ކޮންމެ އިންސާނަކު ދުނިޔެއަށް އުފަންވަނީ މަޔަކާއި ބަފަޔަކު މެދުވެރިވެގެންނެވެ. އެހެންކަމުން މައިންބަފައިންނާއި ދަރިންނާއި ދެމެދުގައި ވަނީ ޤުދުރަތީ ބާރަކުން ގުޅިފައިވާ ގުޅުމެކެވެ. އެ ގުޅުމަކަށް ﷲ ގެ ބަރަކާތް ލިބިގެންވާ ގުޅުމެކެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި އެމީހުންދެކެ ލޯބިވުމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. ވީމާ މައިންބަފައިންދެކެ ލޯބިވުމުގެ ގޮތުންވެސް އެންމެ ފަސޭހައިން ކުރެވެން އޮތް އެއް ކަމަކީ ކޮބައިކަން އެނގުން މުހިންމެވެ. އެގޮތުން އެމީހުންނަށްޓަކައި ހެޔޮދުޢާކުރުމަކީ ވަރަށް ފަސޭހައިން ކުރެވިދާނޭ ކަމެކެވެ. ފަސޭހަ މަގު އިހްތިޔާރު ކުރި ކަމުގައި ވީނަމަވެސް، ކިތަންމެ ބޮޑު، ކިތަންމެ ދަތި މަގަކުން ވިޔަސް މައިންބަފައިންނަށް އަޅާލާ ލޯބިދޭންވާނެއެވެ.

މައިންބަފައިންނަށް ޚިދުމަތް ކުރުމަކީ ސުވަރުގެ ދެވެން އޮތް ވަރަށް ފަސޭހަ މަގެކެވެ. ޚާއްޞަކޮށް އެމީހުންގެ މުސްކުޅި އުމުރުގައެވެ. އެހެންނަމަވެސް އަހަރެމެންގެ ތެރެއިން މައިންބަފައިންގެ މުސްކުޅި އުމުރުގައި އެމީހުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ނުލިބި ދަނީ ކިތައް މީހުންހެއްޔެވެ؟ އެ ފުރުޞަތު ލިބޭ މީހުންގެ ތެރެއިން ބައެއް މީހުންނަށް، މައިންބަފައިންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ގިނަ ދުވަހު ނުލިބި ދަނީ ކިތައް މީހުން ތޯއެވެ؟

އެހެންކަމުން ވީހައިވެސް ގިނައިން މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! ތިމާއަށްޓަކައި ދުޢާކުރާ ކޮންމެ ފަހަރަކުވެސް މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ. ކޮންމެ ނަމާދެއްގައިވެސް އަދި ނަމާދުގެ ފަހުންވެސް މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ.

މައިންބަފައިންނަށްޓަކައި ކުރާނީ ކޮން ހެޔޮ ދުޢާއެއް ހެއްޔެވެ؟ އާދޭހެވެ! އެމީހުންނަށް ހެޔޮއެދިގެން ކޮންމެ ދުޢާއެއްވެސް ކުރެވިދާނެއެވެ. ވަކި ހާއްސަ ދުޢާތަކެއް ސުންނަތުން ސާބިތުވާން ހުރި ނަމަވެސް، އަމިއްލަ ބަހުން ބޭނުން ދުޢާއެއްވެސް ކުރެވިދާނެއެވެ. މައިންބަފައިންގެ މާލީ ތަނަވަސްކަން އިތުރުކޮށްދެއްވުމަށާއި ދުޅަހެޔޮ ސިއްޙަތެއްގައި ލެއްވުމަށެވެ. ނަރަކައިން މިންޖުކޮށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދިއެވެ. ފާފަތައް ފުއްސަވާ ރަޚްމަތް ލެއްވުން އެދިއެވެ. އަދިވެސް ކިތަންމެ ކިތަންމެ ނަޒަރަކުން ދުޢާ ކުރެވިދާނެއެވެ.

އާދޭހެވެ! ދަރިން ދެއްވުން އެދި މައިން ބަފައިން ދުޢާކުރެއެވެ. ބަލިވެ އިނުމުން ދަރިންނަށްޓަކައި ހެޔޮ ދުޢާކުރެއެވެ. މައިންބަފައިން އެމީހުންގެ މުޅި އުމުރުގައިވެސް ދަރިންނަށްޓަކައި ހެޔޮ ދުޢާ ކުރެއެވެ. ވީމާ އަހަރެމެންގެ މުޅި އުމުރުގައި ދުޢާކުރި ނަމަވެސް އަހަރެމެންގެ މައިންބަފައިން އަހަރެމެންނަށްޓަކައި ދުއާކުރި ވަރަށް ދުޢާ ކުރުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ސުވަރުގެ ހާސިލް ކުރުމަށާއި މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން އެދި، އެ އިލާހުގެ ޙަޟްރަތުން ޡަވާބާއި މަދަދަށް އެދި، މައިންބަފައިންނަށް ހެވާއި ލާބަ އެދިގެން ގިނަގިނައިން ދުޢާކުރާށެވެ. ތިބާގެ ދުޢާގައި ތިބާގެ މައިންބަފައިންވެސް ބައިވެރި ކުރާށެވެ!