ރޭދުވާ ދައުރުވާ ގޮތާއި، ރޭގަނޑު އަނދިރިވާ ގޮތާއި އަދި ދުވާލު އަލިވެދާ ގޮތަކީ ކޮންފަދަ އަޖައިބެއްފަދަ ކަމެއް ހެއްޔެވެ؟ އިރު އޭގެ ދައުރު ފުރިހަމައަށް އަދާކުރުމާއި ހަނދު އޭގެ ވާޖިބު އަދަަކުރަނީ އެހާމެ ފުރިހަމަ ކަމާއި އެކުގައެވެ. ހަނދުވަރުގެ އަލިކަމުން ރޭގަނޑުގެ އަދިރިކަމަށް ފަނޑު އަލިކަމެއް ލިބިދާއިރު، އިރުގެ އަލިން މުޅި ދުނިޔެ އަލިވެގެން ދެއެވެ. މި ތަކެއްޗަކީ މާތް ﷲ ގެ މަހުލޫގުންނެވެ. އެ އިލާހު އުފައްދަވާ، އިންސާނުންގެ ހިދުމަތުގައި ލައްވަވާފައިވާ ތަކެއްޗެވެ. އަދި މިތަކެތި ހިނގަމުން ދަނީ އެ އިލާހު ކަނޑައަޅުއްވާ ލިޔުއްވާފައިވާ ގޮތެއްގެ މަތިން، ލިޔުއްފާވައިވާ މުއްދަތަކަށެވެ.
މިކަންކަމާއި އަހަރެމެން ވިސްނާލުން ކޮންފަދަ ތޯއެވެ؟ ދުވާލު ދުނިޔެމައްޗަށް ވެރިވެފައިމާ މި އަލިކަން، ރޭވެ އަނދިރިވުމުން އެއްކޮށްމެ ފިލާ ދަނީ ކޮންފަދައަކުން ތޯއެވެ. އެއްމެ 24 ގަޑިއިރު ތެރޭ މި ބަދަލުތައް ދުނިޔެއަށް އަންނަނީ އިރާއި ހަނދާއި، ދުނިޔޭގެ ދައުރުވުމުން މާތް ﷲ ކިޔަކަންކުރައްވާފައިވާ ގޮތުގެ މަތިންނެވެ. ހަނދުވަރުދޭ ރޭތަކާއި ކަޅު ފޮއެ ރޭތައް ކޮންމެ 30 ނުވަތަ 29 ދުވަހުން ތަކުރާރުވާނެހެން އެ ހަނދުގެ ދައުރުވުންވެސް ވަނީ މާތް ﷲ ގެ އަމުރުފުޅުގެ ދަށުގައެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿13﴾ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۚ وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ މާނައީ: އެކަލާނގެ ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވައި، އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވައި، އަދި އިރާއި ހަނދު خدمة ތެރިކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އެއީ اللَّه އެވެ. (އެކަލާނގެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެތެވެ. (ފާތިރް 13 ވަނަ އާޔަތް)
އިރު ހަނދާއި، ރެއާއި ދުވާލާއި ކާއިނާތާއި މި ދުނިޔޭގެ ވެރި ރަސްކަލާންގެއަކީ މާތް ﷲ އެވެ. މި އާޔަތުން އެނގޭ ގޮތުގައި އިންސާނުން އަޅުކަން ކުރާ ބައެއް ތަކެއްޗަކީ އެއްވެސް އާރެއް ބާރެއް ނެތް ތަކެއްޗެވެ. މި އާޔަތުން އެނގޭ ގޮތުގައި މާތް ﷲ ފިޔަވައި ދެން އަޅުކަންކުރަން މީސްތަކުން ގެންގުޅޭ ތަކެއްޗާއި ފަރާތްތަކުގެ އެއްވެސް މިލްކުވެރިކަމެއް އަދި ވެރިކަމެއްވެސް ނުވެއެވެ. އެހެނީ ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް އެތަކެއްޗަށް މިލްކުވެގެން ނުވާކަން މި އާޔަތުން ސާފުކޮށް އެނގޭތީއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން