ދައްޗެއް ތުރާލެއް، އުނދަގުލެއް އަދި މާޔޫސްކަމެއް ދިމައި ވުމަކީ އިންސާނާއަށް ބަރުދާސްތު ކުރަން އުނދަގޫ ކަންކަމެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައި އަހަރެމެންގެ އުންމީދަށާއި އަޒުމަށް ލޮޅުން އަރާ ގޮތްވެއެވެ. އަދި އަހަރެމެންގެ ބައެއް މީހުން އެމީހުންގެ ނަފްސުގެ މަތިން ފޫހިވާ ގޮތްވެސް ވެދެއެވެ. ނަމަވެސް އަހަރެމެން އަބަދުމެ ކިޔަވާ ކީރިތި ޤުރުއާނުގެ މި މޫރިތި އާޔަތްތަކާއި މެދު ވިސްނާލާށެވެ. އުންމީދު ކަނޑަލުމެއް، މާޔޫސް ވުމެއް އީމާންތެރިކަމުގެ އަހުލުވެރިންނަކަށް ނުވެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި މި އާތްތަކުގެ މަތިން ހަނދުމަ ކުރާށެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީ ކުރައްވަނީ މިފަދައިންނެވެ:
﴿286﴾ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ. މާނައީ: اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. (އަލް ބަޤަރާ 286 ވަނަ އާޔަތް)
﴿2﴾ أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ. މާނައީ: މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ (އަލް ޢަންކަބޫތު 2 ވަނަ އާޔަތް)
﴿5﴾ فَإِنَّ مَعَ الْعُسْرِ يُسْرًا ﴿6﴾ إِنَّ مَعَ الْعُسْرِ يُسْرًا. މާނައީ: ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (އަލް އިންޝިރާޙް 5 އަދި 6 ވަނަ އާޔަތް)
﴿155﴾ وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ. ﴿156﴾ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ. މާނައީ: ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. (އަލް ބަޤަރާ 155 އަދި 156 ވަނަ އާޔަތް)
﴿53﴾ ۞ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ. މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ. (އައްޒުމަރް 53 ވަނަ އާޔަތް)
މިއީ އިންސާނެއްގެ ބަސްތަކެއް ނޫނެވެ. މިއީ އަހަރެމެންނަށް މުސީބާތެއް ވިޔަސް އަދި ބާއްޖަވެރިކަމެއްވެސް ދެއްވާ އިލާހުގެ ބަސްފުޅުތަކެވެ. އަހަރެމެން މާޔޫސް ނުވާށެވެ. މުސްލިމުން ﷲ ގެ ހަޟްރަތުން އުންމީދު ކަނޑާ ނުލާށެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން