އަލްޚުލަފާއުއްރާޝިދޫންގެ ޙަޔާތްޕުޅުން ދަރުސްތަކެއް'' މި މައުޟޫއަށް ރައްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ އަލްޚުލަފާއުއްރާޝިދޫންއަކީ، މާތް ނަބިއްޔާގެ ޚަލީފާކަން ކުރެއްވި ހަތަރު އަސްހާބުބޭކަލުންކަމުގައިވާ أَبُوْ بَكْر (رَضِيَ اللّٰهُ عَنْهُ) އާއި،  عُمَرُ (رَضِيَ اللّٰهُ عَنْهُ) އާއި، عُثْمَانُ (رَضِيَ اللّٰهُ عَنْهُ) އާއި عَلِي (رَضِيَ اللّٰهُ عَنْهُ) މި ހަތަރު ބޭކަލުންގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.

މި ބޭކަލުންނަކީ ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އެބޭކަލުންނަށް ތަބާވުމަށް އިރުޝާދުދެއްވައިފައިވާ ބޭކަލުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މި ބޭބޭކަލުންގެ ސުންނަތުގައި ހިފުމަށްޓަކައި އެ ބޭކަލުންގެ ޙަޔާތްޕުޅަށް ނަޒަރު ހިންގައި، އެއިން ލިބޭ ފިލާވަޅުތަކުގެ އަލީގައި އަހަރެމެންގެ ދިރިއުޅުން ބިނާކުރުން ވަރަށް މުހިންމު ކަމަށެވެ. މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާއަކީ أَبُوْ بَكْر (رَضِيَ اللّٰهُ عَنْهُ)  އެވެ. އެކަލޭގެފާނު ވެވަޑައިގެންފައިވަނީ އީމާންކަމާއި ހެޔޮ އަމަލުގައި ނަމޫނާ ބޭކަލެއްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމްދީނާ މެދު ޝައްކާއި ވަހުމުތައް އުފައްދައި ފަތުރަމުންދާ މިޒަމާނުގައި އަހަރެމެން ވެސް އަބޫބަކުރުގެފާނު ދެއްކެވި ފަދަ ސާބިތުކަމެއް ދައްކާން ޖެހޭނެ ކަމަށެވެ. މީހަކު، އެ މީހެއްގެ ކޮށި ވިސްނުން ޙުއްޖަތަކަށް ހަދައި، މުސްލިމުންގެ ސިކުނޑި ދޮވެލުމަށް ޓަކައި ދައްކާ ވާހަކައަކުން، ޤުރްއާނާއި ސުންނަތުން ސާބިތުވާ، އިސްލާމް ދީނުގެ އަސާސަކާ މެދު ޝައްކު އުފައްދައިގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަލްޚުލަފާއުއްރާޝިދޫންގެ ތެރެއިން ދެވަނަ ޚަލީފާ عُمَرُ بْنُ الْخَطَّابُ (رَضِيَ اللّٰهُ عَنْهُ) ގެ ހަޔާތްޕުޅަށް ވެސް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ.

އެކަލޭގެފާނަކީ، އިސްލާމްވެވަޑައިގަތުމުގެ ކުރީގައި މައްކާގެ މުޝްރިކުންގެ ތެރެއިން ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ މައްޗަށް އެންމެ އަދާވާތްތެރި އެއް ބޭކަލު ކަމަށާއި، އުރައިން ކަނޑި ދަންމަވައިގަނެ، ﷲގެ ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޤަތުލުކުރުމަށް އެކަލޭގެފާނު ވަޑައިގަތް ހާދިސާ ޚުތުބާގައި ހިއްސާކުރިއެވެ. ނަމަވެސް، ﷲ تَعَالَى އެކަލޭފާނަށް ހިދާޔަތް ދެއްކެވުމާ އެކު، ދީނުގެ ދިފާއުގައި ވަގުތުން މަސައްކަތް ފެށްޓެވި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ އެކަލޭގެފާނު ވެވަޑައިގަތީ ސިޔާސީ ދާއިރާއާއި ދައުލަތް ހިނގުމުގެ ގޮތުން ވެސް މުޅި އިސްލާމީ ދައުލަތަށް އިންގިލާބީ ބަދަލުތަކެއް ގެންނަވައި، އިސްލާމީ ފުތޫޙާތު ފުޅާކުރެއްވި ވަރުގަދަ ލީޑަރަކަށް ކަމަށެވެ.

عُمَرُ بْنُ الْخَطَّابُ (رَضِيَ اللّٰهُ عَنْهُ)ގެ ޙަޔާތްޕުޅުން ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަށް އިޝާރަތްކޮށް ޚުތުބާގައި ބުނީ ތިމާއަކީ މާޒީގައި ކުށްތަކަށް އަރައިގަތުމާއި، ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއްކަމުގައި ވިޔަސް، އިސްލާހުވެ، ދީނަށާއި، އުންމަތަށް ޚިދުމަތްކުރުމަކީ ހުޅުވިފައިވާ ދޮރެއް ކަމަށެވެ. އަދި އެހައި ފަސޭހައިން މީސްތަކުންނާ މެދު އުންމީދު ކަނޑައިލައިގެން ނުވާނެ ކަމަށާއި، ދީނާ ދުރު ވިސްނުންތައް ގެންގުޅޭ މީސްތަކުންނާ މެދު ވެސް އަހަރެމެންގެ ޒިންމާއަކީ، ހެޔޮ ގޮތުގައި ވާހަކަދައްކައި، ނަސޭހަތް ދީ، ޝަރުއީ ދަލީލުތަކުންނާއި ބުއްދީގެ ދަލީލުތަކުން ޙުއްޖަތް ދައްކައި، ހެޔޮ މަގު ދައްކައިދީ، ﷲއާ ވަކީލުކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީލެފައިވަނީ ހިދާޔަތުގެ މަގަށް ތައުފީގު ދެއްވަނީ ﷲ سُبْحَانَهُ تَعَالَى ކަމަށާއި، ފާފަކުރެވުމަކީ، އިސްލާހުގެ މަގާ މެދު ތިބާ މާޔޫސްވާން ވީ ސަބަބެއް ނޫން ކަމަށެވެ. ކިތަންމެ ބޮޑެތި އަދި ކިތަންމެ ބައިވަރު ފާފަތަކެއް ކުރެވިފައިވީ ނަމަވެސް އިސްލާޙުވާން ބޭނުންވާ މީހަކަށް މަގު ފަހިވެފައިވާކަން މާތް ﷲ އަންގަވާފައިވާ ކަަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މުސްލިމުންގެ ތިންވަނަ ޚަލީފާ، عُثْمَانُ (رَضِيَ اللّٰهُ عَنْهُ) ހަޔާތްޕުޅަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ އަހުލާގީ ރިވެތި ސިފަތައް ލިބިވަޑައިގެންވާ ލަދުވެތި ބޭކަލެއް ކަމަށެވެ. عُثْمَانُ (رَضِيَ اللّٰهُ عَنْهُ) އަކީ ތަނަވަސް އަދި މީސްތަކުންނަށް ނުހަނު ދީލަތި ބޭކަލެއް ކަމަށާއި، މަދީނާއަށް ބޮޑު ތަދުމަޑުކަމެއް ކުރިމަތިވީ ދުވަސްވަރެއްގައި، ޢުޘްމާނުގެފާނުގެ މުދާ ޤާފިލާއެއް މަދީނާއަށް އައިކަން ފާހަގަކޮށްފައިވެއެވެ.

އަހަރެމެންނަކީ ވެސް عُثْمَانُ (رَضِيَ اللّٰهُ عَنْهُ) ފަދައިން، އަހުލާގީ ރިވެތި ސިފަތައް އަށަގެންފައިވާ، މުޖުތަމައަށް މަންފާކުރަނިވި ބަޔަކަށް ވުމަކީ މުހިންމުކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިކަން ހާސިލުކުރުމަށް ދިރިއުޅުމުގައި އަހުލާގީ ގޮތުން ހިފަހައްޓާނެ އިސްލާމީ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ އުސޫލުތަކެއް ކަނޑައަޅުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި ތިމާއަކީ ތަނަވަސްކަމުގެ އަހުލުވެރިއެއް ނަމަ، ޒަކާތް ނެރެ، ނިކަމެތީންނަށް އެހީވެ، މީހުން ބިނާކުރުން ފަދަ މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމަށް ހޭދަކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ އަލްޚުލަފާއުއްރާޝިދޫންގެ އެންމެ ފަހު ބޭކަލަކީ، عَلِي (رَضِيَ اللّٰهُ عَنْهُ)އެވެ. އެކަލޭގެފާނަކީ ހިތްވަރުގަދަކަމުގެ ރަމްޒެކެވެ. ހަނގުރާމައިގެ މައިދާނުގައްޔާއި، ޚަލީފާކަމުގައި ބޮޑެތި ފިތުނަތަކެއްގެ ތެރޭގައި އެކަލޭގެފާނު ދެއްކެވި ޤިޔާދަތާއި، ހިތްވަރަކީ ތާރީޚު ހެކިދޭ ކަންކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.