރަންވީ ގޮތް މާތް ﷲ މި ވަނީ އަންގަވާފައެވެ. މިނޫން މަގަކުން އެމީހުންނާއި ދޭތެރޭ ކަން ކުރެވިއްޖެ މީހަކީ، އަބާއްޖަވެރިއެކެވެ. އާހިރުގައި ހިތާމައާއި މޮޅިވެރިކަން ހުރި އިންސާނެކެވެ. ހިތިވެގެންވާ ނިމުމަކީ އެއީއެވެ. އެހެންކަމުން މިއީ އަދުގެ ޒުވާނުން ވަރަށްބޮޑަށް ވިސްނާ ސަމާލުކަން ދޭން ޖެހޭނޭ ކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން