"ތެދުބުނުމަކީ ސުވަރުގެއަށް މަގުފަހިވާކަމެއް" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ ދޮގުވެރިކަމަކީ ދޮގުހަދާ މީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް ކަމަށެވެ. އަދި އެއީ ނުބައިކަންތައްތަކަށް މީހާ ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި ނުބައި ބައެއް ސިފަތަކަށް ފަރުވާދެވުނަސް ދޮގުހެދުމާއި އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގައި ފަރުވާއެއް ނެތް ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

އިންސާނުން އެމީހުންނަށް ކުރެވޭ ކުށުން ސަލާމަތްވުމަށްޓަކައި ބައެއްފަހަރު ދޮގުހަދާ ކަމަށާއި އެހެންނަމަވެސް އިސްލާމްދީން ގޮވައިލަނީ ކުށް ޤަބޫލުކުރުމަށް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ހައްޤު ބަސް ބުނުމުގެ ސަބަބުން ގެއްލުމެއް ލިބިދާނެކަމަށް އޭނާއަށް ހީވިޔަސް އޮތީ ތެދާއި އެއްކިބާނުވުން ކަމަށްވެސް ޚުތުބާގައި ބުނެފައި ވެއެވެ.

ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވި ވަރަކަށް އެކަމުގެ ފާފަ ބޮޑުވާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދޮގު ޚަބަރުފަތުރާ ނޫސްވެރިޔާއާއި ދޮގު ވާހަކަ ޓުވީޓުކުރާ މީހާއާއި އަމިއްލަ އެދުމެއް ހާސިލު ކުރުމަށްޓަކައި ވާހަކަ ހަދައިގެން ފަތުރާ މީހާއާއި އަމިއްލަ މަޤްސަދަކަށްޓަކައި މީހުންގެ ވާހަކަތައް ވެރިންގެ ގާތުގައި ދައްކާމީހާ އަދި ދޭތެރެ ޖައްސާ މީހާ، އެ އަރައިގަންނަނީ ވަރަށް ބޮޑު ފާފައަކަށް ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އިސްލާމްދީނުގައި ސާމާސާކުރުމާއި އުފާކުރުން ނެތީއެއް ނޫން ކަމަށާއި އެހެނަސް އެފަދަ ކަންތައް ކުރުމަށް އަންގާފައިވަނީ ދޮގުހެދުމެއް ނެތިކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް ވަރަށްގިނަ މުސްލިމުންވެސް ސަމާސާކޮށް އުފާކުރުމުގައި ދޮގުހަދާކަން ވަނީ ޚުތުބާގައި ފާހަގަކޮށްފައެވެ.