ކެތްތެރިކަމަކީ އިންސާނާގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ ސިފައެކެވެ. ޖަމާއަތެއްގެ ތެރޭގައި އަހަރެމެން އުޅެމުން ދާއިރު ކެތްތެރިކަމަކީ އެ ޖަމާއަތެއްގެ ދިރިހުރުމާވެސް ގުޅިފައިވާ ކަމެކެވެ. އަހަރެމެން މުސްލިމުންނަށް ވީ ހިނދު، އަހަރެމެންގެ ދިރިއުޅުމުގެ ކަންކަމުގައި ވާގި ހޯދުން ވަނީ ނަމާދުންނެވެ. އެއާއި އެކު ކެތްތެރި ކަމުންމެވެ. އިސްލާމްދީނުގެ ވާޖިބުތަކާއި ރުކުންތައް ހުރި އިރު، އިންސާނުން ވާގި އެދެންވީ ކެތްޔެރިކަމާއި ނަމާދުން ކަމަށް މާތް ﷲ ކީރިތި ޤުރުއާނުގައި ވަނީ އަންގްވާފައެވެ. ނަމާދާއި އެކު އެހެން ވާޖިބެއް ނުވަތަ ރުކުނެއް ވަޚީ ކުރެއްވުމަކާއި ނުލާ އެ އާޔަތުގައި މާތް ﷲ ވަޚީ ކުރެއްވީ ކެތްތެރިކަމުގެ ވާހަކައެވެ. މާތް ﷲ ބަޤަރާ ސޫރަތުގައި ވަޚީ ކުރައްވާފައި ވެއެވެ.

﴿153﴾ يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ 

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. (އަލް ބަޤަރާ 153 ވަނަ އާޔަތް)

ކެތްތެރިކަމަކީ އާދައިގެ ސިފައެއް ނޫނެވެ. އިސްލާމްދީނުގެ ކޮންމެ އަޅުކަމެއްގައިމެ ކެތްތެެރިކަން ވެއެވެ. އަދި ކިއެއް ކެތްތެރި ކަމަކީވެސް އޭގެ ޠަބީއަތުގައި އަޅުކަމެކެވެ. ދަންނާށެވެ! ރޯދައަށް ހުންނަ އިރު އެ ވާ ހައިހޫނު ކަމާއި ވަރުބަލިކަމުގައި އޭނާ ކެތްކުތާ ކެތްކުރުން ވަނީ ހެޔޮކަމުގެ ތެރެއިންނެވެ. ރުޅި އަންނަހިނދު އެ ރުޅީގެ މަށްޗަށް ނަފުސު ގަދަކޮށް، ރުޅި މައިތިރިކޮށް ރައްދެއް ނުދީ ކެތްކުރާ ކެތްކުރުމަކީވެސް ހެޔޮ ކަމެކެވެ. ފާހިޝްކަމަކަށް އިންސާނާގެ ހިތް އެދެމުން ދާއިރު، އެކަމުގެ މައްޗަށް ކެތްތެރިވެ، އެ ފާފައާއި ގާތްނުވެ ހުންނަ ހުރުމަށް އޭނާ ކެތްކުރާ ކުރުމަކީ އޭނާއަށް ހެޔޮ ޖަޒާ ލިބިދާ ކަމެކެވެ. ބައްޔެއްވެ ނުވަތަ އަނިޔާއެއްވެ، އެކަމުގައި އޭނާ ކެތްކުރާ ކުރުމަކީ އޭނާގެ ފާފަފުއްސަވާ ކެތްކުރުމެކެވެ. ހިތާމައެއް މުސީބާތެއް ކުރިމަތިވާހިނދު، އެކަކުގެ މައްޗަށް ކެތްތެރިވުމަކީ ތަޤުވާވެރިންގެ ސިފައެކެވެ. ކެތްތެރިކަމަކީ އީމާންތެރިކަން ވަރުގަދަ ކޮށްދީ ނަފުސުގެ އިތުބާރު ލިބި، މީހާއަށް ނަފްސާނީގޮތުން އެތައް ހިތްވަރަކާއި ބާރުވެރިކަމެއް ލިބިދާ ކެމެކެވެ. 

ކެތްތެރިވެވޭނޭ ކިތައްމެ ގޮތެއް ވެއެވެ. ޝަކުވާ ނުކުރުމާއި ބަހަނާ ނުދެއްކުމަކީ ކެތްތެރިކަމުގެ ތެރެއިންވާ ކަމެކެވެ. ކަމަކަށް އެދި އޭނާ ކުރާ ހިތްވަރުގައި ނުވަތަ މަސައްކަތެއްގައި ސާބިތުވެ ހުރުމަކީ ކެތްތެރި ކަމެކެވެ. އަޅުކަންތައް ކުރުން ވަނީ ކެތްތެރިކަމުގެ ތެރޭގައެވެ. ފަރުވާތެރިކަމާއި އިހްތިރާމު ކުރުމަކީވެސް ކެތްތެރިކަމުވެ ތެރެއިންވާ ކަންކަމެވެ. ތަދަކަށް ވޭނަކަށް ހިތާމައަކަށް ކެތްކުރުމާއި، އުފާތަކުގައި ހައްދުފަހަނަ އަޅާ ނުދިއުމަސް ކުރާ މަސައްކަތަކީވެސް ކެތްތެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކެތްތެރިކަމުގެ ޖަޒާ އަކީ ކޮންފަދަ ޖަޒާއެއް ތޯއެވެ؟ މި ދުނިޔެމަތީގައި އެނޫން ޖަޒާއެއް އަހަރެމެން އެދޭނަން ތޯއެވެ. އިސްވެ ބަޔާންކުރެވުނު އާޔަތުގައި މާތް ﷲ ވަޚީ ކުރައްވަނީ ކެތްެތެރިންނަށް ހުރި ހެޔޮ ޖަޒާގެ ވާހަކައެވެ. އެ އިހާލު ވަޚީ ކުރެއްވި އެ ބަސްފުޅުގެ މާނައިގާ ވެެއެވެ. "ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ." މި އާޔަތުގައި ﷲ ވޮޑިގެންވުމޭ ބަހުގެ މުރާދެއްގެ ގޮތުގައި އިލްމުވެރިން ދެކިލައްވާ ކަމަކީ އިންސާނާ އެދޭ ހެޔޮކަންކަން ފަހިވުމަށް ފަސޭހަވުން ކަމުގާ ވެއެވެ. އެމީހަކު އެދޭ ކަމެއް ނުވަތަ ކަންތައްތަކެއް މާތް ﷲ ގެ އިރާދަ އާއި އެކު ފަސޭހަކަމާއެކު އެމީހަކަށް ހިންމަވައިދެއްވާނޭ ކަމުގެ ވާހަކައެވެ.

އާދޭހެވެ! އަހަރެމެންގެ ތެރެއިން ފެންނަނީ ކެތްތެރިކަން ކުޑަކަމުގެ މިސާލުތަކެވެ. އެކި ދިމަ ދިމާލުންނެވެ. އެހެން ނުހަދާށެވެ! ކެތްތެރިކަމިގެ ޖަޒާ ނިކަން ދެކިބަލާށެވެ!