އިސްލާމްދީނުގައި ކައިވެންޏަކީ ވަރަށް މަތިވެރި ގުޅުމެކެވެ. އެގުޅުމުގައި އަނބިމީހާއާއި ފިރިމީހާގެ މައްޗަށް ވާޖިބު ކަންތައްތަކެއް ވެއެވެ. ނަމަވެސް ޒަމާނާއެކު ތަހުޒީބުވަމުން އަންނަ ބައެއް މުޖުތަމައުތަކުގައި އަންހެނުން ބާރުވެރިކުރުމުގެ ނަމުގައި ފިރިމީހާއަށް ކިޔަމަންވުން ބައެއްފަހަރު ސިފަކުރަނީ އަޅުވެތި ކަމެއްގެ ގޮތުގައެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ފިރިމީހާ އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު، ފިރިމީހާއަށް ކިޔަމަންގަތުމަކީ އަނބިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި ކިއެއް އެއީ އަޅުކަމެއްވެސް މެއެވެ. އިސްލާމްދީނުގައި މިކަންކަން މިމަގުން އޮތް އޮތުމަކީ މި ދީނުގެ ފުރިހަމަ ކަމެވެ. ބަޔަކު، އެއީ މި ދީނުގެ އުނިކަމެއް ކަމުގައި ދައްކަން މަސައްކަތް ކުރިނަމަވެސް ހަގީގަތެއް ބަދަލެއް ނުވާނެއެވެ.

އާދޭހެވެ! ފިރިމީހާގެ ހުއްދައާއި ނުލާ އަނބިމީހާއަށް ގެއިންބޭރަށް ނުދެވޭނެކަމަށް އިސްލާމްދީނުގައި ބުނަނީ އެކަނބަލުންގެ ބާރު ކަނޑުވާކަށްނޫޫނެވެ. އެކަނބުލޭގެ ބޭރަށްދާނަމަ، ދަނީ ކޮން ތަނަކަށްތޯއާއި، ކޮން ބަޔަކާއި އެކުގައިކަން ފިރިމީހާއަށް އެނގެން ޖެހޭނެއެވެ. ހޯދަން ޖެހޭނެއެވެ. އެއީ ފިރިމީހާގެ ހައިސިއްޔަތުން އޭނާއަށް ވާޖިބު ކަމެކެވެ. ސަބަބަކީ އަނބިމީހާއަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ފިރިމީހާ އުފުލަން ޖެހޭތީއެވެ. އެހެނީ އަނބިމީހާ އަކީ ފިރިމީހާގެ ހިމާޔަތުގައި ވާ މީހެކެވެ. އަދި ކިއެެއް، ޤިޔާމަތްދުވަހު، އަނބިމީހާއާއިމެދު ކަންކުރި ގޮތާއި މެދު ސުވާލުވެވޭނެތެވެ.

ބައެއްފަހަރު އަނބިމީހާ ބޭރަށް ދާއިރު ފިރިމީހާގެ ހުއްދައަށް އެހުން، އެއީ ބައެއް މީހުންގެ ނަޒަރުގައި އަނބިމީހާގެ މިނިވަންކަން ގެއްލުން ކަމުގައްޔާއި ފިރިމީހާއަށް އަޅުވެތިވުން ކަމުގައި ވެއެވެ. ނަމަވެސް އެހެން ހީކުރެވޭމީހުން ހަނދުމަކުރާށެވެ! ފިރިމީހާއަށް ކިޔަމަންތެރިވުމަކީ އަނބިމީހާގެ މަޤާމާއި ދަރަޖަ އުފުލިގެންދާނެފަދަ ކަމެކެވެ.

ޤިޔާމަތްދުވަހު ބޭނުން ދޮރަކުން ސުވަރުގެ ވަނުމަށް އެބަޔަކަށް ﷲ ގޮވާލައްވާ އުޚުތުންގެ ތެރޭގައި ހަލާލު ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށް މިދުނިޔޭގެ ވަގުތީ ހަޔާތް ވޭތުކުރި އުޚުތުން ހިމެނޭ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ވީމާ ޙަރާމް ނޫން ކޮންމެ ކަމެއްގައި ހަލާލު ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރުމަކީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރޭ ހިމެނޭކަމެކެވެ. އެއީ އަޅުވެތި ކަމެއް ނޫނެވެ. އެއީ ނިކަމެތިކަމެއް ލަދުވެތި ކަމެއް ނޫނެވެ. އެއީ އަޅުކަމެކެވެ. ފިރިމީހާގެ ހުއްދައަށް އެދުމުން މަލާމާތްކުރާ އެކުވެރިޔާއާ ތިބާ ދުރަށްދާށެވެ. އެފަދަ އެކުވެރިންގެ ފަރާތުން އޮތީ އަބާއްޖަވެރިކަމެވެ.

އިސްލާމްދީނުގައި މިކަންކަން މިހެން އޮތް އޮތުމުން ހާމަވަނީ އިސްލާމްދީނުގައި އަންހެނާގެ އަބުރާއި އިއްޒަތާއި ކަރާމާތް ހިމާޔަތްކުރައްވާފައިވާ މިންވަރެވެ. އަނެހެންދަރިފުޅު، މީހަކާ އިންނަންދެން އެ އަންހެން ދަރިފުޅުގެ ބައްޕަ އަކީ އެ ދަރިފުޅަށް ހަރަދުދީ ބަލަހައްޓަންޖެހޭނެ މީހާއެވެ. އެއީ ވާޖިބެކެވެ. އަދި އެ އަންހެންދަރިފުޅު މީހަކާ ކައިވެނި ކޮށްފިނަމަ، އެ ކަނބުލޭގެ ފިރިމީހާއީ އެ ކަނބުލޭގެެއަށް ހަރަދުދީ ބަލަހައްޓަން ޖެހޭނެ މީހެކެވެ. އެހެންކަމުން އަބަދުވެސް އަންހެނުން ވަނީ އިސްލާމްދީނުގައި އެކި ގޮތްގޮތަށް ރައްކާތެރިކޮށް ހިމާޔަތްކުރައްވާފައެވެ. އިސްލާމްދީން އައުމުގެ ކުރިން، އަންހެނުންނަކީ އެއްވެސް އަގެއް އަބުރެއް ޝަރަފެއް އަދި ގަދަރެއް އޮތް ބައެއް ނޫނެވެ. ދުނިޔޭގެ ތާރީޚު މިކަމަށް ހެކިވާނެއެވެ.