ރަމަޟާން މަހަކީ އެހެން މައްސަރުތަކާއި އަޅާ ބަލާއިރު، ހުރިހާ ގޮތަކުންވެސް މާތް މައްސަރަކެވެ. މި މަހަކީ އަހަރެމެން މުސްލިމު ތަކުންގެ މައްޗަށް ފަރުޟު ވެގެން ވާ އަޅުކަމެއް ލައްވާފައިވާ މަހެކެވެ. އަދި މިއީ އެމަހުގައި ލައިލަތުލްޤަދްރީގެ މާތް ރޭ ވެސް ލައްވާފައިވާ މަހެވެ. 

މި މާއްސރުގައި މުސްލިމުން ރޯދައަށް ހުންނަ ހުރުމަކީ، މުސްލިމުން ކުރާ ވަރަށް މާތް އަޅުކަމެކެވެ. ރޯދައަށްހުންނަ ހުރުމުގައި ފަޖުރުއްޞާދިގުގެ އަލިކަން ފާޅުވީއްސުރެ އިރުއޮށްސުމާއި ހަމައަށް ކެއިން ބުއިމާއި އެނޫންވެސް ރޯދަގެއްލޭ އެއްމެހާ ކަންކަމުން ދުރުވެގެން ހުންނަން ޖެހެއެވެ. ރީދައަށް ހުރެ އިންސާނާ ކުރާ އަމަލުތަކުގެ ސަބަބުން ރޯދަ ގެއްލޭ ހާލަތްތައް އަންނައިރު އަނެއްބައި ހާލަތްތަކުގައި ރޯދަ މަކުރޫހަ ވެގެން ދެއެވެ.

ރޯދައިގެ އަޅުކަމުގައި މީސްކަތުންނަށް ފެންނަން ހުންނާނީ މި އަޅުކަމުގައި ހިމެނޭ ކަންކަމުން މަދު ބައެކެވެ. އާދޭހެވެ! އެއީ ރޯދައަށް ހުންނަ ހުރުމުގައި ކެއިން ބުއިމުން އެމީހަކު ދުރުވެގެން ހުންނަ ހުރުމެވެ. ދެން އެމީހަކު ރޯދަ ވީއްލާ ވީއްލުމާއި، ރޭގަނޑު ހިތްހަމަޖެހެންދެން ކާ ކެއުމެވެ. ތަރާވީޙް ނަމާދަށް ގޮސް ހުންނަ ހުރުމެވެ. ރޯދައަށް ހުން އިރު، ވެފައިވާ ވަރުބަލިކަމެވެ. ރޯދަވީއްލުމަށް ތައްޔާރުކުރާ ކެއުންތަކާއި، ލޯބިވާ މީހުންނާއި އެކުވެރިންނާއިއެކު ހޭދަކުރާ ވަގުތުތަކެވެ.

ރޯދައިގެ މި މާތް އަޅުކަމުގައި ފޮރުވިފައިވާ އެތައް ކަމެއް ވެއެވެ. އޭގެ ތެރެއިން އެއްމެ އަސާސީ އެއް ކަމަކީ ނިޔަތެވެ. ނިޔަތަކާއި ނުލާ ރޯދަ، ރޯދައަކަށްވެސް ނުވީހެވެ. ދެން އޮތީ ރޯދަ ފުރިހަމަވެގެންދިއުމަށް އޮތް އިތުރު ކަންތައް ތަކެވެ. އެއީ ކެއިން ބުއިމުގެ އާދަތަކެވެ. ކެއިން ބުއިމުގައި އިސްރާފުނުކުރެވެ. އިސްރާފުވާ ވަރަށް ނުކެއްކުމާއި ނުކެއުމެވެ. މީގެ އިތުރުން ނަފްސު ޠާހިރު ކުރުމެވެ. ކުށްތަކަށް ތައުބާ ވުމާއި، އަފޫކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. 

އިންސާނާގެ ހުލްޤު ހެޔޮ ކުރުމަށްވެސް ރޯދަމަސް އިރުޝާދު ދެއެވެ.، ރިވެތި އހުލާގަކުން ޒީނަތްތެރިވުމަށް ރޯދަމަހުގެ ބޭނުން ހިފަން ޖެހެއެވެ. ނުބައި އާދަތަކާއި ވިޔާނުދާ އުޅުންތަކާއި ގުޅުންތަކުން، މުޅީންހެން ދުރުހެލިވާން ޖެހޭނެއެވެ. ހުތުރުބަސް ބުނުމާއި ޒުވާބުކުރުންފަދަ ކަންކަމުން އިންސާނާ ދުރުހެލިވާން ޖެހެއެވެ. ތަފާތު އިލްމުތައް ހޯދާ ދަސްކުރުމާއި، ކީތިރި ޤުރުއާން ކިޔެވުމާއި އޭގެ މާނައާއި މެދު ވިސްނާ ފިކުރުކުރުމަކީވެސް ރޯދައާއި ގުޅިގެން ހިމެނިގެން ދާ މުހިއްމު ކަމެކެވެ. 

މީސްތަކުންނަށް އެހީތެރިވުމާއި ހެޔޮ ފޯރުކޮށްދިނުމަކީވެސް މި މާތް އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މީސްތަކުންގެ ހާޖަތްތައް ފުއްސައިދިނުމުގައްޔާއި، މާލީ ގޮތުންނާއި އެނޫން ގޮތްގޮތުން އެހީތެރިވުން ހިމެނެއެވެ. ބޭނުން ޖެހިފައިވާ ފަރާތްތަކަށް ޞަދަގާތް ދިނުމާއި، ދަރުމައަށް އެކިއެކި ހަލާލު މަސައްކަތްތައް ކުރުމަކީވެސް މިމާތް އަޅުކަމާއި ގުޅީގެން ހިނގާ ކަންކަމެވެ. 

އީމާންތެރިކަން ހަރުދަނާ ކުރުމާއި ސާފު އަގީދާގެ މަތީގައި ސާބިތުވެ ހުރުމަށް ރޯދަ މަހަކީ ގަދައަޅާ މަސައްކަތް ކުރަން ޖެހޭނޭ މަހެކެވެ. ދީނީ ދަރުސްތައް އަޑުއެހުމާއި، ދީނީ މައުލޫމާތު ހޯދާ އޮޅުން ފިލުވުމާއި، ތިމާގެ ނަފްސު އިސްލާހުކުރުމަކީ ވެސް މި މާތް އަޅިކަމާއި ގުޅިގެން ހިނގާ ކަންކަމެވެ.  މިސްކިތުގައި އިއުތިކާފަށް އިނުމާއި، ދަމުނަމާދުކުރުމާއި އެނޫންވެސް އެފަދަ ހެޔޮ އަމަލިތަކުން އިންސާނާގެ އީމާންތެރިކަން ވަރުގަދަކޮށް ހަރުދަނާ ކުރަން ޖެހޭނެއެވެ.

އާދޭހެވެ! ރޯދައަށް ހުރެ، ކެއިން ބުއިމުން ދުރުވެ، ހައިހޫނުކަން މަތީ ހުރުމަކުން އަދި ނުފުދެއެވެ. މިއީ އެއަށްވުރެ މާ، މާތް މައްސަރެކެވެ. ރޯދަ އަކީ މާ ފުރިހަމަ އަޅުކަމެކެވެ. މިއީ އަޅުކަމުގެ މައްސަރެކެވެ. އީމާންތެރިކަމާއި ސާފު އަޤީދާ އާއި ސީދާ ގުޅިފައިވާ މައްސްރެކެވެ. ސިއްރިއްޔާތުގައި މާތް ﷲ އަށް ކިޔަމަންގަނެ، އެކަލާންގެއާއި ކުއްތަންވުމުގެ މައްސަރެކެވެ. މިއީ ރަޙްމަތާއި، ފުއްސެވުމާއި އަދި ދިންނެވުމުމުގެ މައްސަރެވެ.