އިސްލާމީ މުޖުތަމައުތަކުގައި ވަކި ހިއްޕާފައިވާ ނުބައި އެއް ވަބާ އަކީ ބަނގުރަލުގެ ވަބާއެވެ. އަދި އެ ރަލުގެ މާނައިގައި ހިމެނޭ މަސްތުވާ ތަކެއްޗެވެ. އެ އެއްޗެއް ދިޔާކޮށް ހުއްޓަސް އަދި ހަރުކޮށް ހުއްޓަސް، އެ އެއްޗެއްގެ ބާރުގަދަވިޔަސް އަދި ބާރުދެރަވިޔަސް މެއެވެ. ދިވެހި ރާއްޖޭގައިވެސް މި ސުންޕާ ވަބާ ވަނީ ވަރަށްގަދައަށް ފެތުރި އޭގެ މޫތައް މުޅި ގައުމުގައި ފެތުރިފައެވެ. 

ބަނގުރަލާއި އިންސާނާގެ އަމަލުތަކާއި ގުޅޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައި ވަނީ، "ތިޔަބައިމީހުން ރަލާ ކައިރި ނުވާށެވެ! އެހެނީ، އެއީ ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިއެވެ." (الألباني في " السلسلة الصحيحة" 2798) ޢިލްމުވެރިން ދެކިލައްވާގޮތުގައި މި ޙަދީޘްފުޅުގައި އެވާ ރަލުގެ މުރާދުގައި، ރަލުގެ މާނަައިގައި ބޭނުންކުރެވޭ ހުރިހާ މަސްތުވާތަކެއްޗެއް ހިމެނޭނެއެވެ.

އާދޭހެވެ! މުޖުތަމައުތަކުގައި، މަސްތުހާލުގައި ހުރެ ކިތައް މީހުންގެ ފުރާނަ ދުއްވާލާފައިވޭތޯއެވެ؟ ކިތައް ކިތައް ވައްކަމާއި ފޭރުމުގެ ޢަމަލުތައް ކޮށްފައިވޭތޯއެވެ؟ ގަދަކަމުން ކިތައް އަންހެނުންނާއި އަންހެން ކުދީންގެ ޢިއްފަތްތެރިކަން ނަގާލާފައިވޭތޯއެވެ؟ މި ނޫނަސް މިފަދަ އެތައް ޖަރީމާއެއްގެ ސަބަބުން މުޅި މުޖުތަމަޢުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލި، ބިރުވެރި ހާލަތަކަށް ވެއްޓިފައި ނުވޭތޯއެވެ؟ މިއީ އަޅުގަނޑުމެންގެ ކުޑަކުޑަ އިސްލާމީ މުޖުތަމަޢުގެވެސް ހާލަތެވެ. ރަލާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އެތައް ބަޔަކު ވަނީ ހަލާކުގެ ތެރެއަށް ގެނބިގެން ގޮސްފައެވެ. އެބައިމީހުންގެ އުނދަގުލާއި ތުރާ މުޖުތަމަޢުގެ އެހެން އަފުރާދުން ވަނީ ތަޙައްމަލު ކުރަން ޖެހިފައެވެ. ރަށުތެރޭގެ އަމާންކަން ވަނީ މުޅިންހެން ގެއްލިފައެވެ. އަމަން ބަލަހައްޓާ ފަރާތްތަކަށް ބެލެހެއްޓޭ ވަރަށްވުރެ ގޯސްވެފައެވެ.

މާތް ރަސޫލާގެ އެ ޙަދީޘްފުޅުން އެނގޭ ގޮތުގައި މިހުރިހާ ނުބައިކަމެއް ފެށެނީ ރަލާއި މަސްތުވާތަކެތިންނެވެ. އިސްލާމީ ތާރީޚުގައި އައިސްފައިވާ ވާހަކައެއްގައި ވެއެވެ. މުސްލިމު ފިރިހެނެއްގެ މައްޗަށް، ޔަހޫދީ އަންހެނަކު އަމުރެއް ކުރިއެވެ. މި އަމުރުގައި އިހްތިޔާރުތަކެއްވާ ފަދައިންނެވެ. އެއީ ތަށްޓެއްގައި ހުރި ބަނގުރަލުގެ މަދު މިންވަރެއް ބުއިމަށެވެ. ނުވަތަ އެ އަންހެންމީހާއާއި އެކު ޒިނޭ ކުރުމަށެވެ. ނުވަތަ ކޮންމެވެސް މީހަކު މަރާލުމަށެވެ. އެ ފިރިހެނާއަަށް ގަބޫލު ކުރެވުނީ އެތަނުން އެންމެ ލުއިވެގެންވާ ކަމަކީ އެ މަދު ރާ ފޮދު ބުއިމެވެ. އޭނާ އެކަން ކުރީ ދެން އޮތް ދެ ފާފަ ނުކުރުމުގެ ނިޔަތުގައެވެ. އެެހެނީ އެއީ ބޮޑު ދެ ފާފަ ކަމުގައި ވާތީއެވެ. ނަމަވެސް އޭނާ، އެ ރާފޮދު ބޮއެ، ދެންވެސް ހުރި ދެ ފާފަވެސް ކުރީއެވެ.

މި ހާދިސާއިން ރަސޫލާގެ އެ ޙަދީޘްފުޅުގެ ތެދުކަން ހާމަވެއެވެ. އާދޭހެވެ! ރަލަކީ ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިއެވެ. ހުރިހާ ނުބައި މަގެއް، ނުބައި ދޮރެއް ހުޅުވާ ތަޅުދަނޑިއެވެ. ޒުވާނުންނޭ! ވިސްނާށެވެ! މާއްދިއްޔަތަށް ހަޔާތުގެ ލަގަން ދޫކޮށްނުލާށެވެ.