ބަލި މީހާއަށް ގޮވާލަން ދިއުމަކީ ބަލިކަމުގެ ސަބަބުން ވެފައިވާ ނިކަމެތިކަން ފިލާ ދިއުމަށް އެހީތެރި ވެދޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ބަލިމީހުންނަށް ޒިޔާރަތްކުރުން" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ ބަލިމީހާއަށް ގޮވާލަން ގޮސް އޭނާ ކައިރީގައި އަމިއްލަ ނަފްސަށާއި އޭނާއަށް ހެޔޮ ދުޢާ ކުރުމަށެވެ. ބަލިމީހެެއްގެ ގާތަށް ނުވަތަ މަރަށް ހާޒިރުވެފައިވާ މީހެއްގެ ގާތަށް ހާޒިރުވެއްޖެނަމަ އޭނާއާ މެދު ހެޔޮބަސްބުނެ ހެޔޮ ދުޢާ ކުރުމަށް ކީރިތި ރަސޫލާ ވަނީ ޙަދީޘް ކުރައްވާފައެވެ. ޚުތުބާގައި ބުނީ މަލާއިކަތް ބޭކަލުން އެމީހުން ބުނާ ބަހަށް އާމީން ވިދާޅުވާނެ ކަމަށެވެ.

ބަލި މީހަކަށް ގޮވާލަން ހިނގައްޖެނަމަ ނުވަތަ އޭނާގެ މުސްލިމް އަޚަކަށް ޒިޔާރަތްކޮށްފިނަމަ، ގޮވާލައްވާ ބޭކަލަކު ގޮވާލައްވާނެ ކަމަށް ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އޭނާއަށް ބާއްޖަވެރިކަން ހުރިކަމަށާއި އޭނާގެ އައުން ބާއްޖަވެރި ވެއްޖެކަމަށާއި އަދި އޭނާއަށް ސުވަރުގެއިން މަންޒިލެއްގައި ވަޒަންވެރި ވެވިއްޖެކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނީ ކޮންމެ މުސްލިމަކު ވެސް އަނެއް މުސްލިމަކަށް އަދާކޮށްދޭން ޖެހޭ 6 ހައްޤެއްވެއެވެ. އެއީ އޭނާއާ ބައްދަލުވެއްޖެނަމަ އޭނާއަށް ސަލާމްގޮވައިލުމާއި އޭނާ ދައުވަތެއް ދީފިނަމަ އިޖާބަދިނުމާއި އޭނާ ނަސޭހަތަކަށް އެދިއްޖެނަމަ ނަސޭހަތްދިނުމާއި އޭނާ ކިނބިއްސެއް އަޅައި މާތް ﷲ އަށް ހަމްދުކޮށްފިނަމަ ރަހުމަތް ލެއްވުމަށް އެދި ދުޢާ ކުރުމާއި އޭނާ ބަލިވެއްޖެނަމަ އޭނާއަށް ގޮވާލަން ދިޔުމާއި އޭނާ މަރުވެއްޖެނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ.

ޚުތުބާގައި ބުނީ ދުނިޔޭގައި ކޮންމެ އިންސާނަކު ވެސް ބަލިވާނެ ކަމަށާއި ތަދާއި ވޭނާއި ކެކުޅުންފަދަ ކަންކަމަކީ މާތް ﷲ ކުރިމަތިކުރައްވާ އިމްތިޙާނުތައް ކަމަށެވެ. މިކަންކަން ތަހައްމަލުކުރަން ނުޖެހޭ އެެއްވެސް މީހަކު ނުވާނެއެވެ. ބަލިމަޑުކަމާ ކުރިމަތިވުމުން ނޫނީ ދުޅަހެޔޮކަމާއި ޢާފިޔަތުގެ އަގު ވަޒަނެއް ނުކުރެވޭނެއެވެ. އިންސާނާއާ ކުރިމަތި ކުރައްވާ ބޮޑެތި އިމްތިހާނުތަކާއި މުސީބާތްތަކުގެ ތެރޭގައި ބަލިވުން ހިމެެނެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ބަލި މީހުނަށް ގޮވާލަން ދިއުމަކީ ބަލި މީހައަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމެއް ކަމުގައެވެ. އަދި އެއީ ބަލި މީހާގެ ވޭން ލުއިކޮށްދޭނޭ ކަމެއް ކަމަށާއި ބަލިކަމުގެ ސަބަބުން ވެފައިވާ ނިކަމެތިކަން ފިލާ ދިއުމަށް އެހީތެރި ވެދޭ ކަމެއް ކަމަށެވެ.