"ސަލާމަތްވެގެންވާ ހިތް" މި މައުޞޫޢު އަށް މިއަދު އިއްވި ޚުތުބާގައި ބުނެފައި ވަނީ އީމާންކަމުން ފުރިގެންވާ ހިތަކަށް މެނުވީ މި ދުނިޔޭގައި ރަނގަޅު ހަޔާތެއް ނުލިބޭނެ ކަމަށެެވެ. އަދި އާޚިރަތް ދުވަހުން މަތިވެރި މަޤާމެއް ލިބޭނީ ވެސް ހިތް ރަނގަޅުވެގެން ކަމަށެވެ. ޚުތުބާގައި ބުނީ ކުފުރާއި ފާސިގުކަމުން ފުރިފައިވާ ހިތެއްގެ ވެރިއަކަށް ލިބޭނީ މާތް ﷲ ގެ ކޯފާ އާއި މީސްތަކުންގެ ރުޅިވެރިކަން ކަމަށެވެ.

މީގެއިތުރުން އިންސާނާ ހައްދަވާފައި ވަނީ މާއްދީ ހަށިގަނޑާއި، ރޫހާނީ ފުރާނަ އާއި އެކުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އިންސާނާ އަށް މި ހަޔާތުގައި އޭނާގެ ދައުރު އަދާކުރެވޭނީ ރޫހާނީ ބަޔަށް އިސްކަންދީ އެބައި ފުރިހަަމަކޮށްގެން ކަމުން، އެކަން ކުރުމަށް ޓަކައި އިންސާނާ އަށް ބޭނުންވާ ލަގަނަކީ އޭނާގެ ހިތް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. މާތް ﷲ ގެ ފޮތުގައި ވެސް ހިތްތަކުގެ ހާލަތުތައް ބަޔާންކުރައްވާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ހާލަތަކީ ސަލާމަތުންވާ ހިތް ކަމަށް ޚުތުބާގައި ވެއެވެ. އޭގެ މާނައަކީ ކުފުރުގެ އެއްވެސް ކިލަނބުކަމެއް ނެތް، ނިފާގުގެ އެއްވެސް އަސަރެއް ނެތް، ޝަހުވަތްތަކާއި، ފުދުންތަކުން އެއްކިބާވެފައިވާ ހިތެއް ކަމުގައި ބުނެފައިވެއެވެ.

ހިތްތަކުގެ އަނެއް ހާލަތަކީ މާތް ﷲ އަށް ކާފިރުވެ، މާތް ﷲ ގެ ބަސްފުޅަސް އުރެދުމުގެ މަތީގައި މަރުވި ހިތެވެ. އަދި ތިން ވަނަ ހާލަތަކީ ބަލިމަޑުކަމުގެ ހާލަތުގައިވާ ހިތް ކަމަށް ވަނީ ބުނެފައެވެ. އެއީ އީމާންކަން މަތީ ސާބިތު ނުވެވި މުނާފިގުކަން އެ ހިތުގައި އެނބުރޭ ހިތެވެ. މުށްވަރެއްހާ ކުޑަ ބިންކޮޅުގައި އީމާންކަމުގެ ގަސް އިންދާ މަތިވެރި އަހުލާގުގެ ކާދުން އެ ގަހަށް ކާންދީ އިހުލާސްތެރިކަމުން ފެންދީ ހައްދައިފި ނަމަ، އެ ގަހުގައި އަލާ މޭވާ ފޮނިވާނެ ކަމަށް ޚުތުބާގައިވެއެވެ. އަދި ބަސްތަކާއި އަމަލު ރިވެތިވާނެ ކަމަށާއި އެއާއި ޚިލާފަށް ބިމުގައި ކުފުރުގެ ގަސްއިންދާ އުރެދުންތެރިކަމުގެ ފެނުން ފެންދީފި ނަމަ އެ ގަހުގައި އަލާނެ މޭވާ އަކީ ނުބައި އަމަލުތައް ކަމަށް ވަނީ ބުނެފައެވެ. އެ ގަސް ވާނީ ޖަހަންނަމައިގެ ދަރަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެެ. އެ ދަރުން އެންމެ ފުރަތަމަ އަނދާނީ އެ ގަސް އިންދާ މީހާގެ އަތް ކަމަށް ވެސް ވަނީ ބުނެފައެވެ.

ޚުތުބާގައި އިތުރަށް ބުނެފައި ވަނީ ހިތަށް އަރަބި ބަހުން ކިޔާ ނަމުގެ މާނައަކީ ފުރޮޅުން ކަމަށެވެ. ހިތަށް އެ ނަން ކިޔުނީ ފުރޮޅޭލެއް ބޮޑުކަމުން ކަމަށާއި ހާލަތު ބަދަލުވާ ގޮތް އަވަސްވުމުން ކަމަށް ބުނެފައިވެއެވެ. އެހެންކަމުން ހިތް ރައްކާތެރިކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށާއި ކޮންމެ އިންސާނަކު ވެސް އޭނާގެ ނިމުން ހެޔޮ އަމަލުތަކުން ނިންމާލެވޭތޯ ގަދަ އަޅާ މަސައްކަތްކުރަން ވާނެ ކަމަށް ވަނީ ބުނެފައެވެ.