ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ބައެއް އާއިލާތަކުގައި ވަރަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. އާއިލާ ތެރޭގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ރަހިމުގެ ގުޅުންތައް ކެނޑި ދަނީ މަދެއް ކޮށެއް ނޫނެވެ. ނަމަވެސް ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ކުރަން ޖެހޭކަމެއްކަން އެންމެންހެން ގަބޫލު ކުރެއެވެ. އެ ސަބަބާއި ހުރެ، ނުރުހުނަސް ރަހިމުގެ ގުޅުން ކޮންމެވެސް ސިފައެއްގައި ދެމެހެއްޓޭތޯ އެބަ ބަލައެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އޭނާގެ ދަރުސެއްގައި ވިދާޅުވަނީ ރަހިމުގެ ގުޅުން ހެޔޮގޮތުގައި ދަމަހައްޓައިފި މީހާއަށް އެތައް އުފަލެއް ލިބޭނެ ކަމަށެވެ. ފުރަތަމައީ އޭނާއަށް މާތް ﷲ ގެ ރުހިވޮޑިގަތުން ލިބޭނޭ ކަމަށްޓަކައި އެނާ ކުރާ އުފާވެރިކަމުގެ އިހުސާސެކެވެ. މިއީ ފަހަރުގައި މި ދުނިޔެމަތީގައި އޭނާއަށް ނުފެނިދާނެ ކަމަކަށް ވެދާނެއެވެ. ނަމަވެސް އާހިރުގައި މިއީ ހަމަ ޔަގީނުންވެސް އޭނާ ދެކޭނޭ ކަމެކެވެ.

ރަހިމުގެ ގުޅުން ދެމެއްހެއްޓުމަކީ ދުނިޔޭގައިވެސް އޭގެ އަޖުރު ފެންނާނޭ ކަމެކެވެ. ދުނިޔޭގެ ދިރިއުޅުން އެތައް ގޮތަކުން ފަހިވެ ފަސޭހަވެގެންދާނޭ ކަމެކެވެ. މުފްތީ ވިދާޅުވާ ގޮތުގައި ރަހިމުގެ ގުޅުންތައް ދަމަހައްޓާ އެގުޅުންތައް ބަދަހި ކުރާނަމަ އެއީ އެމީހަކަށް މާލީ ގޮތުންވެސް އެތައް ފައިދާތަކެއް ކުރާނޭ ކަމެކެވެ. އެހެނީ އެމީހެއްގެ ދިރިއުޅުމުގައި ދިމައިވާ އެކިކަހަލަ ކަންތައްތަކުގެ ސަބަބުން މާލީ ގޮތުން އެހީތެރިކަން ހޯދަން އެދޭނަމަ ހަރިމުގެ ގުޅުން ދަމަހައްޓާ މީހާއަށް އެއީ ފަރުޖެހެން ފަސޭހަ ހާޖަތެކެވެ.

މީގެ އިތުރުން ދިރިއުޅުމުގައި ދިމައިވާ ހާދިސާތަކުގެ ސަބަބުން އެކަނިވެރިކަމާ މާޔޫސް ކަމާއި ހިތްދަތިކަން ލިބޭ ހާލަތްތަކުގައި ރަހިމުގެ ގުޅުން ދަމަހައްޓާ މީހާއަށް އަޅާލާ ރަހުމުކުރާ އޯގާތެރި އެތައް އަތްތަކެއް ވާނެއެވެ. މުފްތީ ވިދާޅުވީ ރަހިމުގެ ގުޅުން ދަމަހައްޓާ މީހާއީ ބިކަވެ ބާކީވާނޭ މީހެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އަންބެއް ނުވަތަ ފިރިއެއް އަދި އަޅާލާނޭ ދަރިއަކު ނެތް މީހާވެސް، އޭނާ ރަހިމުގެ ގުޅުންތައް ދަމަހައްޓައިފިނަމަ، މުސްކުޅިވާ ދުވަހު އޭނާގެ އާއިލާ އޭނާއާއި އެކުގައި ނިކަން ލޯބިން ވާނެއެވެ. އޭނާއަށްޓަކައި ކަންތައްތައްކޮށްދޭނޭ މީހުން އެ އާއިލާގައި ގިނަ ވާނެއެވެ. އެކަކު އަނެކާ އަރާރުންވެ ވާދަކޮށްގެންވެސް އޭނާއަށްޓަކައި ކަންތައްތައް ކޮށްދޭނޭ މީހުން އެ އާއިލާގައި ތިބޭނެއެވެ.

މުފްތީ އިތުރަށް ވުދާޅުވީ ރަހިމުގެ ގުޅުމަކީ ހިމާޔަތުގެ ފާރެއް ކަމަށެވެ. ރަހިމުގެ ގުޅުން ދަމަހައްޓައިފިމީހާއަށް ދުނިޔެމަތީގެ ކަންތައްތަކުގައި ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް އޭނާގެ އާއިލާމީހުން ތައްޔާރަށް ތިބޭނެ ކަމަށެވެ. މީގެ އިތުރުން މުފްތީ ވިދާޅުވީ މިކަންކަމަކީ ފަހަރުގައި މިގޮތަށް ބުނެގެން މީހަކު ގަބޫލު ނުކޮށްފާނެ ވާހަކައެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ ރަހިމުގެ ގުޅުން ދަމަހައްޓާ މީހާއަށް ދުނިޔެމަތީގައި މިފަދަ އެތައް ފައިދާތަކެއް ލިބޭނޭ ކަމެވެ. މިކަމުގައި އޮތީ އިހުލާސްތެރިކަމާއެކު ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް އެދި ގުޅުން ދެމެހެއްޓުމެވެ. އާއިލާގެ މީހުންގެ ރުހުން ހޯދުމުގެ ނިޔަތުގައި އެކަން ކުރާނަމަ، އެއީ ބޭކާރުވެދާނެ އަމަލުތަކެކެވެ.

 

ހަވާލާ: މުފްތީ މެންކް