މިދުވަސްވަރަކީ މުޅި ދުނިޔެއަށްވެސް ފުޓުބޯޅައިގެ އީދެއް އައިސްފައިވާ ދުވަސްވަރެކެވެ. ފުޓުބޯޅާގެ އެއްމެ ވަރުގަދަ އަދި އެއްމެ ބޮޑު އެއް މުބާރާތް ކުޅެވެމުންދާ ދުވަސްވަރެވެ. މި ދުވަސްތަކުގައި އަހަރެމެން މުސްލިމުންގެ ހައިސިއްޔަތުން ވިސްނާ ފިކުރުކުރަންޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ.

މިއަހަރުގެ މި މުބާރާތް ބޭއްވޭ ގައުމަކީ އިސްލާމީ ގައުމެކެވެ. އަދި މުބާރާތް ފެށުމުގައްޔާއި މުބާރާތް ކުޅޭ ދަނޑުތަކުގައި އިސްލާމީ ޝިއާރުތައް އޮތީ އިސްކޮށްފަައެވެ. އަދި މުޑުދާރު ޝިއާރު ތަކާއި ބުއިންތައް އޮތީ މުޅިންހެން މަނާކޮށްފައެވެ. ގަތަރުގައި ކުރިއަށްދާ މި މުބާރާތުގައި މެޗުތައް ކުޅޭ ކޮންމެ ދަނޑެއްގައި ވުލޫކޮށް ނަމާދު ކުރެވޭނޭ އިންތިޒާމު އޮތީ ގާއިމު ކޮށްފައެވެ. ގަތަރުގެ އެކި ހިސާބު ތަކުގައި ދީނީ ދަރުސްތައް ދަނީ ދެމުންނެވެ. މިކަމާއެކު އިސްލާމީ ގައުމުތަކުން ގަތަރަށް ދަނީ ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. ހަމަ އެގޮތަށް ދިވެހިރާއްޖޭގައިވެސް ކަންކަން ވަމުން ދަނީ އެ މަގުންނެވެ. ގަތަރުގެ ސަރުކާރަށް ތައުރީފުކޮށް ލިޔެފައިވާ ޝުއޫރުގެ ޕޯސްޓްތައް މީސްމީޑިޔާގެ އެކި މަންސަތަކުގައި ދިވެހިންވެސް ދަނީ ދައުރު ކުރަމުންނެވެ. 

އާދޭހެވެ! ގަތަރަށް ތައުރީފު ހައްގެވެ. ނަމަވެސް އަހަރެމެންގެ ހާލަކީ ކޮބާ ތޯއެވެ. މެޖުތައް ތަރުތީބުވެގެން މި ހިނގާ ގިތުން، ދިވެހި ރާއްޖޭގެ ގަޑިން މެޗުތައް ކުޅެވޭ ވަގުތު ތަކާއި ނަމާދު ވަގުތު ތަކާއި އެބަ ދިމާވެއެވެ. އަސުރު ނަމާދު ވަގުތާއި މަޣްރިބް ނަމާދު ވަގުތާއި އިޝާ ނަމާދު ވަގުތެވެ. އެހެންކަމުން މެޗުތައް ބަލަން ތިބޭ ތިބުމުގައި ނަމާދުތަކަށް ފަރުވާތެރިވާށެވެ. ފުޓުބޯޅަ މެޗެއް ބަލަން އިނުމަކީ މިސްކިތުގެ ޖަމާއަތް ގެއްލުވާލަން ޖެހޭ ސަބަބެއް ނޫނެވެ. ނަމަވެސް ހިތާމަ އަކީ ނަމާދު ވަގުތުތަކުގައިވެސް މެޗުތައް ބެލުމަށް ދިވެހިން ތިބޭ ތަނެވެ. ގަތަރުގެ އިސްލާމީ ވަރުގަދަ އަގީދާއަށް ގަތަރަށް އަހަރެމެން ތައުރީފު ކުރަމުއެވެ. އެހެނަސް އަހަރެމެންނާ ނުވާ މެޗުތަކެއް ބެލުމަށް އަހަރެމެންގެ އަގީދާ ތިޔަ ލަނީ ކޮން ތަނަކަށް ހެއްޔެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.

ނަމާދު ވަގުތުތަކަށް ޓީވީތަކުން އެބަ ބަންގި ގޮވައެވެ. ރަށްރަށުގެ މިސްކިއްތަކުން އެބަ ބަންގި ގޮވައެވެ. މެޗުތައް ބަލާ ކޮންމެ މީހަކަށް އެކަން އެބަ އިނގެއެވެ. އެހެންނަވެސް ހިތާމަ އަކީ ނަމާދުގެ ޖަމާއަތް އަޅާފައި މެޗުތައް ބަލަން ތިބޭ ކަމެވެ. އަދި ކިއެއް ނަމާދު އަޅާފައިވެސް ބައެއް މީހުން ތިބޭ ކަމީ އިންތިހާއަށް ހިތާމަ ހުރި ކަމެކެވެ. ދަންވަރު އޮންނަ މެޗުތައް ބެލުމަށް، ނިދި ނަގާލާފާ ހޭލާ ތިބެއެވެ. އަނެއްކޮޅުން ފަތިސްނަމާދު މަތިން މުޅިން ހަންދާން ނައްތާލާފައެވެ. މިއީ ކަން ހިނގާ ގޮތެވެ. މިއީ ހިތި ނަމަވެސް ހަގީގަތެވެ. ހެޔޮނުވާނެއެވެ. ތިޔަހެން ނުހައްދަވާށެވެ.

އާދޭހެވެ! މި ދަންނަވަނީ ފުޓުބޯޅަ ނުބަލާންވީ ވާހަކައެއް ނޫނެވެ. ބެލުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް ނަމާދުގެ ޖަމާއަތްތަކަށް ފަރުވާތެރި ވާށެވެ. އަދި ނަމާދަށް ފަރުވާތެރި ވާށެވެ. ނަމާދުގެ ޖަމާއަތް ގެއްލުވާ ނުލާށެވެ. ނަމާދުގެ ވަގުތު ފަހަނަ އަޅާ ގޮސް ނަމާދު ނާޅާށެވެ. ފުޓުބޯޅަ މެޗަކުން އުފެދޭ ޖަޒުބާތާއި ހޫނުވާ ލެއަކީ އާހިރުގައި އެއްވެސް ދައުރެއް އަދާކުރާނޭ އެއްޗެއް ނޫނެވެ. އެހެންކަމުން ފުޓުބޯޅާގެ މި އީދުގެ ތެރޭގައި މެޗުތައް ބަލަން ތިބޭ ވަގުތު ތަކުގައިވެސް ނަމާދަށް ފަރުވާތެރިވާށެވެ. ތިބާގެ މަރު، އެއީ ތިބާއަށް އެނގޭނޭ އެއްޗެއް ނޫނެވެ. މަރުގެ ވަގުތު ޖެހުމުން ލަހެއް ފަހެއް ނުވާނެއެވެ. މަރު ވަނީ ހަމަ އެކަނި ބަލިވެ، ނުވަތަ މުސްކުޅި ވުމުން އެކަންޏެއް ނޫނެވެ. ﷲ އަށް ބިރުވެތިވާށެވެ.