ހައްޤަކާއި ލައިގެން ނަމަވެސް އިންސާނަކު މަރާލުމަށްފަހު ދޫކޮށްލުމުގެ ބަދަލުގައި ގުނަވަންތައް ބުރިބުރިކޮށް ވަކި ކުރުމަކީ ހަނގުރާމައިގެ ހާލަތުގައިވެސް ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"ނަފްސުގެ ހުރުމަތްތެރިކަން" މި މައުލޫއަށް ހާއްސަކޮށްގެން މިދިޔަ ހުކުރު ދުވަހު އިއްވި ހުތުބާގައި ވަނީ ހައްގަކާ ނުލައި މުއުމިނަކު މެރުމުގެ ނުބައިކަމުގެ މައްޗަށް ތަފްސީލީ ނަޒަރަކުން އަލި އަޅުވާލާފައެވެ.

ހުތުބާގައި ބުނި ގޮތުގައި ހައްގަކާނުލައި ގަސްތުގައި މުއުމިނަކު މަރާލުމަކީ މާތް ﷲ ގެ ޢަޒާބާއި ކޯފާއާއި، އެކަލާނގެ ލައުނަތް އެމީހެއްގެ މައްޗަށް ލެއްވިގެންވާ ކަމެއް ކަމެކެވެ. އަދި ހައްގަކާ ނުލައި އިންސާނަކު ގަތުލު ކުރުމަކީ، އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން އެއް ފާފަ ކަމުގައެވެ. 

ނުހައްގުން އެންމެ ނަފްސެއް މަރާލުމަކީ މުޅި އިންސާނިއްޔަތު މަރާލުންފަދަ ނުބައިކަން ބޮޑު އަމަލެއް ކަމުގައި ވެސް ހުތުބާގައި ވަނީ ބުނެފައެވެ. ހުތުބާގައި ބުނި ގޮތުގައި ނުހައްގުން މީހުން މެރުމާއި މީހުންގެ ނަފްސަށް ގެއްލުން ދިނުން ހުއްޓުވުމަށް އޮތް ނިހާއީ ހައްލަކީ، އިލާހީ ޝަރީއަތް ތަންފީޒުކޮށް ގިސާސް ހިފުން ކަމުގައެވެ. އަދި ގިސާސް ހިފުމުގައި ތިޔަބައިމީހުންނަށް ދިރުމެއް ވާކަމަށް، ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި އިއްވޭ މިފަދަ ހައްސާސީ ނަސޭހަތްތަކަކީ އަހަރެމެން، ހަމައެކަނި އަޑުއަހާ ދޫކޮށްލެވިގެން ވާނޭ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި މި ވާހަކަތައް އަޑު އަހާ އަހަރެމެންގެ އަމަލުގައި މިކަންކަމުގެ ހަގީގީ ކުލަ ޖައްސަން ވާނެއެވެ.