ހާލުގައިޖެހި ގޮތްހުސްވެފައި ތިބި ބައެއްގެ ތިބާ އަޑުއެހީމުހެއްޔެވެ؟ އެއީ ވެސް ހަމަ އިންސާނުންނެވެ. އަދި ކިޔެއް އަޅުގަނޑުމެން ފަދަ މުސްލިމުންނެވެ. އާދޭހެވެ! ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނެވެ.

ފަލަސްޠީނަށް އިޒްރޭލުން ހަމަލާދޭން ފައްޓާ ދުވަސްކޮޅު މުޅި ދުނިޔޭގެ ނަޒަރު އެ ދިމާލަށް ހުއްޓެއެވެ. ނޫސްތަކުގެ ފަލަސުރުޚީތައް މި ޚަބަރުން ފުރައިލައެވެ. އަޅުގަނޑުމެންގެ މީސްމީޑިއާތަކުގައި ވަރަށް ގިނަ ތާޒާ ޚަބަރުތަކާއި އައު ފޮޓޯތަކާއި ވީޑިއޯތައް ހަލުވިކަމާ އެކު ދައުރުކުރެއެވެ. ދެން ވާގޮތެއް ނޭނގެއެވެ. އިސާހިތަކު އެކަން އެއްގޯސްވެ ކަމުގެ ފޯރި ކެނޑެއެވެ.

ޒަޔަނިސްޓު ޔަހޫދީންގެ އަނިޔާވެރިކަމުން ފަލަސްޠީނު ރައްޔިތުން އަމާންވީއެއް ނޫނެވެ. އެބައިމީހުންނަށް ކާފަރިންގެ މައްޗަށް ބާރުވެރިވެ ނަޞްރު ހޯދުނީއެއް ވެސް ނޫނެވެ. އަނިޔާވެރި ޔަހޫދީ ޒަޔަނިސްޓުންގެ ހަމަލާތައް ހުއްޓައިލީއެއް ވެސް ނުމެ ނޫންމެއެވެ. އަޅުގަނޑުމެންގެ ހިތްވަރު މުޅިން އެލުނީއެވެ. ވަރުބަލިވެ ފޫހިވީއެވެ. ފިނޑިވެ ނިކަމެތިވީއެވެ. އަނިޔާގެ ޚަބަރުތައް ފެތުރިޔަސް ނަތީޖާއެއް ނުނިކުންނާނޭ ކަމަށް ވިސްނުނީއެވެ. އެހެނަސް ދަންނަވަންތޯއެވެ! މި ހިންގާ އަނިޔާވެރި ޖަރީމާތަކުގެ ވާހަކައަކީ ހުއްޓައިނުލައި ދައްކަން ޖެހޭ މުހިންމު ވާހަކައެކެވެ.

އަނިޔާވެރިކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. މުސްލިމުންނަކީ އާންމުކޮށް މުޅި އިންސާނިއްޔަތަށް ލޯބިކުރާ ބައެއް ކަމުގައި ވާންޖެހޭނެއެވެ. ވަކީން ޚާއްޞަކޮށް މުސްލިމުން މުސްލިމުންނަށް އިޙުސާންތެރިވާން ޖެހެއެވެ. އިޙުސާންތެރީން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. ﴿إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ﴾ (ބަޤަރާ: 195) މާނައި: "ހަމަކަށަވަރުން، އިޙުސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ."

ފަލަސްޠީނުގެ ރައްޔިތުން އެދި ގޮވަނީ އެ މީހުންނަށް އިޙުސާންތެރިވުމަށެވެ. އަޅުގަނޑަށާއި ތިބާއަށް މިއަދު ކުރެވެން އޮތީ ކޮންކަމެއްތޯ ބަލައި އެ ކަމަކައިގެން އަވަސްވެ ގަންނަންވީ ވަގުތު އަތުވެއްޖެއެވެ. ﷲގެ މަގުގައި ޖިހާދުކޮށް މުސްލިމުން އަނިޔާވެރިކަމުން ސަލާމަތްކުރުމަށް ނިޔަތްގަތް މަތިވެރި މުޖާހިދުން ފަދައިން އަޅުގަނޑުމެން ވެސް އެ މަތިވެރި ޝަރަފު އެދެންވާނެއެވެ. އަނިޔާވެރީންގެ އަނިޔާގެ ވާހަކަ އާންމުކުރުން ހުއްޓައި ނުލާށެވެ! ފަލަސްޠީނު ރައްޔިތުންނަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ކޮންމެ ދުވަހަކު ފަތުރާށެވެ. ދުނިޔޭގެ ލޯތަކަށް އެ ކަން ދައްކާ މީހަކު ކަމުގައި، ތިބާ ވާށެވެ. ތިބާގެ އެ މަސައްކަތުން އެކަނި ވެސް އެތައް ބަޔަކަށް ފަލަސްޠީނު ރައްޔިތުންގެ ޙާލަތު އޮޅުން ފިލައިފާނެއެވެ. މިކަމަކީ ފަލަސްޠީނުގެ ނިކަމެތިންނަށް ޓަކައި ވެވޭ އިޙުސާންތެރިކަމެކެވެ.

 

(އަނިޔާވެރީންގެ އަނިޔާގެ ވާހަކަ އާންމުކުރުން ހުއްޓައި ނުލާށެވެ! - އައްޝެއިޚް މުޙައްމަދު އަފްޟަލް؛ ދީނުގެ މަގު، އަހަރު 4، އަދަދު 7، ޞ.1 –16 ފެބުރުވަރީ 2024)