އިންސާނާގެ އަމަލުތަކުގައި އިހްތިޔާރު ލިބިފައިވުމަކީ އިންސާނާ މިނިވަންކަމަށް ޝައުގުވެރިވާ ކަމެކެވެ. ނަމަވެސް ކޮންމެ މިނިވަންކަމެއްގައި އިމެއް އަދި ހުދޫދެއް ވާނެއެވެ. މި އިމުގެ ތެރޭގައި ކިޔަމަންވުމުގެ ރީތި އަޚުލާޤަކީ އަބަދުވެސް ޤާއިމުވެފައިވާ ކަމެކެވެ. އިންސާނާ ކިޔަމަންވާންޖެހޭ ކިތަންމެ އަމުރެއް އަދި ޤާނޫނެއް ޤަވައިދެއް ވާނެއެވެ. މާތް ﷲ ގެ ޢަމުރުތަކަށް ކިޔަމަން ވުމާއި އެކު މާތް ނަބިއްޔާގެ ސުންނަތަށް ކިޔަމަންވުމަކީ އިންސާނާގެ މައްޗަށް އޮތް ވާޖިބެކެވެ. އެއާއި އެކު އިންސާނާގެ މައްޗަށް އޮތް އަނެއް ވާޖިބަކީ ވެރިމީހާއަށް ނުވަތަ ވެރީންނަށް ކިޔަމަންވުމެވެ.

އިންސާނާ ކިޔަމަންވުން ހައްޤު ފަރާތްތައް ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. " يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا" (59). މާނައީ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ. (އައްނިސާ 59)

މި އާޔަތުގެ މާނައިން އިތުރު އެއްވެސް ދޭހައަކާއި ނުލާ ފަހުމްވާން އޮތް ކަމަކީ ވެރިންނަށް ކިޔަމަންވުމަކީ އީމާންވި ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމެވެ. ނަމަވެސް މިއަދު، ވެރިމީހާ ނުވަތަ ވެރިން އަންގާ އެންގުންތަކަށް ފާޅުގައި ގޮންޖަހަމުންދާ މީހުން އިސްލާމީ ގައުމުތަކުގައި ވަރަށް ގިނައެވެ. ދިވެހިރާއްޖޭގައިވެސް އެހާމެ ގިނައެވެ. ވެރިމީހާ ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އެންގުމުން، އަތް ފޮޅާލާ ތިމަ ތިމާމެން ރުހޭ ގޮތްގޮތަށް ކަންކުރުމަކީ މުޑުދާރު ކަމެކެވެ. ނަމަވެސް ބައެއް މީހުންނަށް ހީވަނީ، ގަދަވެ ބޮޑާކަން ދައްކާލުމަކީ ތިމާގެ ގަދަރު އުފުލޭނޭ ކަމެއް ކަމަށެވެ. މިއީ ކަނޑައެޅިގެން ޝައިޠާނީ ވަސްވާހަކެވެ. 

ވެރިންނަށް ކިޔަމަންވުމާ ގުޅޭގޮތުން މާތް ރަސޫލާ ޙަދީޘްކުރައްވާފައި ވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން، ވެރިންނަށް ކިޔަމަންވެއްޖެ މީހާ ތިމަންކަލޭގެފާނަށް ކިޔަމަންވެއްޖެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން، ވެރިންނަށް ނުކިޔަމަންވެއްޖެމީހާ ތިމަންކަލޭގެފާނަށް ނުކިޔަމަންތެރި ވެއްޖެއެވެ." (މުސްލިމް). މީގެ އިތުރުން މާތް ރަސޫލާ ޙަދީޘް ކުރެއްވީތީ ޢަބްދު ﷲ ބިން ޢުމަރު ރިވާކުރެއްވިއެވެ. "ވެރިމީހާ އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު، އެ ވެރިމީހާއަށް ކިޔަމަންވުމަކީ މުސްލިމުންގެ މަންޗަށް އޮތް ވާޖިބެކެވެ. ނަމަވެސް އުރެދުމަކަށް އަމުރުކުރާނަމަ، ވެރިމީހާއަށް ކިޔަމަންވުމެއް ނެތެވެ." (ޞަޙީހް ބުހާރީ 2796)

މި ޙަދީޘްފުޅު ތަކުގައިވެސް އިތުރަށް ވިސްނާ ހޯދާ ދެނެގަންނަންވީ ކަމެއް ނެތެވެ. ސާފުކޮށް އެނގެން އޮތް ކަމަކީ ވެރިންނަށް ކިޔަމަންވުމަކީ އޮތްކަމެއް ކަމެވެ. އިސްތިސްނާ ވާ ޙާލަތަކީ ކޮބައިކަންވެސް ސާފުކޮށް އެނެގެން އެބައޮތެވެ. ކަން މިހެން ހުރިއިރު، ވެރިންނަށް ކިޔަމަން ނުވެވޭ މީހުން ކިޔަމަން ނުވަނީ ހަމަ އުރެދުންތަކަށް އަމުރު ކުރާތީ ހެއްޔެވެ؟ ނުވަތަ މި އާޔަތްތަކާއި ޙަދީޘްތައް ނޭނގޭތީހެއްޔެވެ؟ ނޭނގޭނަމަ މި ބުނެދެވުނީއެވެ. އުރެދުމެއްކަމަށް ދެކެވޭނަމަ، ޤުރުއާނާ ސުންނަތުނަތުގައި އެކަމެއް އޮތްގޮތް، އިލްމުވެރިންނާއި މެދު މަޝްވަރާކޮށްގެން ހޯދާށެވެ! ހިލާފީ މައްސަލަތަކުގައި ވެރިމީހާ ނިންމައިފި ގޮތަކަށް އިލްމުވެރިންވެސް ތަބާވާން ޖެހޭނެއެވެ. ކިޔަމަންތެރިކަމަކީ ރިވެތި މާތް ސިފައެކެވެ. އަދި މިއީ ހަމްދަރުދީއާއި އޯގާތެރިކަމުގެ ބިންގާވެސް މެއެވެ.