މުށް ބާރުކޮށް ހޭދަނުކޮށް ހުންނަ މީހެއް ކަމުގައި ނުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ގޮވާލާފައެވެ.

"އިގުތިސާދު ކުރުން" މި މައުޟޫއަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ އަލި އަޅުވާލާފައެވެ . ޚުތުބާގައި ބުނީ މާތް ﷲ އަހަރެމެން އިންސާނުންނަށް ގިނަ ނިއުމަތްތަކެއް ދެއްވާފައިވާއިރި، މި ނިއުމަތްތަކުގެ ތެރެއިން މުދަލާއި ފައިސާއަކީ އެކަލާނގެ އިންސާނުންނަށް ދެއްވި ނިއުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ދެ ނިއުމަތް ކަމަށެވެ. އެކަލާނގެ އެންގެވި ގޮތަށް މުދަލާއި ފައިސާ ހޯދައި، އަންގަވާފައިވާ ގޮތަށް އެތަކެތި ހޭދަކުރުމަކީ އޭގައި ސަވާބައި ދަރުމަ ހުރި ކަމެއް ކަމަށް ބުނެފައިވެއެވެ.

މާތް ﷲ އަހަރެމެންނަށް އަންގަވާފައިވަނީ މުށް ބާރުކޮށް މުދާ ހޭދަނުކޮށް ހުންނަ މީހަކަށް ނުވުމަށް ކަމަށް ޚުތުބާގައި ބުނެއެވެ. އަދި ހޭދަކުރުމުގައި މުޅި އަތްމަތި ހުސްކޮށްލާ މީހަކަށްވެސް ނުވުމަށް ނަސޭހަތްތެރި ވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ބޭނުންތައް ފުއްދުމަށްޓަކައި ދަރަނި ނެގުމަކީ ހުއްދަ ކަމެއް ކަމަށެވެ. އެހެންނަމަވެސް މި ދަރަނި އަނބުރާ ދެއްކުމަށް އަވަސްވެގަންނަން ޖެހޭކަމަށާއި، އަބަދުވެސް ހުންނަންޖެހޭނީ މީހުންގެ ހައްގުތަކާއި، ދަރަނިތައް އަދާކޮށް، މަރަށް ތައްޔާރުވެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މިއަދު އާންމު ރައޔްިތުންނާއި، ޒުވާނުން އިގްތިސާދު ކުރުމަށް ހޭލުންތެރިކުރުވައި އެމީހުންނަށްއެކަމުގެ ތަމްރީނު ފޯރުކޮށްދޭން ޖެހިފައިވާކަމަށެވެ. އިސްލާމް ދީނުގައި މަސައްކަތްތެރިކަމާއި، ހޭދަކުރުމާއި، އިގްތިސާދުކުރުމުގެ ކަންތައް ހުރި ނެތް ގޮތުގެ މައްވަށް އަދުގެ ޖީލު ހޭލުންތެރިކުރުވަން ޖެހިފައިވާކަމަށާއި، މިއީ މައިންބަފައިންނާއި، ކަމާބެހޭ މަސްއޫލުވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެކުދިންނަށް ނަމޫނާ ދައްކާ ބަޔަކަށް އެމީހުން ވާންޖެހޭ ކަމަށާއި، ނޫންނަމަ މިކަމުގެ ހެޔޮ ނަތީޖާއެއް ނުފެންނާނެ ކަން ވަނީ ފާހަގަކޮށްފައެވެ.