އޯގާތެރިވުމާއި މާފްކުރުމަކީ އިސްލާމްދީން ވަރަށްބޮޑަށް ބާރުއަޅާ ކަމެކެވެ. އެކަންކަމަށް އިޝާރާތް ކުރައްވާ މާތް ﷲ ކީރިތި ޤުރުއާނުވައި ވަނީ އެތައް އާޔަތެއް ވަޚީ ކުރައްވާފައެވެ. އޭގެތެރެއިން އޯގާތެރިވުމަށް އަމުރުކުރައްވާ މާތް ވަޚީ ކުރައްވަނީ މިފަދައިންނެވެ.
﴿159﴾ فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ
މާނައީ: އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. (އަލް އިމްރާން 159 ވަނަ އާޔަތް)
މާފުކުރުމަށް ހިތްވަރު ލިބެނީ ކީރިތި ޤުރުއާނުގައި ވާ މި އާޔަތުންނެވެ.
﴿85﴾ وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ ۗ وَإِنَّ السَّاعَةَ لَآتِيَةٌ ۖ فَاصْفَحِ الصَّفْحَ الْجَمِيلَ
މާނައީ: ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެ ދެމެދުގައިވާހާ ތަކެއްޗެއް، حق ގޮތުގައި މެނުވީ ނަހައްދަވަމެވެ. އަދި ހަމަކަށަވަރުން، قيامة ގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ! (އަލް ޙިޖްރު 85 ވަނަ އާޔަތް)
މާފުކުރުމުގައި، މާފް ކުރާ މީހާއަށް އޮތީ ސަވާބާއި ދަރުމަކަން އަންގައިދެނީ ޤުރުއާނުގެ މި އާޔަތުންނެވެ.
﴿40﴾ وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ ۚ إِنَّهُ لَا يُحِبُّ الظَّالِمِينَ
މާނައީ: ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) عفو ކޮށް، صلح ވެރިވެގަތްމީހާގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ. (އައްޝޫރާ 40 ވަނަ އާޔަތް)
މާފުކުރުމަކީ މުސްތަކުބަލުގައި އިންސާނާގެ އަޒުމު ވަރުގަދަވެގެން ދާނޭކަމެއްކަން މި އާތަޔުން އެނގެއެވެ. މާތް ﷲ ވަޚީ ކުރައްވާފައި ވެއެވެ.
﴿43﴾ وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ الْأُمُورِ
މާނައީ: އަދި ހަމަކަށަވަރުން، ކެތްތެރިވެ، عفو ކުރިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަންކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ. (އައްޝޫރާ 43 ވަނަ އާޔަތް)
ދުނިޔެ މަތީގައި އެހެން މީހުނަށް މާފް ކުރުމަކީ އާހިރަތުގައި އެ މީހެއްގެ ފާފަ ﷲ ފުއްސަވާ ދެއްވާނޭ މީހެއްކަން އެނގެނީ ނޫރު ސޫރަތުގެ މި އާޔަތުންނެވެ.
﴿22﴾ وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ
މާނައީ: ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، مسكين ންނަށާއި، اللَّه ގެ މަގުގައި هجرة ކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން عفو ކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (އަންނޫރު 22 ވަނަ އާޔަތް)
މިއީ މާފް ކުރުމާއި އޯގާތެރިކަމަށް ކީރިތި ޤުރުއާނުގައި އައިސްފައިވާ ބައެއް އާޔަތްތަކެވެ. މި އާޔަތްތަކުން އަހަރެމެންނަށް އެނގޭ އެއް ކަމަކީ މާފް ކުރުމާއި އޯގަތެރިވުމަކީ އިންސާނިއްޔަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ އަދި އެކަމުގައި ސަވާބާ ދަރުމަ ހުރި ކަމެއް ކަމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން