އިސްލާމްދީނުގައި އަޚުވަންތަކަމުގެ މަޢުލޫއަށް މުޅި ރާއްޖޭގައި މިއަދު ހިއްވި ޚުތުބާ ދިވެހިންގެ އަދުގެ މުޖުތަމައުތަކާ ވަރަށްވެސް ގުޅެއެވެ. އެގޮތުން ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކިނުކުރެވޭނެ ގުނަވަނެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ހަނދާންކޮށްދީފިއެވެ. ޚުތުބާގައި މިހެން ހަނދާންކޮށްދިން ނަމަވެސް ހިތާމައަކީ އަހަރެމެންގެ މުޖުތަމައުތަކުގައި އަޚުވަންތަކަން ނެތްކަމެވެ. ރުޅިވެރިކަމާއި ނަފްރަތާއި ހަސަދަ އަދި ފިތުނަ އަކީ މިއަދު މި ރާއްޖޭގެ އިސްލާމީ މުޖުތަމައުތަކުން ފެންނަ ކަންކަމެވެ. ހަމަ އެއާއި އެކު އިސްލާމީ އެއް ގައުމު އަނެއްގައުމާ އޮންނަ އަޚުކަމުގެ ގުޅުންތައްވެސް މިއަދު މިވަނީ ސިޔާސީ ކަންކަމުގެ ތެރޭގައި އެފުށްމިފުށަށް ޖެހިފައެވެ.
މިއަދުގެ ޚުތުބާގައި ބުނީ ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކޮށް، މުސްލިމުން އެމީހުންނަށްޓަކައި ހެޔޮ ދުއާކޮށް، އިހްސާންތެރިވާން ޖެހޭނެ ކަމަށެވެ.
ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ އެހެން މީހުންނަށް އިސްކަންދީ އަޅާލައި އިހުސާންތެރިވުމަކީ މުސްލިމުންގެ މެދުގައި ކަންކަން އޮންނަންޖެހޭނެ ގޮތް ކަމަށާއި މާތް الله އިންސާނުން އުފައްދަވާފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އިންސާނުން މި ދުނިޔޭގައި ލައްވާފައިވަނީ އެކަކު އަނެކެއްގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން ކޮންމެ އިންސާނަކީ ވެސް އަނެކުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް ކަމަށާއި މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންނަށް އެހީތެރިވެ ހަމްދަރުދީ ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އެއީ އަހަރެމެންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއް ކަމަށާއި އެއީ މުއުމިނުންގެ ސިފައެއް އަދި އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް ކަމަށް ވެސް ބުންޏެވެ.
އީމާންކަން ފުރިހަމަ ނުވާ މީހާ ސުވަރުގެ ނުވަންނާނޭ ކަމަށާއި ތިމާގެ އަމިއްލަ ނަފްސަށް އެދޭ ކަންކަން ތިމާގެ އަޚާއަށްވެސް ނުމަށް ނޭދޭނަމަ އީމާންތެރިކަން ފުރިހަމަ ނުވާނޭ ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އިސްލާމް ދީނުގައި އެއްބައިވަންތަކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަން ފާހަގަކޮށް ހުތުބާގައި އިތުރަށް ބުނީ، ބައިބައި ނުވެ، އެއްބަޔަކީ އަނެއް ބަޔަކު ދެކެ ލޯބިވާ އަޚުންތަކެއްގެ ގޮތުގައި އުޅުމަށް މާތް الله މުއުމިނުންނަށް އަންގަވާފައިވާ ކަމަށެވެ.
ކަން މިހެން ހުރި ނަމަވެސް ބައިބައިވުން ގަސްތުގައި އުފައްދާމީހުން މި ރާއްޖޭގައިވެސް އުޅެއެވެ. ރުޅިވެރިކަމާއި ނަފްރަތާއި ފިތުނަވެރިކަން ފާޅުގައި ފާކުރަމުން ހިނގާ އިންސާނުންވެސް މެއެވެ. މިއަދުގެ ޚުތުބާއަކީ އެފަދަ މީހުންނަށް ހުރި ވަރުގަދަ އިންޒާރެކެވެ. ނަސޭހަތެކެވެ. ނަމަވެސް ހިތާމައަކީ މި ވާހަކަތައް އަޑުއަހާ އެއާއި އެއްގޮތަށް އަމަލުކުރާނޭ ނަފްސުތަކެއް ނެތްކަމެވެ. މި ހިތި ހަގީގަތް ގަބޫލުކުރާ ހާލު، މިއަދުގެ ޚުތުބާގައި ބުނާ ފަދައިން މުސްލިމުންނީ އެއް ހަށިގަނޑެއްފަދަ ބަޔަކަށް ވަމާ ހިނގާށެވެ. ރާއްޖެފަ މީސްކޮޅު މަދު ކުދި ކުދި އާބާދީތައް ގިނަ ގައުމުތަކުގައި މިއީ ކުރަން ނުލާހިކު ފަސޭހަ ކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން