މުސްލިމުންގެ އުންމަތް، ވަކީން ޙާއްޞަކޮށް ފަލަސްޠީނުގެ މުސްލިމުންގެ ހާލު ފެނިފައި ހިތަށް އަންނަނީ ކީރިތި ޤުރުއާނުގެ މި އާޔަތުގެ މާނަ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނެވެ! ތިޔަބައިމީހުން ޢަދުލު އިންސާފު ގާއިމުކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲ އަށް ޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ކަމުގައި ވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައި ވިޔަސް މެއެވެ. އެ މީހަކީ (އެބަހީ: އެ މީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައި ވިޔަސް، ފަހެ އެ ދެ މީހުންނަށްމެ، ﷲ، އައުލާކަން ބޮޑެވެ."

އެތައް މިލިޔަސް ފަލަސްޠީނު ރައްޔިތުންނެއް އެކި ގޮތްގޮތުން ހާލުގައިޖެހެމުންދާ މަންޒަރު އަޅުގަނޑުމެންގެ ލޯތަކަށް އެބަ ފެނެއެވެ. އެ މީހުންގެ ގޯތިގެދޮރާއި ޚިދުމަތްދޭ މަރުކަޒުތަކާއި ހަސްފަތާލުތައް އެއްވެސް ރަޙުމެއް ނެތި ބިމާ ހަމަކުރެވޭ ތަން އެބަ ފެނެއެވެ. ފަލަސްޠީނުގެ މުސްލިމުންނަށް ހުއްޓުމެއްނެތި އިންތިހާއަށް އަނިޔާވެރިވާތާ 70 އެތައް އަހަރެއް ވީއެވެ. ހަނގުރާމަކުރުމުގެ އެތައް އަސާސްތަކެއް މުގުރައިލައި ދުނިޔެއަށް ގޮންޖަހައި، އާންމު ރައްޔިތުންގެ ދިރިއުޅުންތައް ހަލާކު ކުރަމުންދަނީއެވެ. އަދި އެ މީހުންގެ މި ނުބައި ޢަމަލުތަކަށް ކާފިރު އެހެން ބޮޑެތި ޤައުމުތަކުން އެހީތެރިވަމުންދަނީއެވެ. މި ހުރިހާ ކަމެއް ހިނގަމުންދާއިރު އަޅުގަނޑުމެން ފަލަސްޠީނާ އެކު ވާން އެބަ ޖެހެއެވެ.

މާތް ﷲ ވަޙީކުރައްިވައިފައި ވެއެވެ: { لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَـٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَـٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ ۖ وَأَنزَلْنَا ٱلْحَدِيدَ فِيهِ بَأْسٌۭ شَدِيدٌۭ وَمَنَـٰفِعُ لِلنَّاسِ وَلِيَعْلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلْغَيْبِ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌۭ} (الحديد: ٢٥)  މާނައި: "ހަމަކަށަވަރުން ފާޅުވެގެންވާ ހެކިތަކާ އެކު ތިމަން އިލާހުގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާ އެކު ފޮތާއި، (ޢަދުލު އިންސާފުގެ) ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންސާފު ގާއިމުކުރުމަށްޓަކައެވެ."

ޢަދުލު އިންސާފު ހޯދުމަށް ތެދުވުމަކީ އެންމެހާ ނަބިއްޔުން ކުރެއްވި މަސައްކަތްޕުޅެކެވެ. އެހެންކަމުން، އަޅުގަނޑުމެން ވެސް ފަލަސްޠީނަށް އިންސާފު ހޯދައިދިނުމަށް ތެދުވާން ޖެހެއެވެ. ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުންކަރާތެއް ހިނގާ ތަން ފެނިއްޖެ މީހަކު އެ ކަން އަތުން މަނާކުރާށެވެ. (ޞަޙީޙް އަލްބުޚާރީ)

ފަލަސްޠީނާ މެދު ވިސްނަވާށެވެ! އެއީ، މި ދީނުގެ އެންމެ މާތް މިސްކިތްތަކުގެ ތެރެއިން މަސްޖިދުލް އަޤްޞާއެވެ ކިޔުނު ބިމެވެ. އެއީ މުސްލިމުންގެ އެންމެ ފުރަތަމަ ޤިބްލަ ވެސް މެއެވެ. އެތައް ރަސޫލުންނެއް ފޮނުއްވުނީ އެ މުޤައްދަސް ބިމަށެވެ. އަދި އިސްރާއި މިޢުރާޖުގެ ރޭ ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّم އެ ބިމަކަށް އިސްރާއުކުރެއްވުނު ބިމެވެ. އަދި ހުރިހާ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންނައިގެން އިމާމުވެވަޑައިގެން އެކަލޭގެފާނު ނަމާދުކުރެއްވި މަތިވެރި މާތް ބިމެވެ. 

ދުޢާ ކުރާށެވެ! މި ބިމާ ބެހޭ ގޮތުން އިތުރަށް ބަލައި ހޯދާށެވެ! އަދި އެ މީހަކަށް ވެވެން އޮތް މިންވަރަކުން ފައިސާގެ އެހީއާއި އެ ނޫން ވެސް އެހީތައް ފޯރުކޮށްދޭށެވެ!

ޔާ ﷲ! ފަލަސްޠީނުގައިވާ މުސްލިމުންނާ ދުނިޔޭގެ ކަންކޮޅުތަކުގައި ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ހައްދަވައި އަޅަމެންނަށް ނަޞްރު ދެއްވާންދޭވެ. އާމީން!

 

(އަޅުގަނޑުމެން މި ތިބީ ފަލަސްޠީނާ އެކު... - މުޙައްމަދު ސަމޫހް ސަޢީދު؛ ދީނުގެ މަގު، އަހަރު 3، އަދަދު 43، ޞ.3 - 20 އޮކްޓޫބަރު 2023)