ލޯބީގެ ގޮތުން އެކަކު އަނެކަކާ ގުޅި، އެހެނަސް ކައިވެނި ނުކޮށް އުޅޭ ޒުވާނުންނަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް މި ވަނީ ވަރުގަދަ ނަސޭހަތެއް ދެއްވާފައެވެ. ރަސޫލާގެ ހަދީޘްތަކާއި ޤުރުއާނުގެ އާޔަތްތައް ބޭނުންކުރައްވައިގެން މުސްތީ މި ދެއްވި ދަރުސަކީ ގިނަ ދިވެހި ޒުވާނުންނަށްވެސް ހާއްސަ ދަރުސެކެވެ.

ހުރިހާ ޒުވާނުންނަށާއި، ޚާއްޞަކޮށް ޒުވާން އަންހެން ކުދިންނަށް މުފްތީ މެންކް ދެއްވި ނަސޭހަތަކީ ލޯބިވުމަކީ ގައިގައި އަތްލުން ނޫންކަމެވެ. ކިތަންމެ ލޯބިވާ މީހަކު ނަމަވެސް ގައިގައި އަތްލިއަ ނުދިނުމަށާއި ޙަޤީޤީ ލޯބިވާނަމަ ކައިވެނީގެ ކުރިން ގައިގައި އަތްލަން ބޭނުމެއް ނުވާނެކަމަށްވެސް މުފްތީ ވަނީ ވިދާޅުވެފައެވެ. ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކީ ކައިވެނިކުރުމުން ހުއްދަވާ ކަންކަން ކައިވެނިކުރުމުގެ ކުރިން ކުރާތީކަމަށްވެސް މުފްތީ ވަނީ ހަރު އަޑުން ވިދާޅުވެފައެވެ.  ނަމަވެސް މިވާހަކަތަކަކީ ގިނަ އިސްލާމީ މުޖުތަމައުތަކުގައި ނުދައްކާ ވާހަކައެއްކަމަށްވެސް މުފްތީގެ އެ ދަރުސްގައި ވަނީ ހާމަކޮށްދީފައެވެ.

އަތުގައި އަތްލަން ފުރުޞަތުދީފިނަމަ ބޮސްދޭނެކަމަށާއި، އެހިސާބުން ދެން ދާނީ ހަރުފަތަކަށްފަހު ހަރުފަތެއް ގޯސް ހެދެމުން ކަމަށާއި، އެންމެ ފަހުން އޮންނާނީ އެންމެ މަތީ ހަރުފަތް ވެސް ގިރާކުރެވިފާ ކަމަށް މުފްތީ ވަނީ ވިދާޅުވެފައެވެ. މުފްތީގެ މި ދަރުސްގައި އެ ފާހަގަ ކުރެއްވި އެއްމެ މަތީ ހަރުފަތަކީ ޒިނޭގެ ބޮޑު ފާފައިގެ ވާހަކައެވެ.

ލޮބުވެތި ޒުވާނުންނޭވެ! ކެތްތެރިވާށެވެ! އަޅުކަމަކީ ހަމައެކަނި ނަމާދުކުރުމާއި އެހެންވެސް ހެޔޮ ޢަމަލުތައް ކުރުން އެކަންޏެއް ނޫނެވެ. ކެތްތެރިވުމަކީވެސް އަޅުކަމެކެވެ. ނަމާދުވެސް އެހެން އަޅުކަން ކުރެވޭނީވެސް ކެތްތެރިވެގެންނެވެ.  

އެންމެ މުހިންމު ކަމަކީ ކައިވެނީގެ ކުރިން ގައިގައި ބީހެން ބޭނުންވާ އެއްވެސް މީހަކު ދެކެ ލޯބިނުވުން ކަމަށް މުފްތީ ވަނީ ވިދާޅުވެފައެވެ. އެއީ ޙަޤީޤީ ލޯބިވެރިއެއް ނޫންކަން ޔަޤީންކޮށް އެފަދަ މީހުންނާއި އަވަހަށް ދުރުހެލިވުމަށްވެސް މުފްތީ ވަނީ ޒުވާނުންނަށް ނަސޭހަތްތެރި ވެފައެވެ!

 

ހަވާލާ: މުފްތީ މެންކް 2023