ދުނިޔޭގެ އެކު ކަންކޮޅުތަކުގައި ކުލަގަދަކޮށް ވެލެންޓައިންސްޑޭ ފާހަގަ ކުރެއެވެ. އޭގެތެރޭގައި ބައެއް މުސްލިމް ޤައުމުތައްވެސް ހިމެނޭކަން ހިތާމަޔާއި އެކު ފާހަގަ ކުރަން ޖެހެއެވެ. މިދުވަހަކީ ޚާއްސަކޮށް ޒުވާން ޖީލުގެ މެދުގައި މަޤްބޫލު ދުވަހެކެވެ. މީގެ އިތުރުން ވިޔަފާރިތަކަށްވެސް ޕްރޮމޯޝަނެއްގެ ގޮތުގައި އަންނަ ދުވަހެކެވެ. މަލާއި ޗޮކްލެޓް އަދި ސެންޓާއި ތަފާތު ހަދިޔާ ތަކުގެ އިސްތިހާރު ކުރެވި ފިހާރަތައް ރަތްކުލައިން ޒީނަތްތެރި ކުރެއެވެ. މިޒަމާނުގެ ދުނިޔޭގައި ވެލެންޓައިންސް ޑޭ އަކީ ބޮޑު ފެސްޓިވަލެއް ފަދައިން ފާހަގަ ކުރާ ދުވަހަކަށްވާއިރު ބައެއް މުސްލިމުން މިދުވަސްފާހަގަ ކުރާކަމީ ހިތާމަހުރި ކަމެކެވެ.
އަޅުގަނޑުމެން މުސްލިމުން ގެ ހަސިއްޔަތުން ޤުރުއާނާއި ސުންނަތާ ދިމާއަށް އެނބުރެން ޖެހޭނީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ބޭނުންވާ ކޮންމެ ކަހަލަ ހިދާޔަތަކަށެވެ.
ވެލެންޓައިންސް ޑޭ އަކީ ރޯމަނުންގެ އީދެކެވެ. ރޯމަނުން ކްރިސްޓިއަނުންނަށް ވެގެން ދިޔަ ފަހުން ވެސް މި އީދު ފާހަގަ ކުރަމުން ދިޔައެވެ. މި ފެސްޓިވަލް ގުޅިފައިވަނީ މީލާދީން 14 ފެބްރުއަރީ 270 ގައި މަރުގެ ހުކުމް އިއްވި ސެއިންޓް ވެލެންޓައިން އާއެވެ. ޣައިރު މުސްލިމުން މިހާރުވެސް މި އީދު ފާހަގަކުރާއިރު، މި އީދުގައި ފާޙިޝް ޢަމަލުތަކާއި ނުބައިކަންކަމަށް ފުޅާދާއިރާއެއްގައި މަގުފަހިކޮށްދީ ގޮވާލެވެއެވެ.
މުސްލިމުންނަކީ ކަލަންޑަރުގެ ތާރީހަށް ބެލުމެއްނެތި އަނބިމީހާ ނުވަތަ ފިރިމީހާއަށް ލޯބި ފާޅުކުރަން ޖެހޭ ބައެކެވެ. ހަގީގަތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންގެ އަނބިން ނުވަތަ ފިރިންނާ މެދު ލޯތްބާއި އޯގާތެރިކަން ފާޅުކުރުމުގެ އެތައް މިސާލެއް އަޅުގަނޑުމެންނަށް ދެއްވިއެވެ. މީގެ އިތުރުން މި ގުޅުމަކީ މުޤައްދަސް އަދި ދާއިމީ ގުޅުމަކަށް ވާތީ، ފިރިމީހާއާއި އަނބިމީހާ އެންމެ ދުވަހަކަށް ވަކިން ބޮޑަށް ލޯބިވާ ކަން ދައްކައިދޭ ފަދައިން އެކަމަށް ޚާއްޞަކޮށް ދުވަހެއް ކަނޑައެޅުމުގެ ބޭނުމެއް ނެތެވެ.
އަޅުގަނޑުމެން ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަގެ ނަމޫނާއަށް ތަބާވާނަމަ، ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ލޯބި ފާހަގަ ކުރުމުގެ ބަދަލުގައި، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް އަގުވަޒަންކޮށް ލޯބިވާކަން އިޙްސާސް ކޮށްދޭންވާނެއެވެ.
ޤުރުއާނާއި ސުންނަތުގެ ސާފު ދަލީލުތަކުން އަދި މި އުއްމަތުގެ ކުރީގެ ޖީލުތަކުގެ އިއްތިފާޤުން ދައްކާ ގޮތުގައި އިސްލާމްދީނުގައި އޮންނަނީ އެންމެ ދެ ޢީދެވެ. އެއީ ފިތުރު ޢީދާއި އަޟްޙާ ޢީދެވެ.
ވެލެންޓައިންސް ޑޭ މި ސުރުޚީގެ ދަށުން އަންނަނީ އިސްލާމް ދީނާގުޅޭ އީދެއް ނޫންކަމުން، الله އާއި އާޚިރަތް ދުވަހަށް އީމާންވާ މުސްލިމަކަށް އެކަން ފާހަގަކުރުން ނުވަތަ ރުހުން ދިނުން ނުވަތަ މީހުންނަށް މަރުހަބާ ކިޔުމަކީ ހުއްދަ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަށް ޖެހެނީ އެކަމަށް އަޅާނުލާ އެކަމުން ދުރުހެލިވެ، الله އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެ، އަދި الله ގެ ކޯފާއާއި އަދަބު ލިބޭ ސަބަބުތަކާ ދުރުހެލިވެ ހުންނާށެވެ.
މުސްލިމް ކޮންމެ ކަމެއްގައިވެސް، ޚާއްޞަކޮށް ފިތުނަތަކުގެ ވަގުތުތަކުގައި، ނުބައިކަން ބޮޑުވާ ވަގުތުތަކުގައި، الله ގެ ފޮތާއި ސުންނަތަށް ތަބާވާން ޖެހެއެވެ. اللهގެ ކޯފާ ލިބޭނެ މަގުފުރެދިފައިވާ މީހުންނާއި، الله އަށް ބިރުވެތިނުވާ އަދި މުސްލިމުން ކަމުގެ އެއްވެސް ފަޚުރެއް ނެތް ނުބައިމީހުންގެ މަގުން ނުހިނގާށެވެ. މުސްލިމުން اللهގެ ހަޟްރަތަށް އެނބުރި އެކަލާނގެ ހިދާޔަތަށް އެދި އެއަށް ތަބާވުމުގައި ސާބިތުވެ ތިބެން ޖެހޭނެއެވެ. ހުރިހާ ބާރެއްގެ މަޞްދަރަކީ މާތް الله އެވެ.
މުސްލިމެއްގެ ހައިސިއްޔަތުން ރައްޓެހިންނާއި އާއިލާގެ މީޙުންތެރެއިން މީހަކު ނުވަތަ ބަޔަކު މިފަދަ ދުވަސްތައް ފާހަގަކުރާނަމަ، ހެޔޮ ނަސޭހަތްދީ ތެދު މަގުދައްކައިދިނުމަކީ ރަނގަޅު ގޮތް ކަމަށް ބެލެވެއެވެ.
މުސްލިމުންނަކީ ފެންނަ ކޮންމެ ދަޅަޔަކަށް ތަބާވާ ބަލިކަށި ބަޔަކަށް ވެގެން ނުވާނެއެވެ. މުސްލިމުން ވާންޖެހޭނީ އިސްލާމް ދީނާމެދު ފަޚުރުވެރިވާ ބަޔަކުކަމުގައެވެ.
ދުޢާ އަކީ ފެންނަ އަދި ނުފެންނަ ހުރިހާ ވަސްވާސްތަކުން މާތް ރަސްކަލާނގެ އެންމެހާ މުސްލިމުން ރައްކާތެރިކށްދެއްވާ، އަބަދުވެސް ސާފު ސީދާ ތެދު މަގު ދައްކައިދެއްވުމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން