އާދަވެ ނަމާދުކޮށް އުޅޭ ތަޤުވާވެރި އަޅަކަށް މިސްކިތާ ދުރުގައި ހުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. ދަތުރެއްގެ މަތީ ނަމާދު ޤަޞްރުކުރުމާއި ޖަމްޢުކުރުން ވެސް ބައެއް ފަހަރު އޮންނަނީ ހިތަށް އުނދަގޫ ދޭ ކަމަކަށް ވެފައެވެ. ނަމާދަށް އުނިކަމެއް އައީއޭ ހިތަށް އަރާ ވަރުންނެވެ. އާންމުކޮށް ޖަމާޢަތުގައި ނަމާދުކުރާ މީހާ އަށް އެންމެ ފަހަރަކު ޖަމާޢަތަށް ނުދެވުނަސް ހީވާނީ ނަމާދުން ބައެއް އުނިވެގެން އުޅޭހެންނެވެ.

ބައެއް ޙާލަތްތައް ނަމާދުގެ ޖަމާޢަތާ މީހާ ދުރުކުރެއެވެ. އެއީ އިޖްތިމާޢީ ރައްކަލަކަށް ޓަކައެވެ. ގިނަ މީހުންގެ މަޞްލަޙަތާ އެކަކުގެ މަޞްލަޙަތާ ފުށޫއަރާ ޙާލަތްތަކުގައި އިސްކަން ދޭން ވާނީ ގިނަ މީހުންގެ މަޞްލަޙަތަށެވެ. އެފަދަ ކަމެއް ދިމާވާ ކޮންމެ މީހަކު ވެސް އޭނާގެ އިންފިރާދީ މަޞްލަޙަތު ފަސްކޮށް އިޖްތިމާޢީ މަޞްލަޙަތު އިސްކުރަންވާނީ ހިތުގެ ލޯތްބާއި ރުހުމާ އެކުއެވެ. މިފަދަ އެއް ޙާލަތަކީ ގައިންގަޔަށްއަރާ ނުރައްކާތެރި ބައްޔެއް ހުރި މީހާ މިސްކިތުގެ ޖަމާޢަތަށް ދިޔުމެވެ. މިއީ މަދުން ނަމަވެސް ދިމާވެދާނެ ޙާލަތެކެވެ. އެފަދަ ދެރަ ނިކަމެތި ޙާލަތްތަކުން އަޅަމެން އެންމެން ސަލާމަތް ކުރައްވާނދޭވެ! آمين.

ގައިންގަޔަށްއަރާ ބައްޔަކީ އެހެން މީހުންނަށް ތަކުލީފުޖެހި އެކަމުގެ އުނދަގޫ މުޅި މުޖުތަމަޢަށް ކުރިމަތިވާނެ ކަމެކެވެ. މިސްކިތުގެ ޖަމާޢަތަށް ދާއިރު މީސްތަކުންނަށް އުނދަގޫވާ ކަންކަމުން ދުރުހެލިވެ ތިބުމަށް މާތް ނަބިއްޔާ ﷺ ވަނީ އިރުޝާދު ދެއްވައިފައެވެ. "ލޮނުމެދާއި ފިޔާ ކައިފި މީހާ (އެބަހީ: ނުކައްކައި އެ ތަކެތި ރޮލައި ކައިފި މީހާގެ އަނގައިން ވަސް ފިލައްޖައުމަށް ދާންދެން) ތިމަންނަމެންނާ ދުރުގައި ހުންނާށެވެ. (ނުވަތަ ޙަދިޘްކުރެއްވީ) "ތިމަންނަމެންގެ މިސްކިތާ ދުރުގައި ހުންނާށެވެ. އަދި އޭނާ އޭނާގެ ގޭގައި މަޑުކުރާށެވެ." (البخارى: 855) މި ޙަދީޘްގެ މުރާދަކީ އަނެކުންނަށް އުނދަގޫވާ ޙާލުގައި ހުރި މީހާ އެހެން މީހުންނާ ދުރުގައި ހުރުމެވެ. އެއީ އޭނާގެ ޙާލު އެހެން ޙާލަތަކަށް ބަދަލުވަންދެނެވެ.

މި މޭރުމުން ބަލާއިރު ގައިންގަޔަށްއަރާބަލި ހުންނަ މީހުން ވެސް އެހެން މީހުންނާ ދުރުގައި ތިބެން ވާނެ އެވެ. ބަލި މީހާ ދުޅަހެޔޮ މީހުންނާ އެކު ތިބެއްޖެ ނަމަ އެ މީހުން ވެސް ބަލީގެ ޝިކާރަޔަކަށް ވެދާނެ އެވެ. މިކަން ބަޔާންކުރައްވައި މާތް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ”‏لاَ يُورِدُ مُمْرِضٌ عَلَى مُصِحٍّ‏”(المسلم)‏ މާނައީ: “ބަލިމީހުން ދުޅަހެޔޮ މީހުންގެ ތެރެއަށް ނުގެންނާށެވެ!” މިކަމުން އެނގެނީ ބަލިވެފައި ހުންނަ ވަގުތު މީހުންތެރެއަށް ނުކުމެ އުޅުން ހުއްދަ ނޫން ކަމެވެ. އެފަދަ ޙާލަތުގައި ގައިންގަޔަށްއަރާބަލި ހުރި މީހާ މިސްކިތަށް ނުދިޔުން އެއީ އެންމެ ރަނގަޅު ގޮތެވެ.

ބަލީގެ ޙާލުގައި ޖަމާޢަތުގައި ބައިވެރި ނުވެވުނަސް އެކަމުގެ ސަވާބާއި ދަރުމަ މާތް ﷲ ދެއްވާނެތެވެ. ބަލި ފިއްލަވައިތޯ ދުޢާކޮށް މަސައްކަތް ކުރާށެވެ. ބަލިމަޑުކަމުން ސަލާމަތްވެ ތިބޭ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ!

 

(ގައިންގަޔަށްއަރާބަލި ހުރި މީހާ މިސްކިތަށް ނުދިޔުން - އައްޝެއިޚް މުޙައްމަދު އަފްޟަލް؛ ދީނުގެ މަގު ޢަދަދު 35, ޞ.1 - 26 އޮގަސްޓް 2022)