ކީރިތި ޤުރުއާނުގައިވާ މަތިވެރި އިލްމުން ޅަދަރިންގެ ހިތްތަކުގައި ބިންވަޅު ނަގަންޖެހޭ ކަމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. ޤުރުއާނުގައި އިލްމީ ވާހަކަތައް ޅަދަރިންނަށް ކިޔައިދީ އިލްމީ ޖީލެއް ބިނާކުރުމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

އިލްމީ އަޚުލާގީ ޖީލެއް ބިނާކުރުމުގައި ކީރިތި ޤުރުއާނުގެ ދައުރާ ގުޅޭގޮތުން މިއަދު އިއްވި ހުކުރު ޚުތުބާގައި ވަނީ އިސްލާމް ދީނަކީ އިލްމީ ޤާބިލުކަމެއްނެތް ބޯދާ ދީނެއްކަމަށްކުރެވޭ ހީއަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ބުނެފައެވެ. އަދި ހަގީގަތުގައި އިލްމާއި ތަހުޒީބާއި ތަމައްދުނުގެ ރޮނގުން ހުޅަނގުގެ ގައުމުތަކަށް ލިބުނު ހުރިހާ މޮޅަކާއި ޝަރަފެއް ރައްދުވާ ބަޔަކީ މުސްލިމް އިލްމުވެރިން ކަމަށް ބުނެފައިވެއެވެ. މި ކުރިއެރުން މުސްލިމުންނަށް ލިބުނީ ހަރުދަނާ އަގީދާއާއި ވަރުގަދަ އިލްމީ ބިންގަލެއްގެ މަތީގައި މުސްލިމުންގެ ޖީލުތައް ތަރުބިއްޔަތު ކުރެވުމުން ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން އިލްމާއި އަޚްލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތުގައި ޤުރުއާނުގެ މަންހަޖަށް ރުޖޫއަވެެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެ މަންހަޖަކީ ވިސްނާ ފިކުރުމުގެ މަންހަޖު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިލްމާއި އަޚުލާގުގެ މަތީގައި އައު ޖީލެއް ބިނާކުރަން ބޭނުންނަމަ ކުރަންވީ ކަމަކީ ކީރިތި ޤުރުއާނުގައިވާ މަތިވެރި އަޤީދާއާއި އެ ޤުރުއާނުގައިވާ މަތިވެރި އިލްމު ޅަދަރިންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެކަން ކޮށްނުދެވިއްޖެނަމަ އެއް ދުވަހުން އަނެއް ދުވަހަށް ޤައުމު ދާނީ ނިކަމެތިވެ ދަށު ދަރަޖައަށް ވެއްޓެމުން ކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އިލްމާއި އަޚްލާގުގެ މަތީގައި ރަނގަޅު ޖީލެއް ބިނާކުރެވޭނީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަ ބޭރުފުށުން ކިޔަވައިދިނުމުގެ ބަދަލުގައި އެ އާޔަތްތަކުގައިވާ އިލްމީ ހަގީގަތްތަކަށް ފުންކޮށް ވިސްނާ އެ ހަގީގަތްތަކުގެ މަތީގައި އީމާންކަމުގެ ބިންގާ ހަރުދަނާ ކޮށްދެވިގެންކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.