ކަންކަމާ މެދު ވިސްނާ ފިކުރުކުރާ ބަޔަކަން އެ ކަންކަން ވަނީ އިބުރަތްތަކުން ފުރިފައެވެ. މާތް ﷲ އިންސާނާ ހައްދަވާ، މި ދުނިޔޭގައި ޚަލީފާވެރި ކުރެއްވީ އިންސާނާގެ ހަށިގަނޑު އެއީ އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެތްކެއް ގޮތުގައި ލައްވާފައެވެ. މި ހަށިގަނޑު ހެދިބޮޑުވުމާއި ހަށިގަނޑުގެ މަސައްކަތްތައް ތަރުތީބުވެފައިވަނީ އަޖައިބެއްހާ ފުރިހަމަކޮށެވެ. މި ފުރިހަމަ ނިއުމަތަށްޓަކައި މާތް ﷲ އަށް ޝުކުރު ހުއްޓެވެ. ނިއުމަތްތަކާ މެދު ވިސްނުމުން އަހަރެމެންނަށް އެނގޭ ކަމަކީ މިއީ ކުޅަދުންވަންތަ އިލާހެއްގެ ފުރިހަމަ ފަރުމާއެއް ކަމެވެ.

އިސްލާމްދީނުގައި އިންސާނާ، މުކައްލަފަކަށް (ބޮޑު) އިންސާނަކަށް ޠަބައީ ގޮތުން ހަދައިދެނީ އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލަކުންނެވެ. އެއާއި އެކު ދީނީ ހަމަތަކުން އެއީ ތަކުލީފު ލިބިގެންވާ މީހެކޭ ބުނެވެއެވެ. މާނައަކީ އެހާރުން އެ އިންސާނާގެ ޢަމަލުތައް ލިޔުއްވާނެތީއެވެ. އެހިސާބުން އެ އިންސާނަކު ކުޅަ ކަމެއްގެ ހެވާއި ނުބައި ޖަޒާ އެ އިންސާނަކަށް އާޚިރުގައި ދެއްވާނެތީއެވެ. މުކައްލަފަކަށް ވުމަކީ ހަގީގަތުގައި ވަކި އުމުރެއް "ލިޔެވިފައި" ވާ ކަމެއް ނޫނެވެ. އެހެންނަމަވެސް މުކައްލަފަކަށް ވަނީ އިންސާނާ ބާލިޣު ވުމުންނެވެ. އެހެންކަމުން ބާލިޣުވާ އިންސާނާ މުކައްލިފަކަށް ވާ ސަބަބުތަކަށް ބަލައިލުން މުހިންމެވެ. 

އިންސާނާގެ ހަށިގަނޑަށާއި ހަށިގަނޑުގެ ގުނަންތަކާއި ހިއްސުތަކަށް އަންނަ ތަފާތަކީ މިކަމުގައި އެންމެނަށްވެސް އެނގޭ އާންމު ކަންކަމެވެ. ނަމަވެސް އަޅުގަނޑުމެންގެ ގިނަ މީހުންނަށް ނޭނގޭ ވަރަށްބޮޑު ކަމެއް ވެއެވެ. އެއީ އިންސާނާ ބާލިޣުވަނީ ސިކުނޑީގެ ތިން ތަސައްރަފު ފުދުމަކުންކަމެވެ. މިކަމަށް ވިސްނާލުމުންވެސް މާތް ﷲ ގެ ކުޅަދުންވަންތަ ކަމާއި އެ އިލާހުގެ ގަދަ ކީރިތިވަންތަކަން ހާމަވެއެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.

﴿67﴾ هُوَ الَّذِي خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ثُمَّ لِتَكُونُوا شُيُوخًا ۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبْلُ ۖ وَلِتَبْلُغُوا أَجَلًا مُّسَمًّى وَلَعَلَّكُمْ تَعْقِلُونَ 

މާނައީ: "އެކަލާނގެއީ، ތިޔަބައިމީހުން ވެލިން ހެއްދެވި ރަސްކަލާނގެއެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން ޅަކުދިންގެ ގޮތުގައި (މައިމީހާގެ ބަނޑުން) ނެރުއްވަތެވެ. ދެން ތިޔަބައިމީހުން ބޮޑުވެ ފުރާފުރިހަމަވުމާ ހަމަޔަށް ފޯރުމަށްޓަކައެވެ. ދެން ތިޔަބައިމީހުން މުސްކުޅިންނަށް ވުމަށްޓަކައެވެ. އަދި އޭގެކުރިން މަރުވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި ތިޔަބައިމީހުން ކަނޑައެޅިގެންވާ މުއްދަތަކަށް ފޯރުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ." (އަލް ޣާފިރް 67 ވަނަ އާޔަތް)

މި އާޔަތުގައި އިންސާ ބޮޑުވެ ފުރާފުރިހަމަވުމާ ހަމަޔަށް ފޯރާ ވާހަކަ އައިސްފައި ވެއެވެ. އެއީ ބާލިޣު ވުމުގެ ވާހަކަ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އަދި މި އާޔަތުގެ އެންމެ ފަހުގައި ވިސްނުމަށް ޓަކައޭ އޮތް އޮތުމުން ދޭހަވަނީ އިސްވެ އެ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވި ކަންކަމާއި މެދު ވިސްނާ ފިކުރު ކުރަންޖެހޭނޭ ކަމެވެ. އަދި އެ ކަންކަމުގައި އަޖައިބު ކުރުވަނިވި އެތައް ކަމެއް އިންސާނާއަށް ފެންނާނޭ ކަމެވެ.

އިންސާނާ ބާލިޣު ވުމުގެ ކުރިން އިންސާނާގެ ސިކުނޑި ތެރޭގެ ތިން ބަޔަކުން، ތިން މަސައްކަތެއް ކުރެއެވެ. އެގޮތުން ޕީނިއަލް ގްލޭންޑް ނަމަކަށް ކިޔާ ކުޑަކުޑަ ގުނަވަނަކުން އުފައްދާ މެލާޓޮނިން ނަމަކަށް ކިޔާ ހޯމޯންގެ މިންވަރު މަދުވެއެވެ. އޭގެ ސަބަބުން ސިކުނަޑީގެ އެހެން ބައެއް ކަމަށްވާ ހައިޕޮތަލަމަސް އިން "ގޮނޯޑޯޓްރޮފިން ރިލީސިން ހޯމޯން" ނަމަކަށް ކިޔާ ހޯމޯނެއް އުފައްދައެވެ. މެލާޓޮނިން އަކީ މި ދެންނެވި ހޯމޯން އުފެދުމަށް ހުރި ހުރަހެއް ކަމަށް ބައެއް ދިރާސާވެރިން ދެކިލައްވައެވެ. އެހެންކަމުން މެލާޓޮނިން މަދުވުމުން "ގޮނޯޑޯޓްރޮފިން ރިލީސިން ހޯމޯން" އުފެދެން ފަށައެވެ. އޭގެ ސަބަބުން ޕިޓިއުޓަރީ ގްލޭންޑް ނަމަކަށް ކިޔާ ސިކުނޑީގެ ބަޔަކުން އިތުރު ދެ ހޯމޯން އެއް އުފައްދައެވެ. އެއީ "ފޮލިކިއުލާ ސްޓިމުލޭޓިން ހޯމޯން" ނަމަކަށް ކިޔާ ހޯމޯނަކާއި "ލޫޓިނައިޒިން ހޯމޯން" ނަމަކަށް ކިޔާ ދެ ހޯމޯނެވެ. މި ތިން މަރުހަލާ ކަޑައްތު ކުރަނީ އިންސާނާގެ ސިކުނޑީގައެވެ. އެއަށްފަހު މި ދެ ހޯމޯން ލޭގެ ތެރެއިން އެ ހޯމޯން ތަކުގެ މަންޒިލަށް ވާސިލުވެއެވެ. އެހިސާބުން އިންސާނާގެ ހަށިގަނޑުން އެ ބަދަލުތަށް ފެންނަން ފަށައެވެ. އިންސާނާ ބާލިޣު ވެދެއެވެ.

ޕީނިއަލް ގްލޭންޑް އާއި ހައިޕޮތަލަމަސް އާއި ޕިޓިއުޓަރީ ގްލޭންޑް ގެ ތަސައްރަފު ފުދުންތަކެއް އެކުވެގެން އިންސާނާ ބާލިޣު ވާއިރު، މިއީ އަހަރެމެންނަށް އިހުސާސް ކުރެވޭ ކަންކަމެއް ނޫނެވެ. އެހެނަސް ކޮންމެ އިންސާނެއްގެ ހަށިގަނޑުގައި ހިނގާ ކަންކަމެވެ. އެނގި ހާމަވާ ކަމަކީ މިދެންނެވި ނިޒާމުން އިންސާނާގެ ސިކުނޑީގެ ތިން ތަސައްރަފު ފުދުމެއް ހިނގާ ކަމެވެ. މިއީ މާތް ﷲ ގެ ކުޅަދުންވަންތަކަމާއި މާތްކަން ހާމަވާ ކަންތައްތަކެކެވެ. އިންސާނާގެ ހަށިގަނޑާއި މެދު މިފަދަ ކޮންމެ ނަޒަރަކުން ވިސްނާލި ކަމުގައި ވީނަމަވެސް މާތް ﷲ ގެ ކުޅަދުންވަންތަކަން ނިހާޔަތަށް ފެންނަން ހުރެއެވެ.