މުދަލަކީ އެއިން އެއްވެސް ފައިދާއެއް ކުރާނޭ އެއްޗެއް ނޫންކަމުގައި އަހަރެމެން ބުނި ނަމަވެސް އެކަން އަހަރެމެންނަށް ޤަބޫލުކުރެވޭ ހެން ހިޔެއް ނުވެއެވެ. އަބަދުވެސް އިންސާނާއަށް ދެވެނީ މުދަލާއި ފައިސާގެ ފަހަތުންނެވެ. އެ އެއްކޮށް ޖަމާކޮށް އަތުގައި ގިނަ ކުރުމުގެ ދަހިވެތި ކަމުގައެވެ. ނަމަވެސް މުދަލަކީ އަހަރެމެންނަށް ފައިދާ ހުރި އެއްޗެއް ހެއްޔެވެ؟ އާދޭހެވެ! ފައިދާ ހުރި ގޮތުގައި ހޭދަކޮށްފިނަމަ އެއީ ފައިދާ ކުރަނިވި އެއްޗެކެވެ. ނަމަވެސް ހޭދަނުކޮށް، އެ މުދަލުގެ މައްޗަށް ދަހިވެތިވެ ގަތުމަކީ ގެއްލުމާއި ހަލާކު ހުރި ކަމެކެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ތަނަވަސް މީހުން ހޭދަކުރަން ޖެހެއެވެ. އެކަމުގެ މައްޗަށް އިންކާރުކުރާ މުދާވެރިންގެ ނިމުން ވަރަށްވެސް ބިރުވެރިއެވެ. އާހިރުގައި އެމީހުންނަށް އޮތީ މަތިމަށްޗަށް ގެއްލުމާއި ހަލާކެވެ. އެފަދަ މީހުންގެ ހާލު ބަޔާންކުރައްވާ މާތް ﷲ ކީރިތި ޤުރުއާނުގެ އަލް ޙާއްޤަ ސޫރަތުގައި ވަނީ ވަޙީ ކުރައްވާފައެވެ. އެ ސޫރަތުގެ 28 ވަނަ އާޔަތުން 36 ވަނަ އާޔަތާ ހަމައަށް، މާނައާއި އެކު ބަލާލާށެވެ.
﴿28﴾ مَا أَغْنَىٰ عَنِّي مَالِيَهْ ۜ
މާނައީ: ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. (އަލް ޙާއްޤަ 28 ވަނަ އާޔަތް)
﴿29﴾ هَلَكَ عَنِّي سُلْطَانِيَهْ
މާނައީ: ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ. (އަލް ޙާއްޤަ 29 ވަނަ އާޔަތް)
﴿30﴾ خُذُوهُ فَغُلُّوهُ
މާނައީ: (زبانىّ ملائكة ންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ! (އަލް ޙާއްޤަ 30 ވަނަ އާޔަތް)
﴿31﴾ ثُمَّ الْجَحِيمَ صَلُّوهُ
މާނައީ: ދެން އޭނާ ނަރަކަޔަށް ވައްދާށެވެ! (އަލް ޙާއްޤަ 31 ވަނަ އާޔަތް)
﴿32﴾ ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ
މާނައީ: ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ! (އަލް ޙާއްޤަ 32 ވަނަ އާޔަތް)
﴿33﴾ إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ
މާނައީ: ހަމަކަށަވަރުން، އޭނާ މާތް اللَّه އަށް إيمان ވާކަމުގައެއް ނުވެއެވެ. (އަލް ޙާއްޤަ 33 ވަނަ އާޔަތް)
﴿34﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ
މާނައީ: އަދި مسكين ންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ. (އަލް ޙާއްޤަ 34 ވަނަ އާޔަތް)
﴿35﴾ فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ
މާނައީ: ފަހެ، މިއަދު މިތާކު އޭނާއަކަށް رحمة ތެރިޔަކު ނުވެއެވެ. (އަލް ޙާއްޤަ 35 ވަނަ އާޔަތް)
﴿36﴾ وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ
މާނައީ: އަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ أهل ވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ. (އަލް ޙާއްޤަ 36 ވަނަ އާޔަތް)
މިކަންކަމުގައި ވިސްނާ ނުވަތަ ވިސްނޭ ބަޔަކަށް ނޫނީ އިބުރަތެއް ދަރުސެއް ނުވެއެވެ. މުދާ ވެރިން، ތަނަވަސްކަމުގެ އަހުލުވެރިން މި އާޔަތްތަކާއި މެދު ބިރުވެތި ވާށެވެ. މިސްކީނުންނާއި ހާލުގައި ޖެހިފައިވާ މީހުންނާ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގައި ތަނަވަސްކަމުގެ އަހުލުވެރިން ފަސްނުޖެހޭށެވެ. ޖެހިއްޖެނަމަ އެ ބައެއްގެ ނިމުމުގައި ވެދާނޭގޮތް އިސްވެދިޔަ އާޔަތްތަކުގައި އެ ވަނީ ބަޔާން ކުރައްވާފައެވެ. ބިރުވެތިވާށެވެ. ސަމާލުވާށެވެ. މުށްބާރު ނުކުރާށެވެ. އޯގާތެރިވާށެވެ. އެހީތެރިވާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން