ކޮންމެ މުސްލިމަކުވެސް އެއްމެ ބޮޑަށް އެދޭނެ އެއްކަމަކީ އޭނާއަކީ ފާފަތައް ފުހެވިގެންވާ މީހަކު ކަމުގައިވުމެވެ. މިކަމަށް އިޝާރާތް ކުރައްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވަނީ، މުސްލިމުން އެމީހުންގެ ފާފަތައް ފުހެވެން ބޭނުންވާއިރު އެކަން ޙާޞިލުކުރަން ކުރަންޖެހޭ ކަންކަމުގެ އަސާސީ ގާބިލުކަން އަހަރެމެންގެ ބައެއް މީހުންގެ ކިބައިގައި ނެތްކަމަށެވެ.

މުފްތީ އިތުރަށް ވިދާޅުވީ ތިމާއަކީވެސް ރަސޫލާގެ ޞަޙާބީން ފަދައިން ފާފަތައް ފުހެވިގެންވާ މީހަކުކަމުގައިވުމަށް އެދޭނަމަ ޞަޙާބީން ޢަމަލުފުޅުކުރެއްވެވި ގޮތަށް ޢަމަލުކުރާ ބައަކަށްވާން ޖެހޭނެއެވެ.

އެގޮތުން މުފްތީ ފާހަގަ ކުރެއްވި މިސާލަކީ ޞަޙާބީން އަބަދުވެސް ތިއްބަވަނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރެއްވުމުގެ ފުރުޞަތަކަށް އެދިވަޑައިގެން އެކަމަށް ބައްލަވާށެވެ! ހޭދަކުރުމުގެ ފުރުޞަތު ލިބިވަޑައިގެންފިނަމަ އަވަސްވެވަޑައިގަންނަވަނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރެއްވެވުމަށެވެ. އަދި ބައެއް ޞަޙާބީން އެބޭކަލުންގެ މުޅި މިލްކިއްޔާތު ވަނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރައްވަވައެވެ. އަނެއްބައި ބޭކަލުންވަނީ ދެބައިކުޅަ އެއްބައި ހޭދަކުރައްވައިފައެވެ. ކޮންމެ ބޭކަލަކުވެސް ވަނީ އެބޭކަލެއްގެ ފެންވަރުން ހޭދަކުރެވެން އޮތް އެއްމެ މަތީ ފެންވަރެއްގައި ހޭދަކުރައްވާފައެވެ.

މުފްތީ މެންކް ވިދާޅުވީ ކަންއޮތީ މިހެންނަމަވެސް މިއަދު އަހަރެމެންނަށް މިއުޅެނީ ﷲ ތަޢާލާގެ މަގުގައި ނެރެންޖެހޭ ފަރުޟު ޒަކާތްވެސް ނުނެރެވިގެންކަމަވެ. ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އިންސައްތައިގެ ޔަގީންކަން ކަށަވަރު ކުރަން ބަހުސް ކުރަނީ އެ އަދަދު ކުޑަކުރުމަށެވެ. އެގޮތް މިގޮތުން ބަލަނީ އެއްމެ ލާރިއެއްވެސް މަދުކޮށްލެވޭނެ ގޮތެވެ. އަނެއްބަޔަކު ޒަކާތުގެ މަތިން ހަނދާންވެސް ނުހުރެއެވެ.

ﷲ ތަޢާލާގެ ޙަޟްރަތުން ތިމާގެ ފާފަތައް ފުހެވިގެން ދިއުމަށް އުންމީދުކުރާ މީހާ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމުގައި ދީލަތިކަން އިތުރުކުރާށެވެ! ފަރުޟު ޒަކާތް ދެއްކުމަށް ރައްކާތެރިވުމާއިއެކު ޞަދަޤާތްދީ ﷲ ގެ މަގުގައި ހޭދަކުރުން ގިނަކުރާށެވެ! އެންމެ ފައިސާ ފޮއްޗެއް ވިޔަސް ދިއްކޮށްލެވޭނަމަ ދިއްކޮށްލާށެވެ! ތިބާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.

 

ހަވާލާ: މުފްތީ މެންކު