ކޮންމެވެސް ވިޔަފާރިއެއް ކޮންމެވެސް ސިފައެއްގާ ކުރާ މީހުން އަހަރެމެންގެ ތެރޭގައި ގިނައެވެ. ވިޔަފާރި ކުރުމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް އަހަރެމެންނަށް ހީވެފައި އޮތްނަމަވެސް ހަގީގަތަކީ ވިޔަފާރިކުރާ މީހާ، އިންތިހާއަށް ބިރުވެތިވާން ޖެހޭނެއެވެ. ސަބަބަކަށް ވަނީ ވިޔަފާރީގެ ތެރެއިން ރިބާގެ މުޢާމަލާތެއް ކުރެވިދާނެތީއެވެ. ރިބާގެ މުޢާމަލާތް ކުރުމަކީ ކިހާވަރެއްގެ، ކިހާބޮޑު ފާފައެއްކަން އަހަރެމެން އެންމެންވެސް ދަނެއެވެ. ހިތާމައަކީ އެކަން އެނގުނަސް، އެކަމަށް ފަރުވާ ބަހައްޓާ މީހުން މަދު ކަމެވެ. އެފަދަ މީހުންނަށް މި ދެ އާޔަތް ނުފުދޭ ހެއްޔެވެ؟
﴿275﴾ الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ
މާނައީ: رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ. (އަލް ބަޤަރާ 275 ވަނަ އާޔަތް)
﴿276﴾ يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ
މާނައީ: اللَّه، رِبا އުނިކުރައްވައި، އޭގެ بركات ނެތިިކުރައްވައެވެ. އަދި، صدقات އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ كافر އަކު ދެކެ، اللَّه ލޯބިވެ ވޮޑިގެނެއް ނުވެއެވެ. (އަލް ބަޤަރާ 276 ވަނަ އާޔަތް)
ރިބާ އަކީ އޭގެ ސަބަބުން ލިބޭ ފައިސާގެ އަދަދު ގިނަ ކަމުގައި ވީނަމަވެސް އަގެއް ނެތް އެއްޗެކެވެ. ފަހަރުގައި އެ ފައިސާއަކީ ވަރަށް ގިނަ ކަންކަމަށް ހަރަދު ކުރަން ލިބިފައިވާ ފައިސާއެކޭ ހީވެދާނެއެވެ. ނަމަވެސް ދަންނާށެވެ. ކީރިތި ޤުރުއާނުގައި، އަހަރެމެންނަށް ތަނަވަސްކަން ދެއްވި މާތް ﷲ ވަޙީކުރައްވާފައި އެވަނީ ރިބާ އުނިކުރައްވާ އޭގެ ބަރަކާތް ނެތިކުރައްވާނޭ ވާހަކައެވެ. އެ އިލާހު ގެންދެވި އެއްޗެއް، ދޭނޭ އެހެން ފަރާތެއް ނުވާނެއެވެ. އަދި އެ އިލާހުގެ ބަރަކާތުން މަހުރޫމު ވެއްޖެ މީހެއް ނުވަތަ އެއްޗަކުން ބާއްޖަވެރިކަމެއް ހޯދުމަކީ މުސްތަހީލު ކަމެކެވެ. ވިޔަފާރިވެރިން ވިސްނާށެވެ. މިކަމާއި މެދު ވިސްނުމަށް މި ދެ އާޔަތް އަހަރެމެންނަށް ފުދެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން