ރަޖަބު މަހަށް ފަހު ޝަޢުބާން މަހެވެ. އެއަށް ފަހު ރަމަޟާން މަހެވެ. ކޮންމެ ރޯދަމަހެއް ވެސް އަންނަނީ މުސްލިމުންނަށް އެތައް އުންމީދުތަކެއް ދެމުންނެވެ. އީމާންކަން ތާޒާކުރުމުގެ ފުރުޞަތެކެވެ. ރޭ އަޅުކަމުގެ ތެރެއިން ﷲއާ ގާތްވުމަށް ލިބޭ ފުރުޞަތެކެވެ. ޞަދަޤާތް ދިނުމަށް ހިތްވަރުލިބޭ މޫސުމެކެވެ. ބަނޑުހައި ހޫނުކަމުގެ ފަހަތުގައި އޮންނަނީ ތަޤުވާވެރިކަން އިތުރުވުމެވެ.
ރޯދަމަހާ ކުރިމަތިލުމަށް ކޮންމެ މުސްލިމަކު ވެސް ހުންނަނީ ކެތްމަދުވެފައެވެ. ފާއިތުވި ދުވަސްތަކުގައި ދަށަށް ދިޔަ އީމާންކަން މަތިކޮށް ތާޒާކޮށްލުމަށެވެ. ނަމަވެސް ކަންހިނގައިދަނީ އެންމެ އެދެވޭ ގޮތަށް ނޫންކަން އެނގެނީ ރަމަޟާންމަސް ނިމި ޝައްވާލުމަހަށް ހަނދުބެލުމުންނެވެ.
ރަމަޟާންމަހަށް އުންމީދުކުރި ކަންތަކާއި ޙާޞިލުކުރަން ކަނޑައެޅި ލަނޑުދަނޑިތައް އޮންނަނީ ޙާޞިލުނުވެއެވެ. ޤުރުއާން ޚާތިމުކޮށެއް ނުނިމުނެވެ. ފަހުދިހައިގެ ރޭތައް އިޙްޔާއެއް ނުކުރެވުނެވެ. ވަގުތު ބޭކާރުވެގެން ދިޔައީ މުނިއަވަސްފިލުވުމުގައެވެ. ފިލްމުތައް ބެލުމުގައެވެ. ކުޅިވަރު ކުޅުމާއި ކުޅިވަރު ކުޅުވުމުގައެވެ. ފަހުންކުރަން ބެހެއްޓި ހެޔޮ ޢަމަލުތައް ފަސްފަހަށް ގޮސް މުޅިން ފަސްވެ ދިޔައީއެވެ. މިއީ ހަމައެކަނި މި ރާއްޖެއަށް ދިމާވެފައި އޮތް ކަމެެއް ނޫނެވެ. މުޅި އިސްލާމީ އުންމަތް ވަނީ މި ނިކަމެތި ޙާލަތަށް ވެއްޓިފައެވެ.
ރަމަޟާންމަހަށް ތައްޔާރުވާންވީ ހެޔޮ ގޮތަކީ ކޮބައިކަން ކޮންމެ މުސްލިމަކު ވެސް ދަންނާން ޖެހެވެ. ދީނީ ޢިލްމުވެރީން އެންމެ ބޮޑަށް ވިދާޅުވާ އެއް ވާހަކައަކީ ޞަޙާބީން މި ކަމުގައި ގެންގުޅުއްވި މަންހަޖުގެ ވާހަކައެވެ. އެބޭފުޅުން ހަ މަސް ކުރިން މި މަހަށް ތައްޔާރުވާ ވާހަކައެވެ. އަދި ރަމަޟާންމަހަށް ފަހު އެ މަހުގެ ޢަމަލުތައް ޤަބޫލު ކުރައްވައިތޯ ހަ މަސްދުވަސް ވަންދެން ދުޢާކުރައްވާ ވާހަކައެވެ. މިއިން އަޅުގަނޑުމެންނަށް އެނގެނީ ކޮން ކަމެއްތޯއެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ކަމުން ހާމަވަނީ އެބޭފުޅުން މާތް ﷲއަށް ބިރުވެތިވެވަޑައިގެންނެވި މިންވަރެވެ.
ރަމަޟާންމަސް ޝަރުޢު ކުރައްވައިފައިވުމުގެ ޙިކުމަތަކީ ﷲއަށް ތަޤުވާވެރިވުން ކަމުގައި އަންގަވައި ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވަނީ؛ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ." (އަލްބަޤަރާ: 183) މިފަދައިންނެވެ.
އެހެންކަމުން ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ﷲ ހަނދުމަކުރުން ގިނަކުރާށެވެ. އެ އިލާހު ނުރުއްސަވާ ކަންކަމާ ދުރުހެލިވާށެވެ. ރޯދަމަސް އައުމުގެ ކުރިން މި ކަންކަން ނަފުސުގައި ހަރުލެއްވޭތޯ މިހާރު މަސައްކަތް ފަށާށެވެ!
(ދުރައިލާ ރޯދަޔަށް ތައްޔާރުވޭ! - އައްޝެއިޚް މުޙައްމަދު އަފްޟަލް؛ ދީނުގެ މަގު، އަހަރު 4، އަދަދު 6، ޞ.1 –09 ފެބުރުވަރީ 2024)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން