އިމްތިހާނުގެ ގޮވައްޗެއްކަމުގައިވާ މި ދުނިޔޭގައި އަބަދުވެސް އިންސާނުންނަށް އެކި އެކި އިމްތިހާނުތަކާއި ކުރިމަތިލާން ޖެހިދެއެވެ. އުފާވެރި ކަމުގެ ހަބަރަތަކާއި އެކުގައްޔާއި އަދި ހިތާމައާއި ބިރުވެރިކަމުގެ އިންޒާރުތަކާއި އެކުގައެވެ. އާންމުގޮތެއްގައި އިންސާނާއަށް ކުރިމަތިވާ އިމްތިހާނުތަކަކީ ހީތަމަވެރި ކަމާއި ބިރުވެރިކަމުގެ ތެރެއިން ކުރިމަތިވާ އިމްތިހާނު ތަކެކެވެ. ބަލާވެރިކަމާއި މުސީބާތްތަކެވެ. ކާރިސާ ތަކާއި ހާދިސާތަކެވެ.

އާދޭހެވެ! މިފަދަ ބޮޑެތި އުގޫބާތްތަކާއި ކާރިސާތައް އިންސާނުންނާއި ކުރިމަތިވަނީ، އިންސާނުންގެ ނުބައި އަމަލުތަކާއި ފާފަތަކުގެ ސަބަބުންނެވެ. މިކަން އެނގެނީ، މިކަމަށް އިޝާރާތް ކުރައްވާ މާތް ﷲ ވަޙީ ކުރެއްވި މި އާޔަތުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވޭއެވެ. 

(وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ) [سورة الشوري 30]

މާނައީ: "ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެއިލާހު ގިނަ ފާފަތައް عفو ކުރައްވައެވެ."

މުސީބަތްތަކީ ވަރަށް ފުޅާ މާނައެއްގައި ބުނެވޭ ބަހެކެވެ. މުސީބާތްތަކުގެ ތެރޭގައި އިންސާނުންގެ ހަށިގަނޑަށް ޖެހޭ އެކި އެކި ބަލިތައް ހިމެނެއެވެ. އަދި އާފާތްތަކާއި، ނުބައިކަންތައް މެދުވެރިކުރެއްވުމާއި، މަރުވުމާއި، ފިތުނަތަކާ އަދި އަދާވާތްތެރިން އެބައިމީހުންގެ މައްޗަށް ވެރިކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން އުޑުން ބާވައިލައްވާ އުގޫބާތްތަކުގެ ތެރޭގައި ވާރޭ ނުވެހުމުގެ ސަބަބުން ބިންގަނޑު ހަނަފަސްވުމާއި، ގަސްތައް މަރުވުމާއި، މޭވާތައް ހަލާކުވުމާ އަދި ފެނުގެ ތެރެއަށް ޣަރަޤުކުރެވުމާއި، ހޮނުއެޅުމާ އަދިވެސް އެތައް ހާދިސާ ތަކަކާއި ކަރިސާތަކެއް ހިމެނެއެވެ. އުޑުން ބާވައިލެއްވުނު އުގޫބާތްތަކުގެ ތެރޭގައި ބާރުގަދަ ވައެއް ފޮނުއްވައި ހޫދުގެފާނުގެ ގައުމުގެ މީހުން ހަލާކުކުރެއްވުމާއި، ނޫހުގެފާނަށް އީމާން ނުވި މީހުން ޣަރަޤު ކުރެއްވުމާއި، ބާރުގަދަ އަޑެއް ފޮނުއްވައި ޞާލިޙުގެފާނަށް އީމާން ނުވި މީހުން ހަލާކުކުރެއްވުމާ އަދި މުސާގެފާނުގެ ރިސާލާތް ދޮގުކުރި ފިރުއައުނާއި އެނާގެ ޖަމާޢަތް ޣަރަޤު ކުރެއްވުން ހިމެނެއެވެ. އަދި މިނޫނަސް އެތައް ގިނަ މިސާލުތަކެއް ދުނިޔޭގެ ތާރީޚުގައި ވެއެވެ.

މީގެ އިތުރަށް، އިންސާނާ ކުރާ ފާފައިގެ ސަބަބުން ކުރިމަތިވާ މުސީބަތްތަކުގެ ތެރޭގައި އިންސާނާގެ ހިތް ގާވުމާއި، ޤުރުއާނުގެ އާޔަތްތަކާއި ދަލީލުތައް އިވޭ އިރުގައިވެސް އެކަމުން އަސަރެއް ނުކުރުމާއި، ބިރުވެތިކަމެއް ނައުމާ އަދި ޤުރުއާނާ ސުންނަތުން ފިލާވަޅުތަކާއި އިބުރަތްތައް ލިބިނުގަނެވުމާއި އަދި ފަހުމުނުވުމާއި ގަބޫލުނުކުރެވުން ހިމެނެއެވެ.

ފާފައިގެ ނުބައިކަމުގެ ބޮޑުކަމާހުރެ ދުނިޔެ މަތީގައިވެސް އޭގެ އަދަބު ނުވަތަ އުގޫބާތް ކަނޑައަޅުއްވާފައި ވެއެވެ. މީގެ ބައެއް މިސާލުތަކުގެ ތެރޭގައި މުރުތައްދުވާ މީހާއާއި މީހަކާ އިނުމަށްފަހު ޒިނޭކުރާމީހާ ޤަތުލުކުރެވެއެވެ. ވައްކަންކުރާ މީހާއާއި މަގުފޭރޭ މީހުންގެ އަތް ކެނޑުމާއި، ހަނގުރާމަކުރާ މީހުން ހިފާ ހައްޔަރުކުރުމާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ގައިގައި ހައްދުޖެހުމާއި އަދި މިނޫންވެސް އެތައް އަދަބެއް ވަނީ ކަނޑައަޅުއްވާފައެވެ.

އިސްވެ މި ބަލައިލެވުނީ ފާފާއިގެ ސަބަބުން ލިބިގެންދާ އަދަބު ނުވަތަ އުގޫބާތްތަކަށެވެ. އަދި މުޖުތަމަޢުގައި ކުށްތައްއިތުރުވެގެންދާ މިންވަރަކުން މިފަދަ އުގޫބާތްތައް އިތުރުވެގެންހިނގައިދާނެއެވެ. އަދި ބަޔަކު ކުރާ ފާފައިގެ ސަބަބުން އެކަމުގެ އުގޫބާތް މުޅި އެންމެނަށް ޖެހިދާނެއެވެ. އެކަން ބަޔާން ކުރައްވާ މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ.

(وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً ) [سورة الأنفال 25]

މާނައީ: "އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއް ނޫނެވެ."

އަދި ހަމައެފަދައިން ޙަދީޡެއްގައި ބަޔާންވެގެންވެއެވެ.

(( إِنَّ النَّاسَ إِذَا رَأَوْا الْمُنْكَرَ فَلَمْ يُغيِّرُوهُ، أَوْشَكَ أَنْ يَعُمَّهُمُ اللهُ بِعِقَابِهِ)) (ރިވާކުރެއްވީ އަޙްމަދު)

މާނައީ:"ހަމަކަށަވަރުން މީސްތަކުންނަށް މުންކަރާތެއް ފެނުމުން އެކަން މަނާނުކޮށްފި ކަމުގައިވާނަމަ، އެބައިމީހުންގެ މައްޗަށް އާއްމުވެގެންވާ ޢުޤޫބާތެއް ﷲ ގެ ޙަޟްރަތުން އައުން ކައިރިވެގެންވެއެވެ."

އެހެންކަމުން މުޖުތަމައުގައި ފާފަ ކުރާ މީހުން ކުރާ ފާފަތައް ހުއްޓުވުމަކީ މުޖުތަމައުގެ އެންމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން އެ ފާފައެއް ނުވަތަ ކުށެއް މަނާ ކުރަންވާނެއެވެ. އަތުން ނުވަތަ ދުލުންނެވެ. މިފަދައިން ވެސް މަނާ ކުރުމުގެ ކުޅަދާނަކަން ނެތްމީހާ ހިތުންނަމަވެސް އެކަމެއް މަނާ ކުރަންވާނެއެވެ.

އާދޭހެވެ! އިންސާނާއަށް ކުރިމަތިވާ އުގޫބާތްތަކާއި، ހާދިސާތަކާއި، ކާރިސާތަކުގެ ފަހަތުގައިވާ ސިއްރަކީ އިންސާނުން ކުރާ ނުބައި ފާފަތަކެވެ. އިސްވެ ބަލައިލެވުނު އާޔަތްތަކުން އެކަމަށް ދަލީލު ކުރެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭ! އޭ ޒުވާނުންނޭ! މިކަންކަމާއި މެދު ވިސްނާ، އުޅުން އިސްލާހު ކުރާށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ހުރީ އޭރުންނެވެ.