ކީރިތި ޤުރުއާނުގައި މާތް ﷲ ސޫރަތްތަކާއި އާޔަތްތައް ބާވައިލައްވާފައިވަނީ އެހާމެ ފުރިހަމަ ކަމާއި އެކުގައެވެ. އަދި ކިއެއް ހެއްޔެވެ؟ އެ ޤުރުއާނަކީ މުޢުޖިޒާތެއްވެސް މެއެވެ. ކީރިތި ޤުރުއާނުގެ އެކި ސޫރަތްތަކަށް އެކި ނަން ދެވިފައިވާއިރު، ބައެއް ސޫރަތްތަކުގައި ވަނީ އެއްމެ ވާހަކަތަކެކެވެ. އެގޮތުން ސޫރަތުލް މާޢޫން ގައި ވަނީ ބައެއް މީހުންގެ ސިފަ ބަޔާންކޮށްދެއްވާފައެވެ. އެ ސޫރަތުގައި ހިފާގެންގުޅޭ ތަކެތި މީހުންނަށް ނުދީ މަނާކުރާ މީހުންގެ ވާހަކަވެސް އައިސްފައި ވެއެވެ.

﴿1﴾ أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ. މާނައީ: (قيامة ދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟ (އަލް މާޢޫން 1 ވަނަ އާޔަތް)

މިއީ މާޢޫން ސޫރަތް ފެށުމުގައި މާތް ﷲ ވަޙީކުރެއްވި އާޔަތާއި އޭގެ މާނައެވެ. މި އާޔަތުގައި އެ ވަނީ އިންސާނާގެ އަމަލުތަކުގެ ހިސާބު ބައްލަވާ އެ އަމަލުތަކަށް އޭގެ ޖަޒާ ދެއްވާނޭކަން ދޮގުކުރާ ނުވަތަ އިންކާރު ކުރާ މީހުންނަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ވަޙީ ކުރެއްވި ބަސްފުޅެވެ. މި އާޔަތާއި ޖެހިގެން ދެން މި ސޫރަތުގައި، ޖަޒާދެއްވާނެކަން އިންކާރު ކުރާ މީހުންނަކީ ކޮންބައެއްކަން ސާފުކޮށް ބަޔާން ކޮށްދެއެވެ.

އެގޮތުން، ހިފާގެންގުޅޭ ތަކެތި މީހުންނަށް ނުދީ މަނާކުރާ މީހާވެސް ހިމެނިގެންދަނީ ޖަޒާދެއްވާނޭކަމަށް އިންކާރު ކުރާ މީހުންގެ ތެރޭގައެވެ. ސޫރަތުލް މާޢޫންގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿7﴾ وَيَمْنَعُونَ الْمَاعُونَ. މާނައީ: އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށްނުދީ، މަނާކުރާ މީހުންނެވެ. (އަލް މާޢޫން 7 ވަނަ އާޔަތް)

ހިފާގެންގުޅޭ ތަކެތި މީހުންނަށް ނުދީ މަނާކުރާ މީހުން އަހަރެމެންގެ މުޖުތަމައުތަކުގައި ވަރަށް ގިނައެވެ. ގެއްލިދާނެ ކަމުގެ ބިރަށް، ނުވަތަ ގެއްލުމެއް ވެދާނެ ކަމުގެ ބިރަށް، ނުވަތަ އަނެކާ އާއި މެދު އޮންނަ ހަސަދަވެރިކަމެއްގެ ސަބަބުން، ހިފާގެންގުޅޭ ތަކެތި އެހެން މީހުންނަށް ނުދީ މަނާކުރާތަން ފެނެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ސޫރަތުލް މާޢޫންގެ މާނައަށް ވިސްނާލުމުން، ހިފާގެންގުޅޭ ތަކެތި މީހުންނަށް ނުދީ މަނާކުރާ މީހާއީ، ޤިޔާމަތް ދުވަހުން ޖަޒާދެއްވާނޭކަން އިންކާރު ކުރާމީހުންގެ ތެރޭގައި ހިމެނިގެންދާ މީހެއްކަމުގައި ވެގެން އެބަ ދެއެވެ. ޤިޔާމަތް ދުވަހަށާއި ހިސާބު ބައްލަވާނޭކަމަށް އީމާން ވުމަކީ އީމާން ކަމުގެ ރުކުންތަކުގެ ތެރެއިން ނުކުނެކެވެ. އެހެންކަމުން އެއިން ކަމަކަށް އިންކާރު ކުރާމީހަކީ ނުވަތަ އިންކާރު ކުރާ މީހުންގެ ތެރޭގައި ހިމެނިގެންދާ މީހާއީ، އެމީހެއްގެ އީމާންތެރިކަން ބަލިކަށި މީހެކެވެ.

ކަން މިހެން ހުރުމާއި އެކު، ހިފާގެންގުޅޭތަކެތި މީހުނަށް ނުދޭން ނޫޅޭށެވެ. ވީ ވަރަކުން އެތަކެތި މީސްތަކުންނަށް ދޭށެވެ. ނުދީ މަނާ ނުކުރާށެވެ. ފަހަރުގައި ދުނިޔެމަތީގައި އެ އެއްޗެއް ގެއްލި، އެ އެއްޗަކަށް ގެއްލުމެއް ލިބިދާނެއެވެ. ނަމަވެސް ޤިޔާމަތްދުވަހު، މާތް ﷲ އެ އެއްޗެއްގެ ސަބަބުން އަހަރެމެންނަށް ދެއްވާން ހުރި ހެޔޮ ޖަޒާ، އަހަރެމެންނަށް އިހުސާސްވެސް ނުކުރެވޭނެއެވެ. މާތް ﷲ އީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ އިލާހެވެ.