އިންސާނުންނަކީ އެ މީހުންގެ ބޭނުންތަކާއި އެދުންތަކުގައި އަދި އެމީހުންނަށް ކަންކަން ވިސްނި ދޭހަވުމުގައި އެކަކު އަނެކަކާ ކިތަންމެހާވެސް ހިޔާލު ތަފާތު ބަޔެކެވެ. އެހެންކަމުން ދިރިއުޅުމުގެ ހަޔާތުގައި އެކި ކަންކަމާ މެދު ދެބަސްވާން ޖެހޭ ކިތަންމެ ހާލަތެއް މެދުވެރިވެއެވެ. މިފަދަ ދަނޑިވަޅުތަކުގައި ނަފްސު ކޮންޓްރޯލު ނުކުރެވިއްޖެ ނަމަ އެދެމެދުގައި ދެކޮޅުވެރިކަމާއި ރުޅިވެރިކަމާއި ހަސަދަވެރިކަމުގެ ހުޅު ރޯވެއެވެ. އަދި މިގޮތަށް ރުޅިވެރިކަމާއި ހަސަދަވެރިކަން ދެމިގެން ދިއުމަށް ޝައިޠާނާ ބޭނުންވާތީ އެކަމަށް ވަސްވާސްދެ އެވެ. ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުވެތިވާން ޝައިޠާނާ ދޭ ވަސްވާހަށް ހެޔޮ ވިސްނޭ މީހަކު ބޯނުލަނބައި ހިނގައިދާނެ އެވެ. އެކަމަކު ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަމުގެ އަލިފާންގަނޑު އަންދާލުމަށް ޝައިޠާނާ ކުރާ ވަސްވާސްތަކުގައި ހެޔޮވިސްނޭ މީހުންގެ މައްޗަށް ވެސް ކާމިޔާބު ހޯދުމަކީ ޝައިޠާނާއަށް އެހާ އުނދަގޫ ކަމަކަށް ނުވެ އެވެ. އެހެންކަމުން މިއީ ވަރަށްބޮޑަށް ފަރުވާތެރިވެ ތިބެން ޖެހޭނޭ ކަމެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވި އެވެ."أَمْ يَحْسُدُونَ النَّاسَ عَلَي مَاآتاَهُمُ اللهُ مِن فَضْلِهِ" މާނައީ: ނުވަތަ اللَّهގެ فضل ވަންތަކަމުގެ ތެރެއިން އެކަލާންގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާ މެދު އެއުރެން (އެބަހީ: يهودىން) މީސްތަކުންނަށް حسد ވެރިވަނީ ހެއްޔެވެ؟
މި އާޔަތުގެ މާނައަށް ވިސްނާލާ އިރު ނިޢުމަތްތައް ދެއްވާ ފަރާތަކީ ﷲ ތަޢަލާ ކަމާއި، އެއްވެސް މީހަކު އަނެކާއަށް ﷲ ދެއްވި ނިޢުމަތެއްގެ މައްޗަށް ޙަސަދަވެރިވުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަން އިނގެ އެވެ.
އަދިވެސް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "وَمِنْ شَرِّ حَاسِدٍ إذَا حَسَدَ" މާނައީ: އަދި ޙަސަދަވެރިވާ މީހާ ޙަސަދވެރިވާ ހިނދު އެ ހަސަދަވެރިކަމުގެ ނުބައިކަމުން (މިއަޅާ ﷲ ގެ ޙަޟްރަތުން) ރައްކައުތެރިކަން އެދެމެވެ."
މި އާޔަތުން ހަދަސަވެރިކަމާއި އަދި ހަސަދަވެރިވާ މީހާގެ ނުބައިކަން އިތުރު ތަފްސީލަކާއި ނުލާ ދޭހަވާނެއެވެ.
ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކުގެ އަރިހުން ރިވާވެގެންވެ އެވެ.
މާތް ރަސޫލާ ހަދީސް ކުރެއްވި އެވެ.[لاَتَبَاغَضُوا وَلاَتَحَاسَدُوا وَلاَ تَدَابَرُوا وَلاَ تَقَاطَعُوا وَكُونُوا عِبَادَاللهِ إِخوَانًا وَلاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثٍ] މާނަ އަކީ "ތިޔަބައިމީހުން އެކަކު އަނެކަކާ ރުޅިވެރި ނުވާށެވެ. އެކަކު އަނެކަކާ ޙަސަދަވެރި ނުވާށެވެ. އެކަކު އަނެކަކާ ފުރަގަސް ނުދޭށެވެ. އެކަކު އަނެކަކާ ގުޅުން ކަނޑައިނުލާށެވެ. ﷲގެ އަޅުންތަކެއްގެ ގޮތުގައި އެއްބަނޑު އެއްބަފައި އަޚުންތަކެއްގެ ގޮތުގައި އުޅޭށެވެ. މުސްލިމު އަޚަކަށް އޭނާގެ އަޚާއާ ރުޅިވެގެން ތިން ދުވަހަށްވުރެ އިތުރަށް ހުރުން ހުއްދަވެގެންނެއް ނުވެ އެވެ."
މީގެ އިތުރުން ﷲ ރުއްސުންލެއްވި އަނަސުގެފާނުންގެ އަރިހުން ރިވާވެގެން ވެއެވެ. "ތިމަންމެން އެއް ދުވަހަކު ރަސޫލާގެ މަޖިލިހުގައި ތިއްބަވަނިކޮން އެ ކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
މިއަދު ތިޔަ ބައިމީހުންނަށް ސުވަރުގެވަންތަވެރިޔަކު ފެންނާނެ އެވެ. ދެން ތިމަންމެންނަށް އެންމެން އެ މީހެއްގެ އިންތިޒާރުގައި ތިއްބައި އެ ދުވަހު ފެނުނީ އަންޞާރުންގެ ބޭކަލެކެކެވެ. އެ ކަލޭގެފާނުގެ ތުބުޅިން ވުޟޫގެ ފެން އޮހެރެ އެވެ. އެ ބޭކަލަކު ހުންނެވީ ވައަތުން ފައިވާން ހިއްޕަވައިގެންނެވެ. އޭގެ އަނެއް ދުވަހު ވެސް އެ ގޮތަށް ރަސޫލާ ޙަދީޘްކުރެއްވި އެވެ. އެ ދުވަހު ވެސް އިންތިޒާރުގައި ތިއްބައި ތިމަން ބޭކަލުންނަށް ފެނުނީ ހަމަ އެއްކަލަ އަންޞާރީ އެވެ. ހުންނެވީ ހަމަ އެގޮތަށެވެ. މިހެން ގޮސް ތިންވަނަ ދުވަހު ވެސް އެގޮތަށް ރަސޫލާ ޙަދީޘްކުރެއްވި އެވެ. އެ ދުވަހު ވެސް ތިމަންމެންނަށް ފެނުނީ ހަމަ އެއްކަލަ އަންޞާރީ އެވެ. ހުންނެވީ ހަމަ އެ ގޮތަށެވެ.
ދެން އެ ދުވަހު ﷲ ރުއްސުންލެއްވި عَبْدُاللهِ بْنِ عُمَرُ އޭނާގެ ފަހަތުން ވަޑައިގަތެވެ. އަދި އޭނާއާ އަރައި ހަމަކުރައްވައި ދެންނެވި އެވެ. އަހަރެން މިހިރީ ބައްޕައާ ޖެހުނު މަސްއަލައެއްގައި ތިން ދުވަސްވަންދެން ގެއަށް ނުވަންނަން ހުވައިކޮށްގެންނެވެ. ވީމާ އަހަރެން ސާހިބާގެ ގޭގައި ތިން ދުވަހު ބަހައްޓައިދެއްވަފާނުތޯ އެވެ.
އަނަސުގެފާނު ވިދާޅުވަނީ، عَبْدُاللهِ بْنِ عُمَرُ ވިދާޅުވި އެވެ. ތިމަން ކަލޭގެފާނު އެ ގޭގައި ހުންނެވި ތިން ދުވަހު ވަކި އާދަޔާ ޚިލާފު އެއްވެސް ކަމެއް އެ އަންޞާރީގެ ޢަމަލުތަކަކުންނެއް ނުފެނުނެވެ. ރޭ އަޅުކަން ކުރާތީއެއް ވެސް ދެކެވަޑައެއް ނުގަންނަވަމެވެ. ނަމަވެސް ފަތިސް ނަމާދަށް ތެދުވާން ވަންދެން ދާންމަތީގައި އެއް ފުށުން އަނެއް ފުށަށް ފުރޮޅިލައިފިނަމަ ﷲ ހަނދުމަކުރެ އެވެ. މީގެ އިތުރުން އެއްވެސް ހުތުރު ބަހެއް ނޭދެވޭ ވާހަކައެއް ދައްކާތީ ވެސް އަޑެއް ނާހަމެވެ.
ތިން ދުވަސް ފާއިތުވުމަށްފަހު ހިތަށްއެރި އެވެ. މީނާ އަކީ މާ މޮޅު ޢަމަލެއް ކުރާ މީހެއް ނޫނެވެ. ދެން އޭނާއާ ވާހަކަ ދެއްކީމެވެ. އަހުރެން ދެންނެވީމެވެ. ޙަޤީޤަތުގައި އަހަރެން މި އުޅެނީ އަކީ ބައްޕައާ ރުޅިވެގެންނެއް ނޫނެވެ. ނުވަތަ ގެއިން ބޭރުކޮށްލައިގެންނެއް ވެސް ނޫނެވެ. ނަމަވެސް ރަސޫލާ ތިން ދުވަހެއްގެ މަތިން ޙަދީޘްކުރެއްވި އެވެ. މިއަދު ތިޔަ ބައިމީހުންނަށް ސުވަރުގެވަންތަވެރިއަކު ފެންނާނެ އެވެ. އެއިން ކޮންމެ ދުވަހަކު ވެސް އަހަރެމެންނަށް ފެނުނީ ތިޔަ ސާހިބާ އެވެ. އެހެންވެ އަހަރެން ބޭނުންވީ ތިޔައީ ކޮންފަދަ މަތިވެރި ޢަމަލެއް ކުރައްވާ ބޭކަލެއްތޯ ބަލަން މި ގޭގައި ދުވަސްކޮޅަކު ހުންނާށެވެ. އެއީ އެ ކަމެއްގައި އަހުރެން ކަލޭގެފާނާ ތަބަޢަވުމަށްޓަކަ އެވެ. ނަމަވެސް މާ ބޮޑު ކަމެއް ކުރައްވާ ބޭކަލަކު ކަމުގައި އަހުރެންނަކަށް ކަލޭގެފާނު ނުފެނުނެވެ.
ވީމާ ކީރިތި ރަސޫލާ އެ ޙަދީޘްކުރައްވާ ހިސާބަށް ކަލޭގެފާނަށް ވަޑައިގަނެވުނީ ކޮން ސަބަބަކާ ހުރެތޯ އަހައިލަން ބޭނުމެވެ. ދެން އެ ބޭކަލަކު ވިދާޅުވި އެވެ. ކަލޭގެފާނަށް ތިޔަ ފެނިވަޑައިގަތީ ތިމަން ކަލޭގެފާނުގެ ޢަމަލުތަކެވެ. ތިމަން ކަލޭގެފާނަކީ އިތުރު ޢަމަލެއް ކުރާ މީހަކީމެއް ނޫނެވެ. ދެން عَبْدُاللهِ بْنِ عُمَرُ ފަސްދީ ވަޑައިގަންނަވާން ފެއްޓެވުމުން އެ ބޭކަލަކު އެ ކަލޭގެފާނު ގެންދަވައި ވިދާޅުވި އެވެ. ކަލޭގެފާނަށް ތިޔަ ފެނިވަޑައިގަތީ ތިމަން ކަލޭގެފާނުގެ ޢަމަލުތަކެވެ. މީގެ އިތުރުން އެއްވެސް މުސްލިމަކަށް ﷲ ދެއްވާފައިވާ ނިޢުމަތެއްގެ މައްޗަށް ތިމަން ކަލޭގެފާނުގެ ހިތްޕުޅުގައި އެއްވެސް ކަހަލަ ރުޅިވެރިކަމެއް ޙަސަދަވެރިކަމެއް ނޯވެ އެވެ. ދެން عَبْدُاللهِ بْنِ عُمَرُ ވިދާޅުވި އެވެ. ކަލޭގެފާނު އެހާ މަތިވެރި ދަރަޖައަކަށް ވަޑައިގަނެވުނު ކަމަކީ ތިޔައީތާ އެވެ."
އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. " އަލިފާނުން ދަރު އަނދާ ފަދައިން، ހަސަދަވެރިކަމުން ތިބާގެ ހެޔޮ އަމަލުތައް ނެތިކޮށްލައެވެ!"
އާދޭހެވެ! މިފަދަ ކޮންމެ ޙަދީޘަކާއި އާޔަތުން އަހަރެމެންނަށް އެނގި ކަށަވަރު ކުރެވޭ ކަމަކީ ހަސަދަވެރިކަމަކީ އެކަމަކާއި އިންސާނާ ގާތްވުން ހެޔޮވެގެން ނުވާނޭފަދަ ނުބަައި ޝައިތާނީ މުޑުދާރު އަމަލެއް ކަމެވެ. އެހެންކަމުން ހަސަދަވެރިކަން ހިތުލައިގެން ތިބި އެންމެން މިއަދުން ފެށިގެން ހިތްތަކުން ހަސަދަވެރިކަން ފިލުވާލާށެވެ. އަދި ހަސަދަވެރިވާން ދުވަހަކުވެސް ހިތުނުލާށެވެ. ބާއްޖަވެރި އަދި ކާމިޔާބު ހަޔާތެއް، ދުނިޔޭގައްޔާއި އާހިރަތުގައި ލިބެން އޮތީ މި މަގުން ކަން ކޮށްގެންކަމާއި މެދު ޝައްކެއް ވަހުމެއް ނެތެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން