އެވެނި މިވެނި ބަޔަކީ ދެމޫނުގެ ވެރި ބައެކޭ ބުނާތީ އަޑުއިވެއެވެ. ދެމޫނުގެ ވެރިނަނަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ދެމޫނުގެ ވެރިންނޭ ކިޔައި އުޅެނީ އެއްކަމެއްގައި އެކިފަހަރު، އެކިމީހުންގެ ގާތުގައި، އެކި ތަންތަނުގައި އެކިގޮތްގޮތަށް ވާހަކަދައްކާ މީހުންނަށެވެ. އެއީ މުނާފިޤުންގެ ތެރެއިން ހިމެނިގެންވާ ބައެކެވެ. އަދި ކިއެއް އެއީ މުނާފިޤުންނެވެ.
އެފަދަ މީހުންގެ ދުލާއި ޤަލަމަކު އެއްވެސް ބުރަދަނެއް ނުހުންނާނެއެވެ. އަދި އެއީ ދެއުޅިއެއްނުވާ ބައެކެވެ. މާނައަކީ އެމީހުން ދައްކާ ވާހަކައިގައި އެއްވެސް މިޞްރާބެއް، ދެތުކަމެއް، ހަގީގަތެއް އަދި ހަރުދަނާކަމެއް ނުހުންނާނެއެވެ. އަދި ބުރަދަނެއް، އޮށްޓަރެއްވެސް ނުހުންނާނެއެވެ. އެފަހަރަކު ބޭނުންވާ ގޮތަކަށް ކަންކަން އަނބުރާލާ، އަމިއްލަ ފައިދާ އާއި މަންފާ އިސްކޮށް ވާހަކަދައްކާނެއެވެ.
ހިތާމައަކީ މިފަދަ މީހުން ދީނުގެ ވާހަކަ ދައްކާ އުޅޭ ކަމެވެ. މިފަދަ މީހުން ދީނުގެ ވާހަކައެއް ދައްކާނަމަވެސް ޤުރްއާނާއި ޙަދީޘަށް ރިޢާޔަތްކުރުމުގެ ބަދަލުގައި ނެރޭނީ މި މީސްމީހުންގެ އަމިއްލަ ޙުކުމްތަކާއި ރައުޔުތަކެވެ. ރިޢާޔަތް ކުރާނީ ކޮންމެވެސް މީހަކު ބުނެފައިވާ ބަސްތަކަށެވެ. ކޮންމެވެސް ބޭކަލަކަސް ފެނިލެއްވި ހުވަފެން ފަދަ ކަންކަމަށެވެ. ކަމުގެ އެންމެ އަސާސީ މަސްދަރަށް ބެލުމެއް ނުވާނެއެވެ. ބަލާނަމަވެސް، މިފަދަ މީހުން ބޭނުންވާ މަގުސަދެއް ހާސިލްވާނޭ ފަދަ ތަންތަންކޮޅަށް އެކަނި ނޫނީ ނުބަލާނެއެވެ. ތަފްސީރުގައިވެސް ބަލާނީ އެބަޔަކު ހިތްރުހޭ ތަފްސީރަކަށެވެ. އެހެން ޢިލްމުވެރިންގެ ބަސް، މިފަދަ މީހުންގެ ބަހާ ހިލާފުވާނަމަ، އެ ޢިލްމުވެރިޔަކީ "ފާސިގެއް" ކަމުގައި ކަނޑައަޅާނެއެވެ. ގިނަފަހަރަށް މިފަދަ މީހުންގެ "އަޤީދާގެ" ފަހަތުގައި ނިވައިވެފައިވަނީ ކޮންމެވެސް ދުނިޔަވީ އެދުމެއް ނުވަތަ ސިޔާސީ ލައްޒަތެކެވެ.
ވިސްނާފިކުރު ކުރާށެވެ! ސުވަރުގޭގައި އިންސާނާގެ ދަރަޖަ މަތިވެރިވުމުން، އެ އިންސާނާ އުފުއްލަވަނީ ސުވަރުގޭގެ މަތީ "ދާންތަކަށެވެ". ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބު ލިބޭނެ ބައަކީ އެންމެ އަޑީ މަގާމުތަކުގައި ތިބޭ މީހުންނެވެ. މުނާފިޤުންވާހުށީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައި އެންމެ ގަދަފަދަ ޢަޛާބުގައެވެ. އެބައިމީހުންނަށް އެއްވެސް އެހީތެރިއަކު، މަދުދުދޭނޭ މަދަދުގާރެއް ނުވެއެވެ. އަދި ކިއެއް، ނުވެސްވާނެއެވެ.
މިކަމަށް އިޝާރާތް ކުރައްވާ މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަަނީ މިފަދައިންނެވެ. ﴿145﴾ إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا
މާނައީ: ހަމަކަށަވަރުން، منافق ން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް نصر ވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ. (އައްނިސާ 145)
މިއީ މާތް ﷲ ގެ ބަސްފުޅެވެ. އެ އިލާހުގެ އިންޒާރެކެވެ. ބިރުވެތިކަން ހިތަށް ނުވަންނަނީ ތޯއެވެ. ކަންއޮތީ މިމަގުންނެވެ. އެހެންކަމުން ތިމާއަށް ކިތަންމެ ބޮޑު މާއްދީ މަންފާއެއް ކުރާނެ ކަމެއް ކަމުގައިވިޔަސް، އެކަމެއްގައި ދެމޫނުގެ ވެރިއަކަށް ނުވާށެވެ! ވެއްޖެނަމަ، މުނާފިޤަކަށް ވެވުނީއެވެ. މުނާފިޤަކަށް ވެއްޖެނަމަ އަނދާނީ ނަރަކައިގެ އެންމެ އަޑީގައެވެ. އެހީތެރިވާނޭ މީހަކުވެސް ނެތިއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން