ދައްޖާލުގެ ފިތުނަ އަކީ ދުނިޔެ ޤިޔާމަތް ވުމުގެ ކުރިން ދުނިޔެ ދެކޭނޭ އެއްމެ ނުބައި އެއް ފިތުނައެވެ. ދައްޖާލުގެ ފިތުނައިގެ ވާހަކަ އާއި އެ ފިތުނައިން ސަލާމަތް ވުމަށް ސޫރަތުލް ކަހްފުގެ މުހިއްމުކަން ބަޔާންކުރައްވާ، މަޝްހޫރު ދީނީ ޢިލްމުވެރިފާ މުފްތީ މެންކް ވަނީ ދަރުސެއް ދެއްވާފައެވެ. މި ދަރުސްގައި މުފްތީ ވަނީ ދައްޖާލު، އިންސާނުން ހަތަރު ގޮތަކަށް އިމްތިހާނު ކުރާނެކަން ފާހަގަކުރައްވާފައެވެ.
ދައްޖާލުގެ ފުރަތަނަ އިމްތިހާނަކީ އީމާންތެރި ކަމުގެ އިމްތިހާނެކެވެ. އެހެނީ ދައްޖާލު މީސްތަކުންނަށް ގޮވާލާނެތެވެ. ﷲ އަށް އަޅުކަން ނުކުރުމަށާއި، ދައްޖާލަށް އަޅުކަން ކުރުމަށެވެ. މި ގޮވާލުމަށް އިޖާބަ ދީފި މީހާ، މި އިމްތިހާނުން ފެއިލްވެއްޖެއެވެ.
ދައްޖާލުގެ މުދާވެރިކަމާ ތަނަވަސްކަމުން، މީސްތަކުން މުދާވެރިކޮށް ތަނަވަސްކޮށްދޭނެވެ. މި މުދާވެރިކަމާ ތަނަވަސްކަމުގައި އިންސާނާ ޖެހި، ހަލާކާ ފަސާދައިގެ މަގުން އިންސާނާ ހިނގާނަމަ، މުދާވެރިކަމުގެ އިމްތިހާނުން އިންސާނާ ފެއިލްވެއްޖެއެވެ.
ހަބަރާ މައުލޫމާތާ ޢިލްމުގެ ގޮތުން އިންސާނުން އެތައް ހަރުފަތެއް ކުރިއަށް ޖައްސުވާނެއެވެ. ދައްޖާލު އިންސާނުންނަށް މި ހުރިހާ ޢިލްމެއް ފަސޭހަކަމާއެކު ފޯރުކޮށްދޭނެތެވެ. އަދި އެ ޢިލްމާ މައުލޫމާތުތަކުގެ މުއްސަނދި ކަމުގައި ބޮޑާވެގަންނަ މީހާ އާއި، އެ ޢިލްމުގެ ބޭނުން ނޭދެވޭ ގޮތުގައި ހިފާ މީހާ، ޢިލްމުގެ އިމްތިހާނުން ފެއިލްވެއްޖެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދައްޖާލުގެ ބާރު ފަތުރާނެއެވެ. އެ ބާރުގައި ޖެހިއްޖެ ކޮންމެ ވެރިއެއް، އެ އިމްތިހާނުން ފެއިލްވެއްޖެއެވެ.
މުފްތީގެ މި ދަރުސްގައި މި ފިތުނަތަކުން ސަލާމަތްވާނެ މަގުތައް ކީރިތި ޤުރުއާނުގައި ވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކަހްފު ސޫރަތުގައި މިކަންކަމަށް އަލި އަޅުވާލައިފައި ވެއެވެ. އެގޮތުން ވަނީ އެ ސޫރަތުގެ ބައެއް އާޔަތްތައް ވިދާޅުވެފައެވެ. މި އާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރުކޮށްލުމުން، ދައްޖާލުގެ ކިބައިން ސަލާމަތްވާނެ މަގުތައް ފެންނާނޭ ކަމަށް މުފްތީ ވިދާޅުވިއެވެ. މި އާޔަތްތަކަކީ:
﴿27﴾ وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَاتِهِ وَلَن تَجِدَ مِن دُونِهِ مُلْتَحَدًا. މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް وحى ކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ! އެކަލާނގެ كلمة ފުޅުތަކަށް ބަދަލުގެނެވޭނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށްއެދި، އެނބުރި ވަޑައިގަންނަވާނެ ފަރާތެއް، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.(އަލް ކަހްފް 27 ވަނަ އާޔަތް)
﴿28﴾ وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا. މާނައީ: އަދި އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު دعاء ކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ نفس ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! (އަލް ކަހްފް 28 ވަނަ އާޔަތް)
﴿45﴾ وَاضْرِبْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ الرِّيَاحُ ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا. މާނައީ: ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ مثال ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ مثال އެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ވަޔާބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. (އަލް ކަހްފް 45 ވަނަ އާޔަތް)
﴿47﴾ وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا. މާނައީ: އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ. އަދި އެއުރެން محشر އަށް ފޮނުއްވާހުށީީމެވެ. ފަހެ، އޭގެތެރެއިން ހަމައެކަކުވެސް ދޫނުކުރައްވާހުށީމެވެ. (އަލް ކަހްފް 47 ވަނަ އާޔަތް)
﴿48﴾ وَعُرِضُوا عَلَىٰ رَبِّكَ صَفًّا لَّقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا. މާނައީ: އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ. (އަދި اللَّه وحى ކުރައްވާނެތެވެ.) ތިމަންރަސްކަލާނގެ އެންމެފުރަތަމަފަހަރު ތިޔަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތިޔަބައިމީހުން ހީކުޅައީ (محشر އަށް ފޮނުއްވުމަށް) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭކަމަށެވެ. (އަލް ކަހްފް 48 ވަނަ އާޔަތް)
﴿69﴾ قَالَ سَتَجِدُنِي إِن شَاءَ اللَّهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا. މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ.(އަލް ކަހްފް 69 ވަނަ އާޔަތް)
﴿110﴾ قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا. މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް وحى އިއްވަވަނީ، ތިޔަބައިމީހުންގެ إله އަކީ، އެއް إله އެއް ކަމުގައެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ صالح عمل ން عمل ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!(އަލް ކަހްފް 110 ވަނަ އާޔަތް)
މިއިން ކޮންމެ އާޔަތެއްގައިވަނީ ބޮޑެތި ފިލާވަޅުތަކެވެ. އިބުރަތް ހާސިލްކުރަންވީ ބޮޑެތި ދަރުސްތަކެވެ. މި އާޔަތްތަކާއި މި ސޫރަތުގެ މާނައާއި މެދު ފުންކޮށް ވިސްނާށެވެ! އިބުރަތެއް ހާސިލްކޮށްފިމީހާ އިރާދަކުރެއްވިއްޔާ ދައްޖާލުގެ ފިތުނައިން ސަލާމަތްވާނެއެވެ.
ހަވާލާ: މުސްތީ މެންކް
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން