ރަމަޟާން މަހަކީ މުސްލިމުންނަށް އެކި ގޮތްގޮތުން ހާއްޞަ އަދި ތަފާތު މައްސަރެކެވެ. އެގޮތުން ރަމަޟާން މަހަކީ އަޅުކަމާއި ތަޤުވާގެ މައްސަރުކަމުގައި ވީ ހިނދު، އިސްލާމީ ތާރީޚުން އެނގޭ ގޮތުގައި ރަމަޟާން މަހަކީ ޖިހާދުގެ ވެސް މައްސަރެކެވެ. މި މާތް މައްސަރުގައި މުސްލިމުން ވަނީ އެތައް މަތިވެރި ޖިހާދެއް ކުރައްވާފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް ހަނގުރާމަ އަކީ ބަދުރުގެ ހަނގުރާމައެވެ.

ހިޖުރައިން ދެވަނަ އަހަރު، ރަމަޟާން މަހުގެ 17 ވަނަ ދުވަހު، މުސްލިމުންނާއި ޤުރައިޝުންގެ މުޝްރިކުންނާ ދެމެދު ކުރެވުނު މި ހަނގުރާމަ އަކީ އޭގެ ސަބަބުން މުޅި އިސްލާމީ ތާރީޚުގެ މިސްރާބު ބަދަލުކޮށްލި ހަނގުރާމަ އެކެވެ.

ބަދުރުގެ މި ހަނގުރާމައިގައި ޢަރަބީންގެ ތެރޭގައި ކުފުރުގެ ދިދަ އުފުލަމުން، ޝިރުކު ފަތުރަމުން ގެންދިޔަ ޤުރައިޝުންގެ މުޝްރިކުންގެ މައްޗަށް، މުސްލިމުން ވަނީ ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދާފައެވެ. ﴿123﴾ وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ މާނައީ: ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكر ވެރި ވުމަށްޓަކައެވެ. (އަލް އިމްރާން 123 ވަނަ އާޔަތް) މިއިން އެނގެނީ މުސްލިމުންނަށް ވަރަށް ބޮޑު ބަދަލެއް މި ހަނގުރާމައަށްފަހު އަތުވެއްޖެ ކަމެވެ. މިގޮތުން ކުރިން ނިކަމެތި ހާލަތެއްގައި ތިބި ނަމަވެސް ބަދުރުގެ ހަނގުރާމައިގެ ފަހުން ވަރުގަދަ ދައުލަތެއް ކަމުގައި މުސްލިމުންގެ ދައުލަތް ވެގެން ދިޔައެވެ. މުޅިން އެހެން މަރުހަލާއަކަށް މުސްލިމުންނަށް ދަތުރު ކުރެވުނެވެ. 

ބަދުރުގެ ހަނގުރާމައަށްފަހު މުޅި ދުނިޔޭގައި މުސްލިމުންގެ މިވަރުގަދަ ދައުލަތާ ބެހޭ. ވާހަކަތައް ފެތުރުނެވެ. މުޝްރިކުން ނާކާމިޔާބުވެ، ޔަހޫދީންގެ ހިތްތަކަށް ބިރުވެރިކަންވަދެ ސިހުން ގެނުވިއެވެ. މުނާފިގުންތައް އެތަން މިތަނުން ފާޅުވާން ފެށިއެވެ.

އިސްލާމީ ހާރީޚުގައި މިފަދަ ބޮޑެތި ބަދަލުތަކެއް ގެނައި ބަދުރު ހަނގުރާމަ އަކީ އާދައިގެ ހަނގުރާމައެއް ނޫނެވެ. އެހެނީ އެ ހަނގުރާމަ، ތާރީޚުގެ މިސްރާބު މުޅިން ބަދަލުކޮށްލުވާފައި ވާތީއެވެ. މިސަބަބަށްޓަކައި ބަދުރު ހަނގުރާމަ ހިނގި ދުވަހަށް ﷲ ދެއްވާފައިވާ ނަމަކީ "ފުރުޤާނުގެ ދުވަސް" ގެ ނަމެވެ. 

"ހެވާއި ނުބައި، ހައްގާއި ބާތިލު، ނިކަމެތިކަމާއި ވަރުގަދަކަން ފަދަ ކަންކަން އެއްކަމާ އަނެއްކަމާ ވަކިކުރެވުނު ދުވަހެއް ކަމުގައި ބަދުރު ހަނގުރާމައިގެ ދުވަސް ވި އެވެ." (ޑރ. ސަޢުދުއް ﷲ ޢަލީ - 2019 - މިހާރު) މި ތަފާތު ބޮޑު ބަދަލު މި އައީ ރަމަޟާން މަހެއްގައެވެ. ބަދުރު ހަނގުރާމައިގެ ހަނދާންތަކަކީ ރަމަޟާން މަހުގައި އަދި ވަކިން ޚާއްޞަކޮށް އެ މަހުގެ 17 ވަނަ ދުވަހު މުސްލިމުން އައުކުރަން ޖެހޭނޭ ހަނދާން ތަކެކެވެ.

 

ހަވާލާ: "ބަދުރު ހަނގުރާމަ: ސިއްރަކީ އީމާނާއި ޢަމަލު" - ޑރ. ސަޢުދު ﷲ ޢަލީ -22 މެއި 2019 - މިހާރު