މާތް ﷲ އަހަރެމެން އިންސާނުން މި ދުނިޔެއަށް ފޮނުވައްވާފައިވަނީ މަރަށް މަތިވެރި މަޤުސަދެއްގައެވެ. މާތް ﷲ އަށް އަޅުކަން ކުރުމާއި އެކަލާންގެއަށް ކިޔަމަންވުމަށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކާއި ގުޅި، އެކުވެ އެކީގައި އުޅުމްށްޓަކައެވެ. އާޚިރަތައްޓަކައި ދުނިޔޭގެ އުޅުން ބައްޓަން ކުރަންޖެހޭއިރު ދުނިޔެ އާރާސްތުކުރުމަކީވެސް މި އިންސާނާގެ މަޤުސަދަކަށް ހަދަން ޖެހެއެވެ.

އަހަރެމެން މި ދުނިޔޭގައި އުޅޭ އުޅުމުގައި އަޅުކަންތައް ބަރާބަރަށް ކުރެވޭތޯ ބަލައެވެ. ފަރުޟު ފަސް ނަމާދު އަދާކުރުމާއި އެކު، ޒަކާތް ދިނުމާއި، ރޯދަ ހިދުމާއި، ހައްޖުވުމާއި މިފަދަ ކިތައްމެ އަޅުކަމެއްގައި އަހަރެމެން ސާބިތުވެ ތިބެމުއެވެ. މިސްކިތްތަކުގައި އިއުތިކާފަށް ތިބުމާއި ޤުރުއާން ކިޔެވުމަކީވެސް މާތް ﷲ ގެ ރުއްސެވުން ހޯދުމަށް އަހަރެމެން ކުރާ ކަންކަމެވެ.

އާދޭހެވެ! މި ހުރިހާ އަޅުކަމެއް ފުރިއަހަމައަށް އަދާ ކުރި ނަމަވެސް އިންސާނާގެ ކިބައިގައި ރީތި ސިފަތަކެއް ހުންނަން އެބަ ޖެހެއެވެ. އިސްލާމް ދީނަކީ ރީތި އަހުލާގާ އެއްބައިވަންތަ ކަމުގެ ދީނެކެވެ. އިސްލާމް ދީނުގައި ގޯސް އަމަލުތަކާއި ވިޔާނުދާ އަހުލާގުތަކުން ދުރުވުމަށް މުސްލިމު ތަކުންނަށް އަމުރު ކުރައްވައެވެ. އެގޮތުން ހަސަދަވެރިކަމަކީ އެފަދަ ނުބައި އެއް ސިފައެވެ.

އިސްވެ ދެންނެވި ފަދައިން ތިބާއީ ކިތައްމެ ގިނަ ހެޔޮ އަމަލެއް ކުރި ނުވަތަ ކުރާ މީހެއް ނަމަވެސް، ތިބާގެ ކިބައިގާ ރީތި އުޅުމާއި ގުޅުން ނެތުމަކީ އެ އަމަލުތަކުގެ ހެޔޮކަން ފުހެވިދާ ކަމެކެވެ. އެގޮތުން އަހަރެމެން ކޮންމެ މުސްލިމަކަށްވެސް އެނގޭނެ އެއް ކަމަކީ ހަސަދަވެރި ކަމަކީ ތިބާގެ ހެޔޮ އަމަލުތައް ނެތިކޮށްލާ ނުބައި ސިފައެއް ކަމެވެ. 

ދުނިޔެވީ ކަންކަމުގައި ތިބާގެ ވާދަވެރިންނާއި، ތިބާ އާއި ހިޔާލު ތަފާތުވާ ކޮންމެ މީހަކާއި ތިބާ އެމީހަކާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކޮންމެ މީހަކަށް އެކި ވަރުވަރުން އުނދަގޫ ކުރުމާއި ޖެއްސުން ކުރުމާއި މިއީ އަޅުމެއްގެ ގޮތުން ހާދަހާ ނުބައި އުޅުމެކެވެ. ބައެއް މީސްމީހުންނާ ހަތަރުކަޅި ހަމަނުކޮށް އަނގައިން ނުބުނެ، ރުޅު މޫނު ހަދާފައި ތިބެން ހެޔޮވާނީ ކޮންފަދަ އަކުން ހެއްޔެވެ. މީސް މީޑިޔާގައި އެހެން މީހުންގެ އަބުރު ކަތިލުމާއި އެހެން މީހުންނަށް ހަޑިހުތުރު ބަހުން ބަސްބުނެ ވާހަކަ ދެއްކުން އެއީ ހާދަހާވާ ހުތުރު ސިފަތަކެކެވެ. މިއިން ކޮންމެ ނުބައި ސިފައެއްގެ އަޑީގައި ވަނީ ހަސަދަވެރިކަމުގެ ހުޅުކޮޅެއް ރޯވެފައެވެ. 

ކިތައްމެ ގިނައިން ނަމާދުކޮށް، ހެޔޮ އަމަލުކޮށް އުޅުނެއް ކަމަކު، ރީތި އުޅުމަކާއި ގުޅުމެއް ނެތި، އަދާވާތްތެެރިކަމާއި ހަސަދަވެރިކަން އަބަދުމެ އިސްކުރެވޭނަމަ، އެ ހެޔޮއަމަލުތަކުގެ ހެޔޮކަން އޭގެ އެއްމެ އެދެވޭ ގޮތުގައި ލިބެވޭނެ ހެއްޔެވެ؟ ހެޔޮ އަމަލުތައް ކުރުމާއި އެކީ މުސްލިމުންނަށް އޮތީ އެކުވެރިކަމާއި ގާތް ކަމާއި އެކީ އެކަކު އަނެކަކަށް އެހީތެރިވެ އުޅުމެވެ. އެއްބައެއް ވަންތަކަމާއި އެކަތިގަނޑަކަށް ވުން އެއީ މުސްލިމުންގެ ޝިއާރެކެވެ. ހަސަދަވެރިކަން ފަދަ، ހެޔޮ އަމަލުތައް ނެތިކޮށްލާ ނުބައި ސިފަތަކުން އަޅަމެން އެންމެން ދުރުކުރައްވާށިއެވެ!