މުސްލިމުންނީ ފާފައެއް ކުރެވުމާއެކު ވަގުތުން ލަސްނުކޮށް، ތައުބާ ވާން ޖެހޭ ބައެއް ކަމަށާއި އަބަދުވެސް ތައުބާވެ ފާފަފުއްސެވުމަށް އެދި އެދި ތިބެންޖެހޭ ބައެއްކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިހަފްތާގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައިވަނީ ދުނިޔޭގެ ދަޅަތަކުން ސަލާމަތްވެ، އާޚިރަތައް ތައްޔާރުވަމަށެވެ. އެގޮތުން، ޚުތުބާގައި ބުނެފައިވަނީ މާތް ﷲ އިންސާނުން މި ދުނިޔެއަށް ފޮނުއްވާފައިވަނީ ނިސްބަތުން ވަރަށް މަދު ދުވަސްކޮޅަކަށް ކަމަށެވެ. ކޮންމެ މީހަކީ ވެސް އަޖަލެއް ކަނޑައެޅިފައިވާ މީހެއް ކަމަށާއި އެހެންކަމުން ދުނިޔޭގައި އުޅުމައްޓަކައި މާތްﷲ ދެއްވި މި ހަޔާތުގެ ބޭނުން ހެޔޮގޮތުގައި ހިފައި އުޚުރަވީ ހަޔާތް ބާއްޖަވެރިކުތުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
އިންސާނާ މި ދުނިޔެއަށް ފޮނުއްވާފައިވަނީ އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ކަމަށްވާތީ، އިންސާނާގެ ހަގީގީ މަންޒިލަކީ އުޚުރަވީ ހަޔާތްކަން އެންމެ ހިނދުކޮޅެއްގައި ވެސް ހަނދާން ނައްތާނުލުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.
މުދަލާއި އަނބިދަރިންނަކީ އިންސާނުން ކިޔަމަންތެރިކަން އަދާކުރާވަރު ބެއްލެވުމަށްޓަކައި ހުށަހެޅޭ އިމްތިހާނެއް ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ދުނިޔެއިން ލިބޭނެ ދެމިގެންދާ ހަމައެކަނި އެއްޗަކީ އެ މީހަކު އާޚިރަތުގެ ދަރުމައާއި ސަވާބު ހޯދުމަށް ކުރާ ހެޔޮ އަމަލުތަކުގެ ނަތީޖާ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
އުޚުރަވީ ހަޔާތުގެ ބާއްޖަވެރިކަން ހޯދުމަށް ކުރެވިފައިވާ ކުށްފާފަތަކުން ވީހާވެސް އަވަހަށް ދުރުހެލިވެ ގިނަގިނައިން ތަޢުބާވުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ތެދުވެރި ތައުބާއަކުން ތައުބާވުމަށް އަވަސްވެގަތުމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން