ކަމެއް ކުރުމުގެ ކުރިން އެކަމާމެދު އަހަރުމެންގެ ހިތުގައި އޮންނަ ނިޔަތް ރަނގަޅުކުރަަން ޖެހެއެވެ. ދެއްކުންތެރިކަމުން ބަރީއަވާން ޖެހެއެވެ. ތިމާގެ ހުރި ފެންވަރާއި މޮޅުކަމެއް ދެއްކުމުގެ ނިޔަތުން ދުރުހެލިވާން ޖެހެއެވެ. ދެއްކުންތެރިކަމުގެ ބޭނުމުގައި ގޯސް ނިޔަތެއް ހިތުލައިން ކުރާ ހެޔޮ ޢަމަލުތަކަށް ހެޔޮ ޖަޒާ ލިބޭނެ ހެއްްޔެވެ؟ ހެޔޮ ޘަވާބާއި ދަރުމަ ބޭނުންނަމަ ފުރަތަމަ ނިޔަތް ރަނގަޅުކުރަން ޖެހެއެވެ. އެއީ ޢަމަލުތަކުގެ ބިންގަލެވެ. 

ދެއްކުންތެރިކަމުން ދުރުވެ ހެޔޮ ނިޔަތެއްގައި ހެޔޮ ޢަމަލުތައް ކުރުމަށް އިސްލާމްދީން ގޮވާލައެވެ. އޭގެ ދަލީލުތައް އަހަރުމެންނަށް ކީތި ޤުރުއާނުން ފެންނަން އެބަ ހުއްޓެވެ. 

‫وَلَا تَكُونُوا۟ كَٱلَّذِینَ خَرَجُوا۟ مِن دِیَـٰرِهِم بَطَرࣰا وَرِئَاۤءَ ٱلنَّاسِ وَیَصُدُّونَ عَن سَبِیلِ ٱللَّهِۚ وَٱللَّهُ بِمَا یَعۡمَلُونَ مُحِیطࣱ﴿ ٤٧ ﴾‬ (8:47)

"ބޮޑާވެ، މީސްތަކުންނަށް ކަންދެއްކުމުގެ ގޮތުން، އަދި ﷲ ގެ މަގުން މީސްތަކުން ދުރުކުރާ ޙާލު، އެއުރެންގެ ގެދޮރުން ނުކުމެގެންދިޔަ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ﷲ އީ، އެއުރެންކުރާ ޢަމަލުތައް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

ސާފު ސީދާކޮށް ހާމަވާން މި އޮތީ ދެއްކުންތެރިކަމުގެ ނުބައިކަމާއި އެކަމުން ދުރުވުމަށް އިސްލާމްދީން ގޮވާލާކަމެވެ. ކަންދެއްކުމުން ދުރުހެލިވާން ޖެހޭނެކަމެވެ. މީގެ އިތުރުން، އަލް މާޢޫން ސޫރަތުގެ 4 ވަނަ އާޔަތުން 6 ވަނަ އާޔަތުގެ ނިޔަަލަށް ބަޔާން ކުރައްވާފައިވެއެވެ. 

‫وَلَا یَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِینِ﴿ ٣ ﴾‬ ‫فَوَیۡلࣱ لِّلۡمُصَلِّینَ﴿ ٤ ﴾‬ ‫ٱلَّذِینَ هُمۡ عَن صَلَاتِهِمۡ سَاهُونَ﴿ ٥ ﴾‬ ‫ٱلَّذِینَ هُمۡ یُرَاۤءُونَ﴿ ٦ ﴾‬ (107:4-6)

"އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ. ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ."

ހެޔޮ ޢަމަލުތައް ކުރަންވާނީ ހެޔޮ ނިޔަތާއެކުގައެވެ. ނަމާދު ޤާއިމްކުރަންވާނީ މާތް ﷲގެ ހަޟްރަތުން ހެޔޮ ޘަވާބާއި ރަޙުމަތަށް އެދިގެންނެވެ. މީހަކު ތިމާގެ ދީންވެރިކަމުގެ ވާހަކަތައް ދައްކާތޯއެއް ނޫނެވެ. މާލީ ތަނަވަސްކަމާއި ކެރި ފޯރުންތެރިކަން ހުރި ނަމަ، މިސްކިތްތައް ބިނާ ކުރާނީ މާތް ﷲގެ ރުހިވޮޑިގަތުން ހާސިލްކުރުމަށެވެ. ތިމާގެ ތަނަވަސްކަން މީހުންނަށް ދެއްކުމަކަށް ނޫނެވެ. ހާލުގައި ޖެހިފައިވާ މީހުންނާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދޭނީ އޭގެ ހެޔޮ ޖަޒާ މާތް ﷲގެ ހަޟްރަތުން ލިބުމަށް އެދިގެންނެވެ. ތިމާގެ އެހީތެރިކަމާއި ދީލަތިކަމަށް މީހުން ޘަނާ ކިޔާ ތަޢުރީފު ކުރޭތޯއެއް ނޫނެވެ. އެ ތަނަވަސްކަމަކީވެސް ތިބާއަށް މާތް ﷲ ދެއްވާ ރިޒްޤުކަން ހަނދާން ކުރަން ވާނެއެވެ. މީހުންނަށް އަޅާލާ އޯގާތެރިވާން ވާނީ އެކަމުގެ ހެޔޮ ދަރުމައަށް އެދިގެންނެވެ. ރަނގަޅު އަޚްލާޤެއް ހުރި މީހެއްކަން އެހެން މީހުންނަށް ދެއްކުމުގެ ނިޔަތެއްގައި ނޫނެވެ. އެހެންކަމުން، ދެއްކުންތެރިކަމުގެ ބަދަލުގައި ހެޔޮ ނިޔަތުގައި ހެޔޮ ޢަމަލުތައް ކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ.