﴿ ثُمَّ إِنَّكُمْ يَوْمَ ٱلْقِيَـٰمَةِ تُبْعَثُونَ ﴾ (އަލް މުޢުމިނޫން: 16) މާނައީ: "ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޤިޔާމަތްދުވަހުން އަލުންދިރުއްވައި މަޙްޝަރަށް ފޮނުއްވާނެތެވެ. މިއީ މާތް ﷲގެ ވަޢުދުފުޅެވެ. ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އެކި މޭރުމުން މި ވާހަކަ ތަކުރާރު ކުރައްވައިފައި ވެއެވެ. މި ކަމަށް ދަލީލުކުރާ ބުއްދީގެ އެތައް ހެކިތަކެއް ދުނިޔޭގައި ލައްވައިފައި ވެއެވެ. އިރުއަރާ އޮއްސުމެވެ. ރޭދުވާ ތަކުރާރުވުމެވެ. ގަސްފަޅައި އޭގައި ގޮވާން ހަރުވުމާއި އެއަށްފަހު ގަސްތައް މަރުވެދިޔުމެވެ. ދެން ވާރޭފެނުގެ ސަބަބުން އަލުން ގަސްތައް ފެޅުމެވެ.
މި ޙަޤީޤަތް އިންސާނާގެ ލޯމަތީ ތަކުރާރުކޮށް ދައްކަވަނީ، އޭނާ އަށް ހަނދާންކޮށް ދެއްވުމަށެވެ. މި ދުނިޔޭގެ ދިރިއުޅުން ނޫން، އެހެން ޙަޔާތެއް ވާކަން އަންގައި ދެއްވުމަށެވެ. އެ ދިރިއުޅުން ބާއްޖަވެރި ކުރަން ދުނިޔޭގައި ކުރެވެން ހުރި ކަންކަމަށް މީހާ ނަޒަރުކުރުވުމަށެވެ. ނަމަވެސް ހިތާމައަކީ އުޚްރަވީ ހަޔާތުގެ މަންޒަރުތައް، މާއްދިއްޔަތުގެ ކުލަތަކުން ފަނޑުކުރާ ކަމެވެ.
މިއަދު އަޅުގަނޑުމެންގެ ކަންކަން މިންޖަހައި އިންކުރަނީ، މިދުނިޔެއަށް ލާނޭ އެންމެ ފަހުގެ ނޭވާޔާ ހަމައަށޭ ދެންނެވުމަކީ ދޮގަކަށް ވެދާނެބާއެވެ؟ މަރުވުމުގެ ކުރިއަށް އެވެނިމިވެނި ކަމެއް ކުރުމަށެވެ. މަރުވެދިޔުމަށް ފަހު ދަރީންނަށް ދިރިއުޅެވޭނޭ ތަނަވަސް މަގެއް ހޯދައި ދިނުމަށެވެ.
ދުނިޔޭގެ ދިރިއުޅުމަށް މަސައްކަތް ކުރުން އެއީ ނެތް ކަމެކޭ ނުދަންނަވަމެވެ. އެހެނަސް އަދުގެ ޅަ ޖީލަށް، މަންމައެއްގެ ޙައިޘިއްޔަތުން ނުވަތަ ބައްޕައެއްގެ ޙައިޘިއްޔަތުން ކިޔައިދޭންވީ އެންމެ މުހިންމު ފިލާވަޅަކީ އާޚިރަތްދުވަހަށް އީމާންވުމުގެ ފިލާވަޅެވެ. ދުނިޔޭގެ ކޮންމެ "މުސްތަޤުބަލެއްގެ" އެންމެ ފަހު ވަގުތަކީ އާޚިރަތުގެ ފެށުމެވެ.
ދަންނާށެވެ! ދަރިންގެ މުސްތަޤުބަލަކީ، މަރުވުމަށް ފަހު އޮތް އުޚްރަވީ ޙަޔާތެވެ. އުޚްރަވީ ޙަޔާތް ކާމިޔާބުކޮށްފި ދަރިޔަކު އޭނާގެ މުސްތަޤުބަލު ފުރިހަމަ ގޮތުގައި ހޯދައިފިއެވެ. އޭނާގެ އުޚްރަވީ ޙަޔާތް ނާކާމިޔާބުވީ މީހާއަށް އޭނާގެ މުސްތަޤުބަލު ނަގައިލެވިއްޖެކަން ކަށަވަރެވެ.
އިންޝިޤާޤު ސޫރަތުގައި ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "ފަހެ، އެ މީހެއްގެ ގަތް، އެ މީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! ފަހެ، ލުއިފަސޭހަވެގެން ވާ ޙިސާބު ބެއްލެވުމަކުން، ނިކަންހުރެ އެ މީހަކާ މެދު ޙިސާބު ބައްލަވާނެތެވެ. އަދި އުފަލުން ހުރެ، އޭނާގެ އަހުލުވެރިންގެ ގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ. އަދި އެ މީހެއްގެ ފަތް، އެ މީހެއްގެ ފުރަގަހުން (ވާތަށް) ލިބުނު މީހާ ދަންނާށެވެ! ފަހެ، ނިކަންހުރެ އެ މީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ." (ސޫރަތުލް އިންޝިޤާޤު: 7-12)
(ދަރިންގެ މުސްތަޤުބަލަކީ، މަރުވުމަށްފަހު އޮތް އުޚްރަވީ ޙަޔާތެވެ. - އައްޝެއިޚް މުޙައްމަދު އަފްޟަލް؛ ދީނުގެ މަގު، އަހަރު 4، އަދަދު 8، ޞ.1 –23 ފެބުރުވަރީ 2024)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން