އިންސާނާ އަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ކާބޯތަކެއްޗަކީ އޭގައި ދެ ދުނިޔޭގެ ފައިދާ ލައްވައިފައިވާ އެއްޗެކެވެ. ދުނިޔޭގައި ހެލިފެލިވެ އުޅުމަށާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ކާނާ އިން އެހީވެދެއެވެ. ދުނިޔޭގައި ހެލިފެލިވަނީ ދިރިއުޅުމުގެ ހާޖާތްތައް ފުއްދުމަށާއި އަޅުކަން ކުރުމަށެވެ. އަޅުކަން ކުރުމަކީ އާޚިރަތް ބާއްޖަވެރި ވާނޭ މަގެވެ. އަދި ހަމައެހެންމެ ކާނާގެ ގޮތުގައި ﷲ ލައްވައިފައިވާ ތަކެތި ދުނިޔެއަށް ފޮނުއްވަވާ ގޮތަކީ އިންސާނާ އަށް އުޚްރަވީ ޙަޔާތް ހަނދާންކޮށްދޭ ކަމެކެވެ. މާތްﷲ ވަޚީކުރެއްވިއެވެ. ﴿فَلْيَنظُرِ ٱلْإِنسَـٰنُ إِلَىٰ طَعَامِهِۦٓ ﴾ (އަބަސަ: 24) މާނައީ: "ފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފައިހުށިކަމެވެ!"
ﷲ ފޮނުއްވަނީ ވާރޭފެނެވެ. އެ ފެނުން ގަސް ފަޅުއްވަތެވެ. އެ ގަސްތަކުން ތަފާތު ބާވަތްބާވަތުގެ ކާނާ ނެރުއްވަތެވެ. ﷲ ވަޚީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރީން އަޖައިބުކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައި ވަނީ، ގަދަފަދަވެގެންވާ ޢަޒާބެވެ. އަދި ﷲގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ." (އަލް-ޙަދީދު: 22)
ދަނޑުފަނގުގައި ލެއްވި ކާނާގެ އިތުރަށް ކަނޑުތަކުގައި ވެސް އެކަލާނގެ ކާނާ ލެއްވިއެވެ. އެއީ ރަށުތިބީންނަށާއި ދަތުރުވެރީންނަށް ވެސް އެއިން މަންފާކުރަނިވި ގޮތުގައެވެ. ﷲ ވަޚީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކަނޑުގެ ކެޔޮޅުކަން ކުރުމާއި، އެ ކަމުން ލިބޭ ކާތަކެތި ތިޔަބައިމީހުންނަށް ޙަލާލުކުރައްވައިފައިވެއެވެ. (އެއީ) ތިޔަބައިމީހުންނަށާއި، ދަތުރުވެރިންނަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ." (އަލް-މާއިދާ: 96)
އަދި ހަމައެހެންމެ އެއްގަމުގައި ދިރިއުޅޭ ނަޢަމްސޫފި ވެސް ކާނާގެ ގޮތުގައި ލެއްވެވިއެވެ. އަން-ނަޙްލު ސޫރަތުގެ 5 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އަދި އެ ކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ނަޢަމްސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައި ވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ."
އެއްކައުވަންތަ އިލާހެއްގެ ކަށަކުޅަދުންވަންތަ ކަމާއެވެ. ޚަލްޤުތަކުންނަށް ބޭނުންވާ ހުރިހައި ތަކެއްޗެއް އެބައިމީހުން ދިރިއުޅޭ މާހައުލުގައި ލެއްވެވީ އެ މީހުންނަށް އެ ކަމުގެ އުނދަގުލެއް ތުރާލެއް ނުވާ ގޮތުގައެވެ. އަދި ކިޔެއް އެ ތަކެތީން އިތުރު މަންފާއާއި ފައިދާ ވެސް ލިބޭ ގޮތުގައެވެ. އިލާހީ ނިޢުމަތްތަކަކީ ގުނާ ޢަދަދުކުރެވޭ ވަރަށްވުރެ މާ ގިނަ ތަކެއްޗެވެ. ޝުކުރުވެރިވާ ހިތަކައިގެން ﷲއަށް ޙަމްދު ކުރާށެވެ!
(ފަހެ، ތިޔަބައިމީހުން ކާތަކެއްޗަށް ނުބަލަނީ ހެއްޔެވެ؟ - އައްޝެއިޚް މުޙައްމަދު އަފްޟަލް؛ ދީނުގެ މަގު، އަހަރު 4، އަދަދު 4، ޞ.1 – 26 ޖަނަވަރީ 2024)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން