ކީރިތި ޤުރުއާނަކީ މި ބިންމަތީގައިވާ އެއްމެ މާތް ފޮތެވެ. އެފޮތުގެ އާޔަތްތަކަކީ ކިޔުން އެންމެ ހެޔޮ ބަސްތަކެވެ. ޤުރުއާނުގެ އާޔަތްތަކުގެ ތެރެއިންވެސް ވަކިން ހާއްސަކޮށް ވަކި އާޔަތެއް އެއީ ކީރިތި ޤުރުއާނުގައިވާ އެއްމެ މާތް އާޔަތް ކަމުގައި ވެއެވެ. އެ އާޔަތީ އާޔަތުލް ކުރުސީގެ ނަމުން ނަން ދެވިފައިވާ އާޔަތެވެ. އެއީ ބަޤަރާ ސޫރަތުގެ 255ވަނަ އާޔަތެވެ. އެ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

﴿255﴾ اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ 

މާނައީ: اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ. (އަލް ބަޤަރާ 255 ވަނަ އާޔަތް)

އާޔަތުލް ކުރްސި އަކީ ކޮންމެ ނަމާދެއްގެ ފަހުގައި ކިޔުން ހެޔޮކަން ބޮޑުވެގެންވާ އާޔަތެކެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކޮންމެ ނަމާދަކަށްފަހު މި އާޔަތް ކިޔަވާ މީހަކަށް ޖިންނި ޝައިޠާނުންގެ އުނދަގޫތަކުން ރައްކާތެރިކަން ލިބިގެންދާނެއެވެ. އަދި އެމީހަކާއި ސުވަރުގެއާއި ދެމެދުގައިވާ ހަމައެކަނި ހުރަހަކީ މަރު ކަމުގައިވެސް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެ ގެއެއްގާ އާޔަތުލް ކުރްސި ކިޔަވާނަމަ އެ ގެއަކަށް ޝައިޠާނާ ނުވަންނާނޭ ކަމުގައިވެސް ޢިލްމުވެރިން ވިދާޅުވެއެވެ.

މީގެ އިތުރުން ގެއިން ނުކުތުމުގެ ކުރިން އާޔަތުލް ކުރްސި ކިޔައިފި މީހަކު، އެނބުރި ގެއަށް އަންނަންދެން އެމީހަކަށް ރައްކާތެރިކަން ލިބިގެން ވެއެވެ. އަދި ނިދުމުގެ ކުރިން މި އާޔަތް ކިޔައިފި މީހާ ނިދިން ހޭލެވެންދެން ރައްކާތެރިކަން ލިބިގެންވެއެވެ.

އެކި ގޮތްގޮތުން އިންސާނުންނަށް ރައްކާތެރިކަން ލިބިގެންދާ މި އާޔަތަކީ ކީރިތި ޤުރުއާނުގައިވާ އެއްމެ މާތް އާޔަތެވެ. ވީއިރު މި އާޔަތް އަހަރެމެން ނުކިޔަންވީ ކީއްވެ ހެއްޔެވެ. އެއްމެ އާޔަތެކެވެ. ކޮންމެ ނަމާދެއްގެ ފަހުގައްޔާއި ނިދުމުގެ ކުރިން އާޔަތުލް ކުރްސި ކިޔުން އެއީ އާދައެއް ކަމުގައި ހަދާށެވެ. ބޮޑެތިވަމުން އަންނަ ކުދިންނަށް ދަސްކޮށްދޭންވީ ފުރަތަމަ އާޔަތަކަށް އާޔަތުލް ކުރްސި ހަދާށެވެ. އަދު ބޮޑެތިވަމުން އަންނަ ކުދިންނަށް އާޔަތުލް ކުރްސީގެ މާތްކަން ދަސްކޮށްދޭށެވެ. އެކުދިންނާއި އެކު ބެލެނިވެރިން ކިޔަވާށެވެ.