ޔަހޫދީންގެ ހިތްތަކަކީ ހަރު ހިލައަށް ވުރެވެސް ހަރުވެފައި، ރަޙުމެއް ނެތް ހިތްތަކެއް ކަމަށް ކީރިތި ޤުރްއާނުގެ އަލްބަޤަރާ ސޫރަތުގައި ވަނީ އަންގަވައިފައެވެ. ބަގަރާގެ މާނައަކީ "ގެރި" އެވެ. އެ ސޫރަތަށް މި ނަން ދެއްވުން ގުޅިފައިވަނީ ވެސް މޫސާގެފާނުގެ ޒަމާނުގައި ތިބި ބަނީ އިސްރާއިލު މީހުންގެ ތެރޭގައި ހިނގި މަރުގެ މައްސަލައެއްގައި ގެރިއެއް ކަތިލުމަށް މާތް ﷲ އަމުރުކުރެއްވި ހާދިސާއާ ގުޅިގެންނެވެ. މި ހާދިސާގެ ވާހަކައަށް ފަހު އެ ސޫރަތުގައި އަންގަވައިފައި އޮތީ ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި އެމީހުންގެ ހިތްތައް ހިލައަށް ވުރެ ވެސް ހަރު ކުރައްވައިފައިވާ ކަމުގެ ވާހަކަ އެވެ.

މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ. ﴿ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الأَنْهَارُ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاء وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللّهِ وَمَا اللّهُ بِغَافِلٍ عَمَّا تَعْمَلُونَ﴾ (البقرة: 74)  މާނައީ: "ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ހިލަޔާ އެއްފަދައިން ނުވަތަ އެއަށްވުރެން ވެސް ހަރުވެގެން ދިޔައެވެ. ހަމަކަށަވަރުން، ހިލައިގެ ތެރޭގައި ވެސް އެއިން ފެންއާރުތައް ދެމިގެންދާ ހިލައާއި، ފަޅަފަޅައިގެންގޮސް ފެންނިކުންނަ ހިލައާއި، ﷲ އަށް ބިރުވެތިވެ ވެއްޓިގެން އަންނަ ހިލަވެސް ވޭމެއެވެ. އަދި ތިޔަބައިމީހުން ކުރާ ޢަމަލުތަކާ މެދު ﷲ ޣާފިލުވެވޮޑިގެން ނުވެތެވެ."

މި އާޔަތް ބާވައިލެއްވުނީ ބަނީ އިސްރާއީލު މީހުންނާ މެދުގައި ކަމަށް އަލްޙާފިޡު އިބްނު ކަޘީރު رَحِمَهُ ٱللَّٰهُ ވިދާޅުވެފައި ވެއެވެ. އެބައިމީހުންގެ މައްޗަށް ފޮނުއްވެއްވި އެތައް މުޢްޖިޒާތްތަކާއި، މަރުވެފައިވާ މީހުން ދިރުއްވުންފަދަ އެއްވެސް ކަމަކުން އެ މީހުންނަށް ޢިބަރަތެއް ޙާޞިލު ނުވުމުން މާތް ﷲ އެބައިމީހުންގެ ހިތްތައް ހަރު ހިލައަށް ވުރެ ހަރު އެއްޗަކަށް ބަދަލުކުރެއްވިއެވެ.

ބަނީ އިސްރާއީލު މީހުން ނުކިމަންތެރިކަމުގައި ހައްދު ފަހަނައަޅައިގޮސްފައި ވާތީ އާއި އެބައިމީހުންގެ އުރެދުންތެރިކަން ބޮޑުވެފައިވީ ކަމަށްޓަކައި، އެބައިމީހުންނަށް ހުރި ޢުޤޫބާތެއްގެ ގޮތުގައި އެބައިމީހުންގެ ހިތްތައް ހަރު އެއްޗެތި ތަކެއް ކަމުގައި ލެއްވެވީއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿فَبِمَا نَقْضِهِم مِّيثَاقَهُمْ وَكُفْرِهِم بَآيَاتِ اللّهِ وَقَتْلِهِمُ الأَنْبِيَاءَ بِغَيْرِ حَقًّ وَقَوْلِهِمْ قُلُوبُنَا غُلْفٌ بَلْ طَبَعَ اللّهُ عَلَيْهَا بِكُفْرِهِمْ فَلاَ يُؤْمِنُونَ إِلاَّ قَلِيلاً﴾ (النساء : 155)  މާނައީ: "ފަހެ، އެއުރެންގެ ޢަހުދު އުވައިލައި، އަދި އެއުރެން ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އަދި ޙައްޤަކައިނުލައި ނަބީބޭކަލުން ޤަތުލުކޮށް، އަދި ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކެކޭ ބުނެ އުޅުމުގެ ސަބަބުން، (ތިމަން ރަސްކަލާނގެ އެއުރެންނަށް ލަޢްނަތް ލެއްވީމެވެ.) އަދި ކިއެއްތަ! އެއުރެން ކާފިރުވުމުގެ ސަބަބުން އެ ހިތްތަކުގައި ﷲ ސިއްކަޖައްސަވައިފައި ވެއެވެ. ފަހެ، އެއުރެންކުރެ މަދުބަޔަކު މެނުވީ އީމާނެއް ނުވާނެތެވެ."

ކަންމިހެން އޮތްއިރު، ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލު ޢާންމުތަކާއި، އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކަކީ ޙައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. ޔަހޫދީންނަކީ ނަބީކަމުގެ ޒަމާނުގައި ނަބިއްޔުން ޤަތުލުކޮށް އުރެދުމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ ބައެއްކަން، އިސްވެ ބަޔާން ކުރެވުނު އާޔަތްތަކާއި އަދި އެ ނޫން އާޔަތްތަކުގައި ވެސް ވަނީ އަންގަވައިފައެވެ.

 

(ޔަހޫދީންގެ ހިތްތަކަކީ ހަރު ހިލަތަކެއް! - އައްޝައިޚް ހަސަން މޫސާ ފިކްރީ؛ ދީނުގެ މަގު، އަހަރު 3، އަދަދު 47، ޞ.2 - 17 ނޮވެންބަރު 2023)