ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ދެއްވާ ނިޢުމަތްތަކުގެ ބޮޑުކަމާއި މުހިންމުކަން ގިނަފަހަރަށް ތަސައްވުރުވަނީ އެ ނިޢުމަތެއް ބީވެ ދިއުމުންނެވެ. ހަށިގަނޑުގެ ކޮންމެ ހިސާބަކުން ވެސް ފެންނަނީ އިލާހީ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. އެ އިލާހު ލައްވައިފައިވާ ނިޒާމުތަކާއި އެ ނިޒާމުތަކުގެ ހަރަކާތަށް ބޭނުންވާ އެތައް ބައިވަރު ގުނަވަންތަކެވެ. އެ ގުނަވަންތަކުގެ ކުޑަކަމާ ނާޒުކު ކަމާ އެކު ވެސް، މަސައްކަތް ކުރާލެއް ފުރިހަމަ ކަމެވެ. އެހެނަސް އެ ގުނަވަންތަކާއި ނިޒާމުތަކުން އަޅުގަނޑުމެންނަށް ކުރާ ފައިދާތަކާ މެދު ވިސްނާ ފިކުރުކޮށް ނުލެވެއެވެ. އަދި އެ ނިޒާމުތައް ހަށިގަނޑުގައި ލެއްވި ޚާލިޤުވަންތަ އިލާހަށް ޝުކުރުވެރިވުމުގެ ބަދަލުގައި ހަރާންކޯރުވެވޭ ފަހަރުތައް ވެސް ވަރަށް ގިނައެވެ.
މި ނިޒާމުތަކުގައި ﷲ ޠަޢާލާ ލައްވައިފައިވާ އަޖައިބުން ފުރިގެންވާ ގުނަވަނެއް ވެއެވެ. އެއީ ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި މާއްދާތައް ހަށިގަނޑުން ބޭރުކުރާ ނިޒާމުގެ އެންމެ އިސް ރޯލެއް އަދާކުރާ މަޒުކަޒެވެ. ދިރިހުރުމުގެ ރަމްޒުކަމުގައިވާ 'ލޭ' ސާފުކޮށްދޭ ފިލްޓަރު ސިސްޓަމެވެ. ލޭގެ ޕްރެޝަރު ރަނގަޅު ވަރެއްގައި ހިފެހެއްޓުމުގެ ބޮޑު ޒިންމާ ޙަވާލުވެފައިވާ ރެގިއުލޭޓަރީ ނިޒާމެވެ. އާދެ "ގުރުދާ" ނުވަތަ އިނގިރޭސި ބަހުން ނަމަ، ކިޑްނީ އެވެ.
އިންސާނާގެ ހަށިގަނޑުގައި ދެ ކިޑުނީ ހުންނައިރު، މީގެން ކިޑުނީއެއްގެ ބޮޑުމިނަކީ އަތްތިލަ މުއްކެވުމުން، ފެންނަ މުށުގެ ސައިޒެވެ. އިންސާނުންގެ ހަމަލޮލަށް ނުފެންނަ ވަރުގެ އެއް މިލިއަނަށްވުރެ ގިނަ ކުދިކުދި ފިލްޓަރުތަކެއް، ކޮންމެ ކިޑުނީއެއްގައި ހުރެއެވެ. ނެފްރޯންގެ ނަމުން ނަންދީފައިވާ މި ފިލްޓަރުތަކުން ދުވާލެއްގެ މައްޗަށް 180 ލީޓަރުގެ ލޭ ސާފުކޮށް ފިލްޓަރުކޮށްދޭއިރު އަޅުގަނޑުމެންނަށް ރޭކާވެސް ނުލައެވެ. ލޮލަށް ވެސް ނުފެންނަ މި ކުދިކުދި ފިލްޓަރުތަކަކުން ލޭ ސާފުކޮށްދިނުމުގެ ހަރަކާތް އަބަދު ދަނީ ހަށިގަނޑުގައި ހިނގަމުންނެވެ. މި ނިޒާމަށް ކުޑަވެސް ލޮޅުމެއް އަރައިފި ނަމަ މަރުގެ ތުންފަތް މައްޗަށް އިންސާނާ ހުށަހެޅޭނޭ ކަން ހިތަށް އަރަނީ ކިތައް ފަހަރު ބާއެވެ؟ ކިޑުނީ ރަނގަޅަށް މަސައްކަތް ނުކުރާ ނަމަ ދެން މި ޖެހެނީ އިންސާނާގެ ހަށިގަނޑުގައި ހުރި ލޭ އެ ހަށިގަނޑުން ބޭރުކޮށް ޑައިލަސިސް މެޝިން ތެރެއަށް ފޮނުވައި، އެ މެޝިން ތެރޭގައި ލޭ ސާފުކުރުމަށް ފަހު އަނބުރާ ހަށިގަނޑުގެ ތެރެއަށް ގެންނާށެވެ. ޑައިލަސިސް މެޝިނަކީ ކިޑުނީއާ އަޅާބަލާއިރު ވަރަށް ބޮޑު މެޝިނެކެވެ.
ކިޑުނީ ފެއިލްވުމުން ލޭ ސާފުކުރުމުގެ މަސައްކަތް މި ބޮޑު މެޝިނުގެ އެހީގައި ކުރެވުނަސް އެއީ ވަރަށް އުނދަގޫ ކަމެކެވެ. ވޭންދެނިވި ޙާލުގައި އެތައް އިރެއް އެނދުމަތިކޮށްފައި ބާއްވަންޖެހެއެވެ. މިގޮތަށް ލޭ ސާފުކުރުމަށް ބޮޑު ޚަރަދެއް ކޮށްގެން ޑައިލަސިސް ހަދާއިރު، ސަލާމަތް ސިއްޙަތުގައި ހުރި ދުވަހު އެއްވެސް އަގެއް އެ ކަމަށް ދައްކާކަށް ނުޖެހުނެވެ. އެ ހަރަކާތް ހަށިގަނޑުގައި ހިނގާކަން ވެސް ނޭނގެއެވެ. އަދި އަޅުގަނޑުމެން ހެއްދެވި އިލާހަށް އުރެދި، ކުށްތަކަށް އަރައިގަނެ ފާފައިގެ ތެރޭގައި ޣަރަގުވަމުންދާއިރު ވެސް ކިޑުނީގައިވާ ލޮލަށް ނުފެންނަ މި ކުދިކުދި "ޤުދުރަތީ ޑައިލަސިސް މެޝިންތަކުގައި" (ނެފްރޯންތަކުގައި) އަޅުގަނޑުމެންގެ ލޭ އަބަދު ސާފުވޭވޭ ހުރެއެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ލީޓަރެއްގެ ލޭ މި ނިޒާމުގެ ތެރެއިން ސާފުވާއިރު މި ކަމަށް އެންމެ ލޯލާރިއެއް ވެސް ދޭކަށް ނުޖެހެއެވެ.
މިފަދަ ނިޢުމަތްތަކުގެ މަތިން ގިނަގިނައިން ވިސްނާ ފިކުރުކުރުމަކީ އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް އިސްލާޙުކުރުމަށް އެޅޭނެ ވަރަށް ބޮޑު ބާރެކެވެ. ﷲ ތަޢާލާ އަޅަމެން އެންމެންނަށް ފުރިހަމަ ސިއްޙަތާއި ޢާފިޔަތު މިންވަރު ކުރައްވާށިއެވެ!
(ތިބާގެ ލޭ ސާފުކުރުމުގެ އަގު ދައްކައިފިންތޯ؟ - އައްޝައިޚް މުޠީޢު އިސްމާއިލް މުޙައްމަދު – އަހަރު 3 އަދަދު 44 – 12 ރަބީޢުލް އާޚިރު 1445)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން