ކީރިތި ޤުރުއާނުގައި އަހަރެމެން އިންސާނުން އެކަކު އަނެކަކާ ވާހަކަ ދައްކަންވީ ގޮތް ވަރަށް ސާފުކޮށް ބަޔާންވެގެންވެއެވެ. މި ލިޔުމުގައި މި ބަލާލަނީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގައި އިންސާނުން ވާހަކަ ދައްކާ އުޅެންވީ ގޮތުގެ ސާފު ބަޔާންތައް ވާރިދުވެފައިވާ އާޔަތްތަކަށެވެ. އެމަގުން ވާހަކަ ދައްކައިފި މީހަކީ ކާމިޔާބު ވެއްޖެ މީހެކެވެ. ކީރިތި ޤުރުއާނުގައި އައިސްފައިވާ ވާހަކަ ދެއްކުމުގެ ސިފަތަކުގެ ތެރޭގައި ހިމެނެނީ:

. ހެޔޮބަހުން ވާހަކަ ދެއްކުން

﴿83﴾ وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ. މާނައީ: إسـرآءيـل ގެ ދަރިންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، اللَّه އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، يتيم ންނާއި، مسكين ންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި زكاة ދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ حال، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ (عهد ފުއްދުމަށް) ފުރަގަސްދިނީއެވެ. (އަލް ބަޤަރާ 83 ވަނަ އާޔަތް)

. ތެދުބަހުން ވާހަކަ ދެއްކުން

﴿17﴾ الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ. މާނައީ: (އެއުރެންނީ) ކެތްތެރިންނެވެ. އަދި، ތެދުވެރިންނެވެ. އަދި، اللَّه އަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި، (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ. އަދި، ހާރުދަމުގައި ފާފަފުއްސެވުންއެދި دعاء ކުރާ މީހުންނެވެ. (އަލް އިމްރާން 17 ވަނަ އާޔަތް)

. އަދުލުވެރިކަމާއި އެކު ވާހަކަ ދެއްކުން

﴿152﴾ وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ ۖ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِ اللَّهِ أَوْفُوا ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَذَكَّرُونَ. މާނައީ: ރަނގަޅުގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ تصرف ފުދިއްޖައުމަށް ދާނދެނެވެ. އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން إنصاف ވެރި ގޮތުން ފުރިހަމަ ކުރާށެވެ! ތިމަންރަސްކަލާނގެ އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަ ވެގެންވާ މިންވަރަށް މެނުވީ، تكليف އެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، عدل އަށް (ތެދަށް) ބުނާށެވެ! އަދި اللَّه ގެ عهد ތައް ތިޔަބައިމީހުން ފުއްދާށެވެ! އެކަންތައްތަކަށް، ތިޔަބައިމީހުންނަށް وصية ކުރެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. (އަލް އަންޢާމް 152 ވަނަ އާޔަތް)

. ނުރުހުމުގައި ވާހަކަ ނުދެއްކުން

﴿23﴾ ۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا. މާނައީ: އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (އަލް އިސްރާ 23 ވަނަ އާޔަތް)

. މަޑުމައިތިރިކަމާއި އެކީ ވާހަކަ ދެއްކުން

﴿28﴾ وَإِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا. މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައުމަށް އެދިވަޑައިގަންނަވާ رحمة އެއްގެ އެދުމުގައި، އެއުރެންނާ ދުރުހެލިވެވަޑައިގަންނަވާނަމަ، ފަހެ، މަޑުމައިތިރި ބަހަކުން އެއުރެންނަށް ބަސް ވިދާޅުވާށެވެ! (އަލް އިސްރާ 28 ވަނަ އާޔަތް)

. ހެޔޮބަސްތަކުން ވާހަކަ ދެެއްކުން

﴿53﴾ وَقُل لِّعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ ۚ إِنَّ الشَّيْطَانَ يَنزَغُ بَيْنَهُمْ ۚ إِنَّ الشَّيْطَانَ كَانَ لِلْإِنسَانِ عَدُوًّا مُّبِينًا. މާނައީ: އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، شيطان އާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން، شيطان އާއީ، އިންސާާނާއަށް ފާޅުވެގެންހުރި عداوة ތެރިޔަކު ކަމުގައިވިއެވެ. (އަލް އިސްރާ 53 ވަނަ އާޔަތް)

. ދޮގު ބަހުން ވާހަކަ ނުދެއްކުން

﴿30﴾ ذَٰلِكَ وَمَن يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَّهُ عِندَ رَبِّهِ ۗ وَأُحِلَّتْ لَكُمُ الْأَنْعَامُ إِلَّا مَا يُتْلَىٰ عَلَيْكُمْ ۖ فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ. މާނައީ: (ކަންހުރިމަގީ) އެއީއެވެ. އަދި اللَّه ގެ حرمة ތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށްޓަކައި އެކަންތައް އެމީހެއްގެ ވެރި ރަސްކަލާނގެ حضرة ގައި ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް نعم ސޫފި حلال ކުރައްވާފައިވެއެވެ. (قرآن ގައި ނަންގަނެވި) ތިޔަބައިމީހުންނަށް ކިޔައިދެއްވާ ތަކެތި މެނުވީއެވެ. ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ! (އަލް ޙައްޖު 30 ވަނަ އާޔަތް)

. މަޑުމައިތިރި ކަަމާއި އެކު ވާހަކަ ދެއްކުން

﴿44﴾ فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ. މާނައީ: ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ. (ތާހާ 44 ވަނަ އާޔަތް)

. ބޭކާރު ވާހަކަ ނުދެއްކުން

﴿3﴾ وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ. މާނައީ: އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. (އަލް މޫމިނޫން 3 ވަނަ އާޔަތް)

. ސީދާ ބަހުން ވާހަކަ ދެއްކުން

﴿70﴾ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا. މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ! (އަލް އަޙްޒާބް 70 ވަނަ އާޔަތް)