ވަކި ހާއްސަ ހަރަކާތްތަކަކާއި އެކު ވަކި ހާއްސަ ވަގުތުތަކެއްގައި ވަކި ހާއްސަ އަދަދަކުން ރަކުއަތް ހަމަކޮށް، ހުރިހާ މުސްލިމުންގެ މައްޗަށް ކުރުން ވާޖިބުވެފައިވާ ފަރުޟު ފަސްނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އެ ނަމާދު އަޅައިފި މީހާ ދީނުގެ ތަނބު މުގުރާލައިފިއެވެ. އާދޭހެވެ! ނަމާދަކީ އެއްގޮތަކުން ދެގޮތަކުން ފައިދާ ކުރާ ކަމެއް ނޫނެވެ. އެއަށްވުރެ ނަމާދުގެ މާތް ކަމާއި، ސަވާބާއި އެކަމުގެ ފައިދާ އިންތިހާއަށް ބޮޑެވެ. މި ލިޔުމުގައި މި ބަލައިލަނީ ނަމާދުން ލިބޭ ބައެއް ފައިދާ ތަކަށެވެ. ނަމާދަކީ އިންސާނާގެ ނަފްސު ޠާހިރު ކޮށްދޭ އަޅުކަމެކެވެ. މިކަމަށް އިޝާރާތްކޮށްދޭ އެއް އާޔަތަކީ ޢަޢްލާ ސޫރަތުގެ 14 އަދި 15 ވަނަ އާޔަތެވެ. މިއާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿14﴾ قَدْ أَفْلَحَ مَن تَزَكَّىٰ ﴿15﴾ وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ
﴿15﴾﴿14﴾ މާނައީ: (كافر ކަމުން) طاهر ވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. (އަލް ޢަޢްލާ 14 އަދި 15 ވަނަ އާޔަތް).
ނަމާދަކީ އޭގެ ސަބަބުން އިންސާނާއާއި އޭނާގެ ވެރި ރައްބާއި މެދު އޮންނަ ގުޅުން ބަދަހިވެގެންދާނޭ ކަމެކެވެ. މިއީ ރޫހާނީ ގޮތުން އިންސާނާ ވަރުގަދަކޮށްދީ ހަރުދަނާ ކޮށްދޭނޭ ކަމެކެވެ. ނަމާދަކީ އެއަޅުކަމަކުން މާތް ﷲ ހަނދުމަވާ މިންވަރު އެންމެބޮޑަށް އޮންނަ ނަމާދެވެ. އެކަމަށް އިޝާރާތް ކުރައްވާ މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿14﴾ إِنَّنِي أَنَا اللَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّه އެވެ. ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ! (ތާހާ 14 ވަނަ އާޔަތް)
ނަމާދަކީ އެ އަޅުކަމެއްގެ ސަބަބުން ފާފަ ކުރުމުން އިންސާނާ ދުރުކޮށްދޭނޭ އަޅުކަމެކެވެ. ފާފަކުރުމަށް ހިތުގައި އޮންނަ އެދުންވެރިކަން ނެތިކޮށްލާ އަޅުކަމެކެވެ. ފާހިޝް ކަންކަމާއި މުންކަރާތްތަކުން އިންސާނާ ދުރުކޮށްދޭ ކަމެކެވެ. މިކަމަށް އިޝާރާތް ކުރައްވާ މާތް ﷲ ކީރިތި ޤުރުއާނުގެ ޢަންކަބޫތް ސޫރަތުގެ 45 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. ﴿45﴾ اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ ۗ وَاللَّهُ يَعْلَمُ مَا تَصْنَعُونَ މާނައީ: ފޮތުގެ ތެރެއިން ކަލޭގެފާނަށް وحى ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެއެވެ. (އަލް ޢަންކަބޫތު 45 ވަނަ އާޔަތް)
ނަމާދުގެ އަޅުކަމަކީ އެންމެ މަތިވެރި އަޅުކަމެވެ. ނަމާދަކީ އިންސާނާގެ ކާމިޔާބުގެ ތަޅުދަނޑިއެވެ. ކާމިޔާބު ލިބުން ވަނީ ނަމާދުކާ މުއުމިނުތަކުންނަށެވެ. މިކަން ދަލީލުކޮށްދެނީ މޫމިނޫން ސޫރަތުގެ 1 އަދި 2ވަނަ އާޔަތުންނެވެ. ﴿1﴾ قَدْ أَفْلَحَ الْمُؤْمِنُونَ ﴿2﴾ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ މާނައީ: އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. (އަލް މޫމިނޫން 1 އަދި 2)
މީގެ އިތުރުންވެސް ނަމާދަކީ އޭގެ ސަބަބުން އެތައް ގިނަގުނަ ރޫހާނީ ދީނީ އިޖްތިމާއީ އަދި ސިއްހީ އެތައް ފައިދާއެއްވެސް ކުރުވާ އަޅުކަމެކެވެ. ނަފްސު ޠާހިރު ކުރުމަށާއި، އީމާންތެރިކަން ވަރުގަދަ ކުރުމަށާއި މާތް ﷲ އާއި އޮންނަ ގުޅުން ހަރުދަނާ ކުރުމަށާއި ކާމިޔާބާއި ހިތްވަރު ލިބިގަތުމަށް ނަމާދަކީ އެންމެ ހެޔޮ މަގެވެ. އަމާން ކަމާއި ސުލްހައިގެ އަސްކަލީ ނަމާދެވެ. މުއުމިނުންނާއި ކާފިރުންގެ ތަފާތަކީވެސް ނަމާދެވެ. ފާފަފުއްސެވުމަށް އެދުމުގެ ސީދާ މަގަކީ ނަމާދެވެ. އަދި އުޅުމުގައި ދުރޫސުލް އަހުލާގުން ޒީނަތްތެރި ވުނަށްވެސް ބާރު އަޅުވާ އެއް އަޅުކަމަކީ ނަމާދެވެ. އަދިވެސް އަދިވެސް ނަމާދުން ލިބޭ ފައިދާތައް ގިނަގުނައެވެ.
އާދޭހެވެ! ނަމާދު ނާޅާށެވެ. އެއީ ކުރެވޭ ބޮޑު ފާފައެކެވެ. ހީނުވިޔަސް، އިހުސާސް ނުކުރެވުނަސް އެއީ ބޮޑު ފާފައެކެވެ. ނަމާދުތައް ކޮށްގެން އުޅޭ މީހާއީ ދިރިއުޅުމުގައި ކާމިޔާބު ވެއްޖެ މީހެކެވެ. އެހެންކަމުން އަޅަމެން އެންމެންނީ ނަމާދު ކުރުމަށް ޝައުގުވެރިކަން ހުންނަ ނަމާދުކުރާހިތްވާ ނަމާދުކުރުމުގެ އެދުންވެރިކަން ބޮޑު ބައެއް ކަމުގައި ލައްވާށިއެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން