ކައިވެންޏަކީ ވަރަށް މަތިވެރި އަގުދެކެވެ. ވެވޭ ވަރަށް މާތް އަހުދެކެވެ. އިސްލާމް ދީނުގައި ކައިވެނީގެ ސަބަބުން އެތައް ކަމެއް ކައިވެެނި ކުރެވޭ ދެމީހުންގެ މައްޗަށް ހުއްދަވާއިރު، މި އަގުދުގެ މަތީގައި ދެމިހުރުމަކީ މި ދީން ވަރަށްބޮޑަށް ބާރު އަޅާ ކަމެކެވެ. ވަރި ކުރުން ސަބަބުތަކަކާއި ލައިގެން މެނުވީ ހުއްދަ ނުވެއެވެ. އަދި އެއިން ސަބަބެއް މެދުވެރި ވެއްޖެނަމަވެސް އޮތީ މަޝްވަރާގެ ރިވެތި އުސޫލާއި އެކު އެކަންކަން ހައްލުކުރަން މަސައްކަތް ކުރުމެވެ. މި ލިޔުމުގައި މި ބަލާލަނީ ކައިވެންޏެއް ބަލިކަށިވެގެން ހިނގައިދާނެ ބައެއް ސަބަބުތަކަށެވެ.

ކައިވެންޏަކީ އެކަކު އަނެކަކަށް އަޅާލުމުގެ ޖަޒުބާތެއް ފައްކާވެފައިވާ ގުޅުމެކެވެ. ނަމަވެސް އެ ގުޅުމުގައި އެކަކު އަނެކަކަށް ފަރުވާ ކުޑަކުރުމާއި އެކަކު އަނެކަކަށް އަޅާލުން ކުޑަ ކުރުމާއި އެކަކު އަނެކަކުގެ ބޭނުންތަކަށް ސަމާލުކަން ނުދިނުމަކީ އެ މާތް ގުޅުމުގެ އަސަރު ކުޑަކުރުވާ ކަމެކެވެ. އެ ގުޅުން ދެމިގެން ދިއުމަށް އުނދަގޫ ކުރުވާ ކަމެކެވެ.

ކައިވެނި ކުރެވެނީ ރީތި އަހުލާގުގެ މަތީގައި ދެމި ތިބުމަށްވެސް ވައުދުވެ އަހުދުވަމުންނެވެ. އެހެންކަމުން އެ ކައިވެނި ދެމިގެން ދިއުމުގައި ރީތި އަހުލާގުގެ ދައުރުވެސް ވަކި ކުޑައެއް ނޫނެވެ. އެއީ އަނބިމީހާ ކަމުގައި ވިޔަސް އަދި ފިރިމީހާ ކަމުގައި ވިޔަސް މެއެވެ. ބޭ އަދަބީ އާދަތަކާއި އަހުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމުގެ ތެރެއަށް މީހާ ގެނބިގަތުމަކީ ކައިވެނިތައް ބަލިކަށި ކުރުވާ ކަމެކެވެ.

ތެދުވެރިކަމަކީ ކޮންމެ ގުޅުމެއްގެވެސް އެއްމެ އަސާސީ އެއް ސިފައެވެ. ވީއިރު ކައިވެނީގައިވެސް ދެމިތިބެން އެދޭނަމަ ދެމަފިރިންނީވެސް ތެދުވެރި ބަޔަކު ކަމުގައި ވާން ވާނެއެވެ. ދެމަފިރިންގެ ދެމެދުގައްޔާއި އަދި އެނޫންވެސް ކަންކަމުގައި ދެމަފިރިންނީ ތެދުބަހުން ވާހަކަ ދައްކާ ތެދުވެރި ބަޔަކު ކަމުގައި ވާން ވާނެއެވެ. ދޮގު ބުނުމާއި ދޮގުބަހުން ވާހަކަ ދެއްކުމަކީ ކައިވެނީގެ އެ މަތިވެރި ގުޅުން ހީނަރުވެ ބަލިކަށިވެގެންދާ ބޮޑު އެއް ސަބަބެވެ.

ވެފައިވާ ވައުދުތަކާއި ވަމުންދާ ހުވާތަކުގައި ކޮންމެ މީހަކުވެސް ހިފަހައްޓަންވާނެއެވެ. ވައުދެއް ވެއްޖެނަމަ އެ ވައުދެއް ފުއްދަން ވާނެއެވެ. ހުވާކޮށްފައި އެވެނި މިވެނި ކަމެއް ކުރުމަށް ބުނާ ބުނުމުގައި އެ ކަމެއް ނުކުރެވޭނަމަ އެއީ ކައިވެނީގެ ގުޅުން ހީނަރުވާނެ ކަމެކެވެ. އެހެންކަމުން ކޮންމެ މީހަކީވެސް އެމީހަކު ކުރާ ހުވާތަކުގެ މަތީގައި ދެމިތިބެ، ވާ ވައުދުތައް ފުއްދާ ބަޔަކު ކަމުގައި ވާން ވާނެއެވެ.

ކައިވެންޏެއްގެ އެއްމެ މަތިވެރި އެއް ގުޅުމަކީ ހަލާލު ގޮތުގައި ފުއްދޭ ދެމީހުންގެ ޖިންސީ ގަރީޒާއެވެ. ވީއިރު ކައިވެނި ކޮށްގެންތިބޭ ހާލު، އެއްދާންކުރުމާ ދުރުވެ، މަދުވާނަމަ މިއީ ކައިވެނީގެ ފޮނިކަން އިހުސާސް ނުކުރެވިދާނެ ކަމެކެވެ. ކައިވެނީގެ ފޮނިކަން އިހުސާސް ނުކުރެވޭނަމަ، އެ ކައިވެނި ދެމިގެން ދިއުމުގައި އުނދަގޫތަކަކާއި ހުރަސްތަކެއް ކުރިމަތިވާނެއެވެ.

ދެން އޮތްކަމަކީ އިތުބާރެވެ. ހަމަ ކޮންމެ ގުޅުމެއްމެ ބިނާވާނީ އިތުބާރެއްގެ މައްޗަށެވެ. ވަކިން ހާއްސަކޮށް ކައިވެނީގެ ގުޅުމަކީ މުޅިންވެސް އިރުބާރުގެ މަތީގައި ބިނާވެފައިވާ ގުޅުމެކެވެ. އެ އިތުބާރާ ޔަގީންކަމަކީ ހަމަޖެހޭ ދިރިއުޅުމަކަށް ދެމަފިރިންނަށްވެސް ވަރަށް މުހިއްމު ކަމެކެވެ. ވީއިރު އިތުބާރާއި ޔަގީންކަން ގެއްލިދާ އެއްވެސް ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެއެވެ. ގެއްލިދާ އިތުބާރެއް އަނބުރާ ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ހާއްސަކޮށް ކައިވެނީގެ ގުޅުމުގައެވެ.

އާދޭހެވެ! މި ބަލާލެވުނީ ކައިވެންޏެއް ބަލިކަށިވެ ނިކަމެތިވެދާނޭ ބައެއް ސަބަބުތަކަށެވެ. އަދި މިނޫނަސް އެފަދަ ކިތައްމެ ސަބަބެއް އޮންނާނެއެވެ. މިއީ ބައެއް އާއްމު ސަބަބުތަކެވެ. ވީއިރު މިފަދަ ހުރިހާ ސަބަބުތަކަކުން ކޮންމެ ދެމަފިރިޔަކުވެސް ދުރުވާން ވާނެއެވެ.