އިސްލާމްދީން ބާރުއަޅާ ހިތްވަރުދެނީ ރަނގަޅު ޢާއިލާއެއް ބިނާކުރުމަށެވެ. މާތް ﷲއަށް ކިޔަމަންވާ ދަރީން ޢާއިލާގެ ތެރެއިން ތަރުބިއްޔަތުކުރުމަށެވެ. މި ކަންކަން ޙާޞިލްކުރުމަށް މުޅި ޢާއިލާ އެކުގައި މަސައްކަތްކުރާންޖެހެއެވެ.
މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. وَٱللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًۭا وَجَعَلَ لَكُم مِّنْ أَزْوَٰجِكُم بَنِينَ وَحَفَدَةًۭ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ ۚ أَفَبِٱلْبَـٰطِلِ يُؤْمِنُونَ وَبِنِعْمَتِ ٱللَّهِ هُمْ يَكْفُرُونَ (އަލް ނަހްލު: 72) މާނައީ: "އަދި ﷲ، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށް ޓަކައި، އަނބިންލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެ ދަރިން ލައްވައި، އަދި ރަނގަޅު ޙަލާލު ތަކެތިން، ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިއެވެ." މާތް ﷲ އަޅުގަނޑުމެންނަށް ހިތްވަރުދެއްވަވަނީ ޢާއިލީ ގުޅުން ވަރުގަދަކުރުމަށާއި އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށެވެ. އަދި ޢާއިލާގެ މެންބަރުންގެ މެދުގައި ލޯތްބާއި ކުލުނު އިތުރުކުރުމަށެވެ.
އަދިވެސް، މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًۭا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةًۭ وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ (އައް ރޫމް: 21) މާނައީ: "ތިޔަބައިމީހުންނަށް ޓަކައި ހަމަތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެ ކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެ އިލާހު ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ." ޢާއިލާއެއް ވާންޖެހޭނީ އެކަކު އަނެކަކަށް ރަޙުމުކުރާ، ޙަމްދަރުދީވާ ބަޔަކަށެވެ. އަދި އެއްބަޔަކު އަނެއްބަޔަކުދެކެ ލޯބިވާ އެއްބައިވަންތަ ބަޔަކަށެވެ. ޢާއިލާގައި ހަމަޖެހުމާއި އުފާވެރިކަން ދެމިއޮންނާނީ އޭރުންނެވެ.
ކޮންމެ އާއިލާއަކަށް ވެސް ބޭނުންވާ މުހިންމު އަސާސްތަކެއް ވެއެވެ. މައިންބަފައިން ދަރިންގެ ކިބައިން އަދި ދަރިން މައިންބަފައިންގެ ކިބައިން މިކަންކަން ބޭނުންވާނެއެވެ. އެއީ އެކަކު އަނެކަކަށް އަޅާލުމާއި ޙަމްދަރުދީވުމެވެ. މިއީ ޢާއިލާއަކަށް ކޮންމެހެން ބޭނުންވާ މުހިންމު އަސާސީ ސުލޫކެކެވެ. ގެއެއްގެ ތެރެއިން މި ސިފަތައް ނެތި ގޮސްފި ނަމަ އެ ޢާއިލާގެ ހިތްހަމަޖެހުން ގެއްލިހިނގައިދާނެއެވެ. ޢާއިލާތަކުގެ ޙާލަތު ގޯސްވަމުންދާ ބައެއް ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގައި އަވަދިނެތިވުމާއި، ޒިންމާތައް ގިނަވުމާއި، ދިރިއުޅުމުގެ ކަންކަމަށް ސަމާލުކަން ނުދީ މީސްމީޑިއާގެ ތެރެއަށް ގެއްލިގެންދިޔުން ހިމެނެއެވެ. ޚާއްޞަ ސަމާލުކަމެއް ދީގެން، ޢާއިލީ ގުޅުން ދަމަހައްޓަން ގަދައަޅައި މަސައްކަތްކުރަންޖެހޭ ޙާލަތަށް ގިނަ ޢާއިލާތައް ނުދޭތޯއެވެ؟
އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމްގެ ނަމޫނާއަށް ބައްލަވާށެވެ. ދަރީންނާއި ކާފަދަރިންގެ ތަރުބިއްޔަތާއި އަޚްލާޤުގެ ކަންކަމުގައި ބަހުގެ ގޮތުންނާއި ޖަޒުބާތީ ގޮތުން އިންތިހާއަށް ސަމާލުކަން ދެއްވައި، ލޯތްބާއި އޯގާތެރިކަން އިންތިހާއަށް ދެއްވިއެވެ. އެ ކުދިންނާ އެކު ކުޅުއްވައި އުޅުއްވިއެވެ. ސަމާސާކުރެއްވިއެވެ. އަދި ކަމެއްދަމެއް ބޮޑުވުމުން އެކަމަކާ ކަންބޮޑުވެވަޑައިގަތް ޙަމްދަރުދީވެވަޑައިގެންނެވިއެވެ.
ނަބަވީ އިރުޝާދުގެ ދަށުން އަޅުގަނޑުމެންގެ ދަރިންނަށް ވަގުތުދީ އެ ކުދިންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތްކުރާށެވެ. އެފަދައިން ޢާއިލާ އެކަތިގަނޑެއްގެ ގޮތުގައި ބިނާކުރުމަކީ މާތްވެގެންވާ ސުންނަތެކެވެ. އަދި ދަރީންނާ މެދު އަޅައިލާ އުޅެންވީ ވަކި އުމުރަކަށް ބަލައިގެންނެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެން ގޮސް ޒުވާންވެ މީހުންނާ އިން ކަމުގައި ވިޔަސް ދަރީންނާ މެދު ވިސްނައި އޯގާތެރިވާން ވާނެއެވެ. އެއީ ޚުދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަޞައްލަމް ވެސް ޢަމަލުފުޅު ކުރެއްވި ގޮތެވެ.
ދުޢާއަކީ އަޅުގަނޑުމެންނީ ޢާއިލީ ލޯތްބާއި ކުލުނު އުފައްދަން މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އަދި އެކަން ދަމަހައްޓަން ގަދައަޅައި މަސައްކަތްކުރާ ބަޔެއް ކަމުގައި ލެއްވުމެވެ.
(ޢާއިލީ ލޯތްބާއި ކުލުނު - މުޙައްމަދު ސަމޫހު ސަޢީދު؛ ދީނުގެ މަގު، އަހަރު 4، އަދަދު 8، ޞ.4 –23 ފެބުރުވަރީ 2024)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން