ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްސަ ކޮށްފައިވަނީ އާޚިރަތް ދުވަހަށް ތައްޔާރުވުމަށެވެ. އެގޮތުން، އާޚިރަތް ދުވަހަަށް އީމާންވުމަކީ، އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ރުކުނެއް ކަމަށާއި އެ ދުވަހުން ހިސާބު ބެއްލެވުމާއި ހުކުމް ކަނޑައެޅުއްވުމުގައި އެއްވެސް ބޭއިންސާފު ކުރުމެއް ނުވާނޭކަން ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.
އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ ދުނިޔޭގައި އިންސާނާ ކުރާ އަމަލުތައް ފަތެއްގެ ގޮތުގައި ދެއްކެވޭނޭކަމަށް، އީމާންވުންކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އިންސާނުންނަށް ކިތަންމެ ވަންހަނާގޮތެއްގައި ކުރާ އަމަލަކަށްވިޔަސް މާތް ﷲ މޮޅަށް ދެނެވޮޑިގެންވާ ކަމަށާއި މަލާއިކަތުން އެ އަމަލުތައް ލިޔުއްވާނެ ކަމަށެވެ. އަދި އިންސާނާގެ އުޚުރަވީ ބާއްޖަވެރިކަމާއި އަބާއްޖަވެރިކަން ބިނާވެފައިވަނި މި އަމަލުތަކުގެ މައްޗަށް ކަމަށްވާއިރު އަމިއްލަ ނަފްސަށް ހެޔޮ އެދޭ މީހާ ހެޔޮ އަމަލު ކުރުމުގައި ފަސް ޖެހިގެން ނުވާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
ދުނިޔޭގައި ތެދު މަގު ޚިޔާރު ކުރުމުން މަންފާވެސް ލިބޭނީ އެމީހަކަށްކަމަށާއި ނުބައި މަގު ޚިޔާރުކޮށްފިނަމަ އޭގެ ހަލާކު ހުރީވެސް އެމީހަކަށް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެހެންވެ ދުނިޔޭގެ އަރާމަށްވުރެ އާޚިރަތަށް އެދިގެން ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
ހުކުރު ޚުތުބާގައި ވަނީ ޤިޔާމަތް ދުވަހަށް ބިރުވެތިވެ ތަޤްވާވެރިވުމަށާއި ފާފަތަކާއި ދުރުވެ ހެޔޮ އަމަލުކުރުން ގިނަ ކުރުމަށާއި އެހެން މީހުންނަށް ނަސޭހަތްތެރިވެ ހެޔޮމަގަށް ގެނެވޭތޯ މަސައްކަތް ކުރުމުގެ އިތުރުން ނަރަކައިގެ ވޭންދެނިވި އަޒާބަށް ބިރުވެތިވުމަށް ވެސް އިލްތިމާސްކޮށްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން