މީރު ކާނާ އާއި ޗާލު ފޭރާން ހެއްޔެވެ؟ ރިތި ހަށިގަނޑަކާއި ދުޅަހެޔޮ ޞިއްޙަތެއް ހެއްޔެވެ؟ ޢިއްޒަތްތެރި މަގާމަކާއި ގަދަ ބާރު ހެއްޔެވެ؟ މަޤުބޫލުކަމާއި މަޝްހޫރުކަން ހެއްޔެވެ؟ ފައިސާއާއި މުދާ ހެއްޔެވެ؟ ލޯބިވާ އާއިލާއަކާ ހެޔޮއެދޭ އެކުވެރީން ހެއްޔެވެ؟ އާދެ! މީ ހައްތާވެސް އިންސާނާ ނުހަނު ބޭނުންވާ އެއްޗެއްސެވެ. އެހެން ނަމަވެސް ރަނގަޅަށް ވިސްނައިލުމުން އެނގެނީ މި އެއްޗެއްސަށް އިންސާނާގެ ހިތް އެދެނީ މި އެއްޗެހިން އޭނާއަށް އުފަލާއި ހިތްހަމަޖެހުން ލިއްބައިދޭތީއެވެ. ނޫނީ އެ ގޮތަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ. އެހެންކަމުން ޙަޤީޤަތުގައި އިންސާނާ އެންމެ ބޭނުންވާ އެއްޗަކީ އުފަލާއި ހިތްހަމަޖެހުމޭ ބުނެވިދާނޭ ނޫން ހެއްޔެވެ؟ އަދި މީގެ އިތުރަށް އޭނާ ބޭނުންވާ އެހެން ކޮންމެ އެއްޗަކީ އޭނާގެ މި އަސާސީ ބޭނުން ހާސިލްކުރުމަށް އެދޭ ފަރުޢީ އެއްޗެކޭ ބުނެވިދާނޭ ނޫން ހެއްޔެވެ؟

ކަން މިހެން އޮތްއިރު އިސްލާމްދީނުގައި ވަނީ އިންސާނާ އަށް އޭނާ އެންމެ ބޮޑަށް ބޭނުންވާ ކަންތައް، އާދެ، ދެ ދުނިޔޭގެ އުފަލާއި ހިތްހަމަޖެހުން ލިބޭނޭ މަގު ދައްކައިދީފައެވެ. އެ މަގަކީ މާތްﷲ އަށް ފުރިހަމައަށް އީމާންވުމެވެ. އަދި ހެޔޮ ޢަމަލުތައް ކުރުމެވެ. ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް ޒިކުރު ކުރުމެވެ. މާތްﷲ އަށް ތަސްބީޙަ ކިޔައި އެ އިލާހަށް ޙަމްދުކޮށް ޝުކުރުވެރިވުމެވެ. އަދި ކެތްތެރިވުމެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ. {مَنْ عَمِلَ صَـٰلِحًۭا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌۭ فَلَنُحْيِيَنَّهُۥ حَيَوٰةًۭ طَيِّبَةًۭ ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ} (ނަހްލު ސޫރަތް: 97) މާނައީ: "މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، ޞާލިހު ޢަމަލެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް ބާއްޖަވެރި ރަނގަޅު ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮ ގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."

އަދިވެސް މާތްﷲ ވަޙީކުރައްވައިފައިވެއެވެ. {ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ} (ރަޢާދު ސޫރަތް: 28) {ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ طُوبَىٰ لَهُمْ وَحُسْنُ مَـَٔابٍۢ} (ރަޢާދު ސޫރަތް: 29) މާނައީ: "(28) އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަ ކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟ (29) އެއުރެންނީ، އީމާންވެ، ޞާލިޙު ޢަމަލުތައް ކުޅަ މީހުންނެވެ. އެއުރެންނަށް އުފާވެރިކަމާއި، އަދި އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ."

އަދި ކީރިތި ޤުރްއާނުން މޫނު އަނބުރާލައި އެކަލާނގެ ހަނދުމަކުރުމުން އެއްކިބާވެއްޖެ މީހަކަށް އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް ނުލިބޭނެ ކަން ވެސް ވަނީ ބަޔާންކުރައްވައިފައެވެ. {وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةًۭ ضَنكًۭا وَنَحْشُرُهُۥ يَوْمَ ٱلْقِيَـٰمَةِ أَعْمَىٰ} (ޠާހާ ސޫރަތް: 124) މާނައީ: "އަދި ތިމަންރަސްކަލާނގެ ޒިކުރުކުރުމުން (ނުވަތަ ޤުރުއާނަށް) ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މީހަކު (ލޮލަށް ނުފެންނަ) ކަނު މީހެއްގެ ގޮތުގައި މަޙުޝަރަށް ފޮނުއްވާހުށީމެވެ."

އެހެންކަމުން ﷲ ހަނދުމަކުރުމުން މޫނު އަނބުރާލައި އިސްލާމްދީނާ ޚިލާފު ގޮތްގޮތަށް ކުރާ ކަންކަމަކީ އަޅުގަނޑުމެންނަށް ޙަޤީޤީ އުފަލާއި ހިތްހަމަޖެހުން ލިއްބައިދޭނޭ އަސާސްތަކެއް ނޫން ކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ.

 

(އިންސާނާ އެންމެ ބޭނުންވަނީ ކޮން އެއްޗެއް ހެއްޔެވެ؟ - އައްޝެއިޚް ޢަބްދުﷲ ޙުސެއިން؛ ދީނުގެ މަގު އަދަދު 20, ޞ.4 - 13 މެއި 2022)